Gênesis 7

DIV

1 ދެން މާތްރަސްކަލާނގެ ނޫޙުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިބާއާއި ތިބާގެ އާއިލާ ނަވަށް އަރާ. އެއީ ތިމަންކަލާނގެ މިޒަމާނުގެ މީހުންގެ ތެރެއިން ރުހިވޮޑިގެންވާ މީހަކީ ހަމައެކަނި ތިބާ ކަމުގައި ދެކެވޮޑިގެންވާތީ.

2 ޤުރުބާން ކުރުމަށް ކަމުދާ ޖަނަވާރުތަކުގެ ތެރޭން ވައްތަރަކުން ހަތް ޖޯޑު ގެންދޭ. އެނޫން އެއްޗެހީގެ ވައްތަރަކުން ޖޯޑެއް ގެންދޭ.

3 ދޫނިތަކުގެ ތެރޭން ވައްތަރަކުން ހަތް ދޫނިޖޯޑު ގެންދޭ. ކޮންމެ ބާވަތެއްގެ ވެސް އަންހެން ފިރިހެން ޖޯޑެއް ގެންދޭ. އެއީ ތޫފާނުގެ ތެރޭގައި އެއެއްޗެހި ނެތިދިޔަ ނުދިނުމަށްޓަކައި.

4 މިއަދުން ފެށިގެން ހަތްވަނައަށް ވާ ދުވަހު ތިމަންކަލާނގެ ދުނިޔެއަށް ސާޅީސް ރެއާއި ސާޅީސް ދުވަސް ވަންދެން ވާރޭ ފޮނުއްވާނަން. އަދި ތިމަންކަލާނގެ އުފެއްދެވި ދިރުންހުރި ހުރިހާ އެއްޗެއް ދުނިޔެއިން މުޅިން ފޮހެލައްވާނަން.⁠“

5 ދެން ނޫޙުގެފާނު މާތްރަސްކަލާނގެ އެންގެވި ހުރިހާ ކަމެއް އެ އެންގެވި ގޮތަށް ކުރެއްވިއެވެ.

6 ދުނިޔެއަށް ފެނުގެ ތޫފާން މާތްރަސްކަލާނގެ ފޮނުއްވީ ނޫޙުގެފާނުގެ އުމުރުފުޅުން ހަ ސަތޭކަ ވަނަ އަހަރުގައެވެ.

7 ނޫޙުގެފާނާއި އެކަލޭގެފާނުގެ ތިން ދަރިކަލުންނާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އެކަލޭގެފާނުގެ ތިން ދަރިކަލުންގެ އަނބިން އެ ފެންބޮޑުވުމުން ސަލާމަތްވުމަށްޓަކައި ނައުކޮޅަށް އަރާވަޑައިގެންނެވިއެވެ.

10 ދެން ހަތްވަނަ ދުވަސް ނިމުމާއި އެކު ފެނުގެ ތޫފާން ދުނިޔެއަށް ކުރިމަތިކުރެއްވިއެވެ.

11 ނޫޙުގެފާނުގެ އުމުރުފުޅުން ހަސަތޭކަ އަހަރުގެ ދެވަނަ މަހުގެ ސަތާރަވަނަ ދުވަހު ބިމުގެ އަޑީގައިވާ އެންމެފުން ފެންއާރުތަކުގެ ފެންފަށަލަތައް ފަޅަފަޅައިގެން ދިޔައެވެ. އަދި އުޑުގައި ފެން ހިފަހައްޓައިދޭ ހުރިހާ ދޮރާށިތަކެއް ހުޅުވިގެން ދިޔައެވެ.

12 އަދި ސާޅީސް ރެއާއި ސާޅީސް ދުވަސް ވަންދެން ދުނިޔެއަށް މެދުކެނޑުމެއްނެތި ވާރޭ ވެހުނެވެ.

