Gênesis 18

DIV

1 އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެއްގައި އިބްރާހީމްގެފާނު މަމްރާއަށް މިލްކުވެފައިވީ ބިޔަ ގަސްތަކުގެ ކައިރީގައި އެކަލޭގެފާނު ޖައްސަވާފައިވާ ފޭލިގޭގެ ދޮރުކޮޅު މަތީގައި އިންނަވަނިކޮށް މާތްރަސްކަލާނގެ ފާޅުވެވޮޑިގެންފިއެވެ.

2 އެ ހިނދު އެކަލޭގެފާނަށް ބޭރަށް ބައްލަވާލެވުނެވެ. އެވަގުތު ތިން ބޭކަލަކު އެކަލޭގެފާނަށް ފެންނަފަށުގައި ކޮއްޅަށް ތިއްބެވިތަން ފެނިލެއްވުމާއިއެކު، އެބޭކަލުންނާއި ބައްދަލު ކުރެއްވުމަށް އަވަސްވެ ވަޑައިގެންފިއެވެ. ދެން މޫނުފުޅު ބިންމަތީގައި ޖައްސަވާ އެކަލޭގެފާނު އެބޭކަލުންނަށް ސަޖިދަ ކުރެއްވިއެވެ.

3 އަދި ވިދާޅުވިއެވެ. ”⁠ތިޔަ ބޭކަލުންނަށް ޚިދުމަތްކުރެއްވުމަށް މިއަޅާ ހުންނެވި ހިނދު މިއަޅާގެ ފޭލިގެއަށް ޒިޔާރަތް ނުކުރައްވައި، މިއަޅާގެ ފޭލިގެ ހުރަސް ކުރައްވައި ވަޑައިގަންނަވައިގެން ނުވާނެ.

4 މިއަޅާއަށް ގެނެވިފައި މިވާ ފެންފޮދުން ތިޔަބޭކަލުންގެ ދެ ފައިތިލަ ދޮންނެވުމަށް ފަހު މިގަހުގެ ހިޔަލުގައި އަރާމު ކުރައްވާ.

5 ތިޔަ ބޭކަލުން ފަރީއްކުޅުވުމަށް މިއަޅާ ފަރިއްކޮޅެއް އެބަ ގެންނަމު. އޭރުން ތިޔަ ބޭކަލުންގެ ދަތުރު ނިންމަވާލެއްވުމަށް ގަޔަށް ހަކަތަ ލިބިލައްވާނެ. ތިޔަ ބޭކަލުން މިއަޅާގެ ގެއަށް ޒިޔާރަތް ކުރައްވައި އަދި ތިޔަބޭކަލުންނަށް ޚިދުމަތް ކުރުމަށް މިއަޅާއަށް ފުރުސަތެއް ލިބުމަކީ މިއަޅާއަށް ލިބިދޭ ޝަރަފެއް.⁠“ އެބޭކަލުން ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ ތިޔަ ހުށެހެޅުން އަޅުގަނޑުމެން ޝުކުރުވެރިކަމާއިއެކު ގަބޫލުކޮށްފިން.⁠“

6 އިބްރާހީމްގެފާނު އަވަސްގޮތަކަށް ފޭލިގެ ތެރެއަށް ވަޑައިގަންނަވައި ސާރާއަށް ގޮވާ ލެއްވިއެވެ. ”⁠އަވަސްކުރޭ! ތިބާގެ ފުށްބަސްތާތަކުން އެންމެ މޮޅު ފުށުގެ ދެތިން ޑަބިޔާ ނަގައި ރޮށި ފިހޭ.⁠“

7 އެހެން ވިދާޅުވުމަށް ފަހު ދުވެވަޑައިގެން އެކަލޭގެފާނުގެ ޖަނަވާރުތަކުގެ ތެރެއިން ރޫފަ ރަނގަޅު މަސްފަލަ ޅަގެރިއެއް ހިއްޕަވައިގެން ވަޑައިގަންނަވައި ނޯކަރަކާ ހަވާލު ކުރައްވައި، އަވަހަށް ފަރިއްކޮޅެއް ތައްޔާރު ކުރުމަށް ވިދާޅުވިއެވެ.

