1 އަފްރާއިމުގެ ފަރުބަދަމަތީ ރަށެއް ކަމަށްވާ ރާމާތާއިމުއިންގައި އަލްޤާނާއޭ ކިއުނު މީހަކު އުޅުނެވެ. މީނާއަކީ އަފްރާއީމީ ދަރިކޮޅުގެ ޞޫފު އާއިލާގެ މީހެކެވެ. މީނާގެ ބައްޕައަކީ ޔަރޫހާމް އެވެ. ޔަރޫހާމްއަކީ އަލީހޫގެ ދަރިއެކެވެ. އަލީހޫއަކީ ތޫޙޫގެ ދަރިއެކެވެ. ތޫޙޫއަކީ ޞޫފުގެ ދަރިއެކެވެ.
2 އަލްޤާނާގެ ދެ އަނބިން ތިއްބެވެ. އެކަކީ ޙައްނާ އެވެ. އަނެކަކީ ފަނިންނާއެވެ. ފަނިންނާއަށް ވަނީ ދަރިން ލިބިފައެވެ. އެކަމަކު ޙައްނާގެ ދަރިއަކު ނެތެވެ.
3 ކޮންމެ އަހަރަކު އަލްޤާނާ އޭނާގެ ރަށުން ފުރައިގެން ޝީލޫހަށް ދަތުރު ކުރެއެވެ. އެމީހުން ޝީލޫހަށް ގޮސް ކުޅަދުންވަންތަ މާތްރަސްކަލާނގެއަށް އަޅުކަންކޮށް ޤުރުބާނީ ވެދުން ކުރެއެވެ. މިރަށުގައި މާތްރަސްކަލާނގެ އިމާމުންގެ ގޮތުގައި އޭރު އުޅެނީ ޢާލީގެ ދެދަރިން ކަމަށްވާ ޚުފްނީ އާއި ފީނަޙާސް އެވެ.
4 ޤުރުބާނީ ވެދުންކުރާ ދުވަހެއް ނަމަ އަލްޤާނާ އޭނާގެ އަންހެނުން ފަނިންނާ އަށާއި އޭނާގެ ދަރިންނަށް އެ ޤުރުބާނީގެ މަސް ބައެއް ހަދިޔާ ކުރެއެވެ.
5 އަދި ޙައްނާއަށް އޭގެ ދެގުނަ ދެއެވެ. އެހެނީ ޙައްނާ ދެކެ އޭނާ ނުހަނު ލޯބިވެއެވެ. އެހެނަސް އޭނާއަށް މާތްރަސްކަލާނގެ ދަރިޔަކު ދެއްވާފައި ނުވޭމެއެވެ.
6 މާތްރަސްކަލާނގެ ޙައްނާއަށް ދަރިއަކު ދެއްވާފައި ނުވާތީ އޭނާގެ ހިތަށް ތަދު ކުރުމުގެ ބޭނުމުގައި ފަނިންނާ އޭނާއަށް ޖެއްސުން ކޮށް ހަދައެވެ.
7 މިކަންތައް ކޮންމެ އަހަރަކު ތަކުރާރު ވަމުން ދިޔައެވެ. ޙައްނާ މާތްރަސްކަލާނގެ ގެކޮޅަށް ދާ ކޮންމެ ފަހަރަކު ފަނިންނާ އޭނާއަށް ޖެއްސުން ކޮށް ރޮއްވާލައި ކާއެތިކޮޅު ވެސް ނުކެވޭވަރު ކޮށްލައެވެ.
8 އޭނާގެ ފިރިމީހާ އަލްޤާނާއަށް މިތަން ފެނުމުން އޭނާ އަހައެވެ. ”ކަލޭ ތިޔަހާ ވަރަށް ތިޔަ ރޮނީ ކީއްވެ؟ ކަލޭ ނުކައި ތިޔަ ހުންނަނީ ކީއްވެ؟ ކަލޭ ތިޔަހާ މޮޅިވެފައި ތިޔަ ހުންނަނީ ކީއްވެތަ؟ ކަލެއަށް ލިބޭނެ ދިހަ ފިރިހެން ދަރިންނަށް ވުރެން އަހަރެން ވަކި ދެރައީތަ؟“
9 އެއްފަހަރަކު ޤުރުބާނީ ވެދުންކުރަން ޝީލޫހަށް ދިޔަ ދަތުރެއްގައި ޤުރުބާނީ ކެއުމުގެ ކަންތައް ނިމުމުން ޙައްނާ އެތަނުން ތެދުވެގެން މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވަން ދިޔައެވެ. އޭރު ޢާލީ އިމާމު އާދައިގެ މަތިން ގެކޮޅުގެ ދޮރުމަތީ ގޮނޑިއެއްގައި އިނެވެ.
10 ޙައްނާ ހިތް ފަޅައިގެންދާ ފަދަ ހިތްދަތި ކަމާއެކު ރޮއިރޮއިފައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައި ނަދުރެއް ގަތެވެ.