13 ފެންބޮޑުވުމުގެ ހަތްދުވަސްކުރިން ނޫޙުގެފާނު އެކަލޭގެފާނުގެ ތިން ދަރިކަލުން ސާމާ އާއި ޙާމާ އާއި ޔާފަޘު އާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އަދި އެކަލޭގެފާނުގެ ތިން ދަރިކަލުންގެ އަނބިންނާއި އެކު ނައުކޮޅަށް އަރާވަޑައިގެންނެވިއެވެ.

14 އަދި އެބޭކަލުންނާއެކު ހުރިހާ ވައްތަރެއްގެ ވަލުޖަނަވާރަކާއި އޮޅުޖަނަވާރަކާއި އަދި ބިންމަތީގައި ދިރިއުޅޭ ހުރިހާ ވައްތަރެއްގެ ދިރޭ ތަކެއްޗަކާއި ހުރިހާ ވައްތަރެއްގެ ދޫންޏަކާއި އެހެން ވެސް ހުރިހާ ވައްތަރެއްގެ ފިޔަހުރި އެއްޗެއް ވިއެވެ.

15 ދިރުމުގެ ނޭވައެއްލާ އެއްޗެއް ވާނަމަ އެހުރިހާ ދިރޭއެއްޗެއް ޖޯޑުޖޯޑަށް ނޫޙުގެފާނުގެ އަރިހަށް އައިސް ނައުކޮޅަށް އެރިއެވެ.

16 މާތްކަލާނގެ އަމުރުފުޅު ކުރެއްވި ފަދައިން ހުރިހާ ވައްތަރެއްގެ އަންހެން ތަކެއްޗާއި ފިރިހެން ތަކެތި ނައުކޮޅަށް އެރިއެވެ. ދެން މާތްރަސްކަލާނގެ އެނައުކޮޅުގެ ދޮރުލެއްޕެވިއެވެ.

17 އެއަށް ފަހު ސާޅީސް ދުވަސް ވަންދެން ދުނިޔެއަށް ވާރޭ ވެހެމުން ދިޔައެވެ. ފެންގަނޑު ބޮޑުވަމުން ދިޔަ ވަރަކަށް އެނައުކޮޅު ބިމުން މައްޗަށް އުފުލެމުން ދިޔައެވެ.

18 އަދި މުޅި ބިމުގައި ފެންގަނޑު ބޮޑުވެ ފެތުރެމުން ދިޔައެވެ. ނަމަވެސް ނައުކޮޅު ފެންމަތީގައި އޮތެވެ.

19 ފެންގަނޑު ދުނިޔޭގައި ދުވަހެއް ދުވަހަކަށް ބޮޑުވަމުން އިތުރުވަމުން ދިޔައެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދަތައް ވެސް ފެންގަނޑުގެ އަޑިއަށް ދިޔައެވެ.

20 ދުނިޔޭގައި ވާނަމަ ވާހައި ފަރުބަދަތަކެއް ތޭވީސް ފޫޓަށް އެފެންގަނޑުގެ އަޑިއަށް ދިޔައެވެ.

21 އެއާއެކު ދުނިޔޭގައިވާ ދިރުންހުރި ހުރިހާ އެއްޗެއް ނެތިގެން ހިނގައްޖެއެވެ. ދޫނިސޫފާސޫތްޕާއި އޮޅުޖަނަވާރުތަކާއި ވަލުޖަނަވާރުތަކާއި ބިންމަތީގައި ދިރިއުޅޭ ހުރިހާ ވައްތަރެއްގެ ދިރޭ ތަކެއްޗަކާއި އިންސާނުން ވެސް ނެތިދިޔައީއެވެ.

22 އަދި ދުނިޔޭގައި ލެއްވި ދިރުންހުރި ހުރިހާ އެއްޗެއް މަރުވީއެވެ.

23 މާތްރަސްކަލާނގެ ދުނިޔޭގައި ވީ ހުރިހާ އެއްޗެއް ދުނިޔޭގެ ބިމުން ނެތިކޮށް ފޮހެލެއްވިއެވެ.

24 ދުނިޔޭގައި ސަތޭކަ ފަންސާސް ދުވަސް ވަންދެން ފެންބޮޑުވެފައި އޮތެވެ.

Ler em outra tradução

Comparar lado a lado