8 އޭގެ ފަހުން އެގަސްދަށުގައި އެކަލޭގެފާނުގެ މެހުމާނުންނަށް މަހާއި، ކިރުގެ އިތުރުން ހުތްކިރުގެ ފަރިއްކޮޅެއް އެރުއްވިއެވެ. އެބޭކަލުން ފަރީއްކުޅުއްވި ހިނދު އިބްރާހީމްގެފާނު ތަށިމަތި ބަލަހައްޓަވަން އެ ގަސްދޮށުގައި ހުންނެވިއެވެ.

9 ފަރިއްކޮޅުން ނިމިވަޑައިގެން އެބޭކަލުން އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ އަނބިކަނބަލުން ސާރާ ކޮބައިތޯ؟⁠“ އިބްރާހީމްގެފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠އެކަނބަލުން ފޭލިގޭގައި އެބަ އިންނެވި.⁠“

10 އޭގެތެރެއިން އެއްބޭކަލަކު ބުނުއްވިއެވެ. ”⁠އަންނަ އަހަރު މިހާތާނގައި އަހަރެން އެނބުރި އަންނާނަން. އޭރުން ކަލޭގެފާނުގެ އަނބިކަނބަލުން ސާރާއަށް ފިރިހެން ދަރިކަލަކު ލިބިލައްވާނެ.⁠“

11 އިބްރާހީމްގެފާނާއި ސާރާގެ އުމުރުފުޅު ނުހަނު ދޮއްޓެވެ. ސާރާ ވަނީ އިއްދައިން ކެނޑިފައެވެ. މައްސަރު ކަންތައް ޖެހުން ހުއްޓިފައެވެ.

12 އެވަގުތު މިދެކެވުނު ވާހަކަތައް އިވިވަޑައިގެން އެކަމަނާއަށް ހިތާހިތުން ހިނިފުޅުވެޑުވި މިހެން ވިދާޅުވެވުނެވެ. ”⁠މިހާރު އަހަރެން މިވަނީ މުސްކުޅިވެ، އިއްދައިން ކެނޑިފަ. ވީއިރު، އަހަންނަށް އަނބިވަންތަ ގުޅުމެއް ފުރިހަމައަށް ހިންގިދާނެތަ؟ ހަމަ މިފަދައިން އަހަރެންގެ ފިރިމީހާއަކީ މަށަށް ވުރެން ވެސް މާ މުސްކުޅި މީހެއް.⁠“

15 ”⁠މިއަޅާއެއް ނުހެން!⁠“ ސާރާއަށް ބިރުފުޅުން ވިދާޅުވެވުނެވެ. އެހެނަސް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ނޫން، ތިބާ ހުނު!⁠“

16 ދެން އެބޭކަލުން ފަރިއްކުޅުއްވުމަށް ފަހު ސަދޫމު އާއި ދިމާއަށް ދަތުރު ފެއްޓެވިއެވެ. އިބްރާހީމްގެފާނު ވެސް ކުޑަތަންކޮޅަކަށް އެބޭކަލުންނާއި އެކުގައި ވަޑައިގަތެވެ.

17 ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ މިކުރައްވަން އުޅުއްވާ ކަންތައް އިބްރާހީމްގެފާނަށް ސިއްރު ކުރައްވާނަމުތަ؟

18 އޭނާގެ ދަރިކޮޅު ފެތުރި ގިނަ މީސްތަކުންވާ މަތިވެރި ޤައުމެއް ކަމުގައިވާނެ. އަދި އޭނާ މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ ހުރިހާ ޤައުމަކަށް ރަޙުމަތް ލައްވާ ހުށީން.