11 ”ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!“
16 އަޅުގަނޑަކީ އެކަހަލަ ވިޔާނުދާ އަންހެނަކީމެއް ނޫން. އަޅުގަނޑު މިހާ ގިނައިރު ދުޢާ ދެންނެވީ އަޅުގަނޑު ދެރަވެ ހިތާމަވެރި ވެފައިވާ ވަރުން.“
17 ޢާލީ ޖަވާބުދިނެވެ. ”ސަލާމަތް ކަމާއެކު ދޭ! އިސްރާއީލުގެ ވެރި މާތްކަލާނގެ ކަލޭގެ ދުޢާ އިޖާބަ ކުރައްވާށި.“
18 ”މި ޚާދިމާ އާއި މެދު ތިޔަ ސާހިބު ރުހިގެން ވާހުށި.“ މިހެން ބުނެފައި އޭނާ އެތަނުން ގޮސް ކާއެއްޗެއް ކައިފިއެވެ. އޭރު އޭނާގެ މޫނުމަތީގައިވާ މޮޅިވެރިކަން ވަނީ ފިލާފައެވެ.
19 އޭގެ އަނެއްދުވަހު ވަރަށް ހެނދުނާ އެ އާއިލާގެ އެންމެން އެކުގައި ތެދުވެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް ފަހު އެނބުރި ރާމާއަށް ހިނގައްޖެއެވެ. އޭގެ ފަހުން އަލްޤާނާ އޭނާގެ އަންހެނުން ޙައްނާއާ އެކު ރޭކުރިއެވެ. މާތްރަސްކަލާނގެ ޙައްނާގެ މަތިން ހަނދުމަފުޅު ކުރެއްވިއެވެ.
20 އޭގެ ފަހުން ޙައްނާ ބަލިވެއިނދެ ދުވަސް ފުރާ ފިރިހެން ދަރިޔަކު ވިހައިފިއެވެ. އެކުއްޖާއަށް އޭނާ ޞަމޫއީލް އޭ ކިޔައި ނަން ދިނެވެ. ”އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެދުނު ކަންތައް ހިންމަވައި ދެއްވި.“ އޭނާ އެނަން ކީ މިހެން ބުނަމުންނެވެ.
21 އަނެއް އަހަރު އަލްޤާނާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނީ ވެދުން ކުރާށާއި ނަދުރު ފުއްދުމަށް ގޯތީގެ އެންމެން ގޮވައިގެން ޝީލޫހަށް ދިޔައެވެ.
22 އެކަމަކު ޙައްނާ ނުގޮސް މަޑުކުރީ އެވެ. އޭނާގެ ފިރިމީހާގެ ގާތު ބުންޏެވެ. ”މި ދަރިފުޅު ކިރުތުނބުން ވީއްލެންދެން އަހަރެން ނުގޮސް ހުންނާނީ. އެއަށް ފަހު އަހަރެން މިކުއްޖާ ގެންގޮސް މާތްރަސްކަލާނގެއަށް ވެދުން ކުރާނީ. އޭގެ ފަހުން އޭނާގެ މުޅި އުމުރު ހޭދަ ކުރާނީ އެތަނުގައި.“
23 އަލްޤާނާ ބުންޏެވެ. ”ކަލެއަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް ކަންކުރޭ. ދަރިފުޅު ކިރުތުނބުން ވީއްލެން ދެން މިތާ މަޑު ކުރޭ. މާތްރަސްކަލާނގެ ކަލޭ އެދުނު ފަދައިން ކަންތައް ހިންމަވާށި.“ ދެން އެކުއްޖާ ކިރުތުނބުން ވީއްލެންދެން ޙައްނާ ގޭގައި މަޑުކޮށްފިއެވެ.
24 ދަރިފުޅު ކިރުތުނބުން ވީއްލި ކައިބޮއި ހަދާ އުމުރަށް އެޅުމުން އެ ދަރިފުޅު ގޮވައިގެން ޙައްނާ އާއި އަލްޤާނާ، މާތްރަސްކަލާނގެ ގެކޮޅަށް ޒިޔާރަތް ކުރުމަށް ޝީލޫހަށް ދަތުރުކުރިއެވެ. އެމީހުންނާ އެކު ތިން އަހަރުގެ ފިރިހެން ގެރިއަކާއި ނުވަ ކިލޯ ގޮދަން ފުށާއި ހަމެއްގައި ހުރި މޭބިސްކަދުރުދިޔަ ގެންދިޔައެވެ.
25 އެގެރި ކަތިލައި ޤުރުބާނީ ކުރުމަށް ފަހު ޞަމޫއީލް ގޮވައިގެން އެމީހުން ޢާލީ ގާތަށް އަތުވެއްޖެއެވެ.
26 ”އަޅުގަނޑުގެ ސާހިބާ! ޔަޤީނުން ވެސް އަޅުގަނޑު މިއީ މީގެ އަހަރުތަކެއްގެ ކުރިން މިތަނުގައި ހުރެ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވި އަންހެންމީހާ.
27 އަޅުގަނޑު ދުޢާ ދެންނެވީ މި ދަރިފުޅު ދެއްވާތޯ. މާތްރަސްކަލާނގެ އަޅުގަނޑު ކުރި ދުޢާ އިޖާބަ ކުރައްވައިފި.
28 އަޅުގަނޑު އައިސް މިހިރީ މިދަރިފުޅު މާތްރަސްކަލާނގެ ކިބަފުޅަށް ވެދުމަށް އެރުވުމަށް. މި ދަރިފުޅުގެ މުޅި އުމުރަށް އެކަލާނގެ ކިބަފުޅަށް ހިބަކޮށް ހަދިޔާ ކުރުމަށް.“ ދެން އެކުއްޖާ އެތަނަށް ދޫކޮށްލާފައި އެމީހުން އެތަނުގައި ތިބެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރިއެވެ.