Rute 4

DIV

1 މިވަގުތު ބޫޢަޒު އެރަށުގެ މިފަދަ ޖަލްސާތަކަށް އެއްވާ ތަނަށް ހިނގައްޖެއެވެ. އޭރު ރަށުގެ ކަމުވޮށިވެގެންވާ މީހުން އެތަނަށް އައިސް ތިއްބެވެ. ދެން އެތަނަށް އަލީމާލިކުގެ އެންމެ ގާތް ތިމާގެ މީހާ އައުމުން އޭނާ ބުންޏެވެ. ”⁠އައިސް މިތާ އިށީނދޭ.⁠“ ދެން އޭނާ އިށީނދެއްޖެއެވެ.

2 އަދި ދިހަ ބޮޑުން އެތަނަށް ގެނެސް ބުންޏެވެ. ”⁠މިތާ އިށީނދޭ!⁠“ ދެން އެމީހުން ވެސް އިށީނދެއްޖެއެވެ.

3 ބޫޢަޒު މިގާތް ތިމާގެ މީހާއާއި މުޚާތަބު ކޮށް ބުންޏެވެ. ”⁠ނުޢުމީ މުއާބުން އެނބުރި މިރަށަށް އަތުވެއްޖެ. އަދި މިހާރު އޭނާ ގަސްތު ކުރަނީ އަހަރެމެންގެ ގާތްތިމާގެ މީހެއް ކަމަށްވާ އަލީމާލިކުގެ މައްޗަށް އޮތް ބިން ވިއްކާލުމަށް.

4 ވީމާ ކަލެއަކީ އަލީމާލިކުގެ އެންމެ ގާތް ތިމާގެ މީހާ ކަމުގައި ވާތީ މިބިން ގަތުމުގެ ޙައްޤު ކަލެއަށް ލިބިގެން ވޭ. ކަލޭ މި ބިން ގަތުމަށް އެދޭ ނަމަ ހަމަ މިހާރު ކަލެއަށް މިބިން ގަނެވިދާނެ. އަދި މިތިއްބެވި ދިހަ ބޮޑުންގެ މީހުންނާއި އަދި މިތާގައިވާ ހުރިހާ މީހުން އެކަމަށް ހެކިން ކަމުގައި ވާނެ. އަދި މިބިން ގަތުމަށް ކަލޭ ނޭދޭ ނަމަ މިކަން އަހަރެންނަށް އަންގައި ދިނުން ވެސް އެދެން. އެއީ ކަލެއަށް ފަހު ގާތް ތިމާގެ ގޮތުން ދެވަނައަށް ހުރި މީހަކީ އަހަރެން.⁠“

5 ބޫޢަޒު އޭނާއަށް ބުންޏެވެ. ”⁠ކަލޭ އެބިން ނުޢުމީގެ އަތުން ގަންނަނީ ނަމަ ކަލޭ ނުޢުމީގެ ދަނބިދަރިފުޅު ރާޢޫތު އާއި ކައިވެނި ކޮށް އަދި އެކައިވެންޏަށް ފިރިހެން ދަރިއަކު ލިބިއްޖެނަމަ މިބިމުގެ ރަޖިސްޓަރީ އޮންނަން ވާނީ ރާޢޫތުގެ މަރްހޫމް ފިރިމީހާގެ ނަމުގައި.⁠“

6 އެމީހާ މީގެ ޖަވާބުގައި ބުންޏެވެ. ”⁠ކަންތައް އޮތީ ތިޔަހެން ކަމަށް ވާނަމަ އަހަރެން ތިޔަބިން ގަތުމަކަށް ނޭދެން. ސަބަބަކީ އަހަރެންގެ މިހާރު ވެސް އަނބި ދަރިން އެބަތިބި. އަދި ތިޔަ ބިން ރާޢޫތު އާއި އަހަރެންނަށް ލިބޭ ދަރިންގެ މެދުގައި ބަހަން ޖެހުމުން މައްސަލަ ޖެހޭނެ. ކަލޭ ތިޔަ ބިން ގަތުމަށް އަހަރެންގެ ފަރާތުން ލިބެން ޖެހޭ ހުއްދައެއް ވާނަމަ އެހުއްދައެއް އަހަރެން ކަލެއަށް ދީފީމު.⁠“

7 އެޒަމާނުގައި އިސްރާއީލުގައި ގަނެވިއްކުމުގެ ހުއްދަ ލިބިގަތުމަށް އެކަކު އަރާގެން ހުންނަ ފައިވާނުގެ އެއްކިބަ އަނެކަކަށް ދޭންޖެހޭއެވެ.

8 މިމީހާ ބޫޢަޒު މިބިން ގަތުމަށް އެއްބަސް ވުމަށް ފަހު އޭނާ އަރައިގެން ހުރި ފައިވާނުގެ އެއްކިބަ ބޫޢަޒުއަށް ދީފިއެވެ.

9 ބޫޢަޒު އަވަށުގެ ބޮޑުންނަށާއި އަދި އެތާނގައިވާ ހުރިހާ މީހުންނަށް ބުންޏެވެ. ”⁠އަހަރެން މިއަދު ނުޢުމީގެ މަރްހޫމް ފިރިމީހާ އަލީމާލިކުގެ މައްޗަށާއި އޭނާގެ ދެފިރިހެން ދަރިން ކިލްޔޫން އާއި މަޙުލޫންގެ މައްޗަށް މިލްކުވެގެންވާ ބިން ނުޢުމީގެ އަތުން ގަތް ކަމަށް ތިޔަ އެންމެހައި ބޭކަލުން ހެކިވެ ލައްވާ.

10 އަދި އަހަރެން މަޙުލޫންގެ ހުވަފަތް ވެފައިވާ މުއާބީންގެ ރާޢޫތު އާއި ކައިވެނި ވުމަށް އެއްބަސްވި ކަން މައްޗަށް ވެސް ތިޔަ އެންމެހައި ކަލުން ހެކިވެ ލައްވާ. އަދި އަހަރެން މިފަދައިން ކަންތައް ކުރުމުން އޭނާގެ ދަރިކޮޅުގައި މިބިން އޭނާގެ މިލްކެއްގެ ގޮތުގައި ދަމަހައްޓާނެ މީހަކު އަތުވެދާނެ. އަދި މިއަވަށުގައި އޭނާގެ ނަން ދެމި ހުންނާނެ.⁠“

11 އަވަށުގެ ބޮޑުންނާއި އަދި ވެސް އެތާނގައި ވީ ހުރިހާ އެންމެން ބޫޢަޒުއަށް ބުންޏެވެ. ”⁠އަހަރެމެން ތިޔަ ކަންތައްތަކަށް ހެކި ވެއްޖައީމު. މާތްރަސްކަލާނގެ ކަލޭގެ އަންހެނުންނަށް އެކަލާނގެ ޔަޢުޤޫބުގެފާނުގެ ދެއަނބިކަބަލުން ލައިއަތު އާއި ރާޙީލް އަށް ދެއްވި ފަދަ ދަރިން ދެއްވާށި. އެ ދަރިން ވަނީ އިސްރާއީލުގެ ޤައުމު ބިނާކޮށްފައި. އަދި ކަލެއަކީ އަފްރާތާ ގަބީލާގައި މުއްސަންޖަކު ކަމުގައި ލައްވައި ބައިތުލަޙަމުގައި ބޮޑަކު ކަމުގައި ލައްވާފާނދޭވެ!

12 މިޒުވާން އަނބި ކަމަނާގެ ސަބަބުން ކަލޭގެ އާއިލާ ވެސް ތާމާރު އާއި ޔަހޫޛާގެ ދަރިކަލުން ފާރަޞްގެ އާއިލާ ފަދަ މަޝްހޫރު އާއިލާއެއް ކަމުގައި މާތްރަސްކަލާނގެ ލައްވާ ހުށި!⁠“

13 ބޫޢަޒުއާއި ރާޢޫތުގެ ކައިވެންޏަށް ފަހު މާތްރަސްކަލާނގެ އެދެމީހުންނަށް ފިރިހެން ދަރިއަކު ދެއްވައި ރަޙުމަތް ލެއްވިއެވެ.

16 ނުޢުމީ މިކުޑަ ދަރިފުޅު ނަގައި އުނގަށްލައި އޭނާ ދަރިއެއް ފަދައިން ގެންގުޅެން ފެށިއެވެ.

17 ދެން އަވަށްޓެރި އަންހެނުންތައް އައިސް ”⁠ނުޢުމީ އަށް ދަރިއަކު ލިބިއްޖެޔޭ⁠“ ކިޔައިފިއެވެ. އޭނާގެ ނަމަކަށް އެމީހުން ކީ ޢޫބީދު އެވެ. އޭނާއަކީ ޔައްސާގެ ބައްޕައެވެ. އެއީ ދާއޫދުގެފާނުގެ ބައްޕަވެސް މެއެވެ.

18 މިއީ އެ ދަރިކޮޅު ފާރަޞްއިން ފެށިގެން ދާއޫދުގެފާނާ ހަމަޔަށް ދެމިގެން އައި ގޮތެވެ. ފާރަޞް އަކީ ޙަޞްރޫންގެ ބައްޕައެވެ.

19 ޙަޞްރޫންއަކީ ރާމުގެ ބައްޕައެވެ. ރާމު އަކީ ޢައްމީނާދާބުގެ ބައްޕައެވެ.

20 ޢައްމީނާދާބަކީ ނަޙްޝޫންގެ ބައްޕައެވެ. ނަޙްޝޫންއަކީ ސަލްމޫނުގެ ބައްޕައެވެ.

21 ސަލްމޫނު އަކީ ބޫޢަޒުގެ ބައްޕައެވެ. ބޫޢަޒު އަކީ ޢޫބީދުގެ ބައްޕައެވެ.

22 ޢޫބީދަކީ ޔައްސާގެ ބައްޕައެވެ. ޔައްސާއަކީ ދާއޫދުގެފާނުގެ ބައްޕަ އެވެ.

Ler em outra tradução

Comparar lado a lado