19 ތިމަންކަލާނގެ އޭނާ މިއައްޔަންކުރީ އޭނާގެ ދަރިންނަށާ މުޅި ދަރިކޮޅަށް ތިމަންކަލާނގެ އެންގެވި މަގުން ސާލިޙު، އިންސާފުވެރިގޮތުގައި ކަންތައްކުރުމަށް ދަސްކޮށްދީ ތިމަންކަލާނގެއަށް ކިޔަމަންތެރި ވުމަށް ދަސްކޮށް ދިނުމަށް. އޭރުން ތިމަންކަލާނގެ އޭނާއަށް ވަޢުދުވީ ފަދައިން ހުރިހާ ކަމެއް ކުރައްވާ ހުށީން.⁠“

22 ދެން އެދެބޭކަލުން ސަދޫމުއަށް ދިއުމުގެ މަގުގައި ދަތުރުކޮށް ދިޔަ ނަމަވެސް މާތްރަސްކަލާނގެ އިބްރާހީމްގެފާނުގެ ކައިރީގައި މަޑުކުރެއްވިއެވެ.

23 ދެން އިބްރާހީމްގެފާނު މާތްރަސްކަލާނގެއާ ކައިރިއަށް ޖެހިވަޑައިގެން ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ ގަސްތުކުރައްވަނީ އެރަށުގެ ނުބައި މީހުންނާއި އެކު އެރަށުގައިވާ ރަނގަޅު މީހުން ވެސް ނައްތަވާލައްވަންތޯ؟

24 ފަހަރެއްގައި އެރަށުގައި ފަންސާސް ރަނގަޅު މީހުން ތިބެދާނެ. އެހެންވެއްޖެ ނަމަ ހަމަ ޔަޤީނުން ވެސް އެމީހުންގެ ޙައްޤުގައި އިނބަރަސްކަލާނގެ އެރަށް ނައްތައެއް ނުލައްވާނެ.

25 ހަމަ ޔަޤީނުން ވެސް އެރަށުގައިވާ ނުބައިމީހުންނާއެކު އެރަނގަޅު މީހުން ނައްތައެއް ނުލައްވާނެ. އެއީ އިނބަރަސްކަލާނގެއީ މުޅިދުނިޔޭގެ މައްޗަށް ހިސާބުބައްލަވައި ހަމަހަމަ ގޮތުގެ މަތިން ކަންތައްކުރައްވާ ކަލާނގެ.⁠“

26 މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެރަށުގައި ރަނގަޅު ފަންސާސް މީހުން ތިއްބަސް ތިމަންކަލާނގެ އެމީހުންނަށްޓަކައި އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“

27 ދެން އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”⁠މިއަޅާއަކީ ވެއްޔާ މަށިން ހެއްދެވިފައިވީ އިންސާނަކީން. މިފަދައިން އިނބަރަސްކަލާނގެ އާއި މުޚާތަބުކޮށް ވާހަކަ ދެކުމަށް މިއަޅާއަށް އިޒުނަދެއްވާ.

28 ފަހަރެއްގައި އެރަށުގައި ހަމައެކަނި ރަނގަޅު ސާޅީސް ފަސް މީހުން ތިބެފައި ފަންސާހަށް ހަމައެކަނި ފަސް މީހުން މަދުވީތީ އިނބަރަސްކަލާނގެ އެރަށް ނެތިކޮށްލައްވާނަންތޯ؟⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެރަށުގައި ރަނގަޅު ސާޅީސްފަސް މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“

29 އަނެއްކާވެސް އިބްރާހީމްގެފާނު ދެންނެވިއެވެ. ”⁠އެރަށުގައި ހަމައެކަނި ރަނގަޅު ސާޅީސް މީހުން ތިބިއްޔާ އިނބަރަސްކަލާނގެ އެރަށް ނެތިކޮށް ލައްވާނަންތޯ؟⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެރަށުގައި ހަމައެކަނި ރަނގަޅު ސާޅީސް މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“

30 ދެން އަނެއްކާވެސް އިބްރާހީމްގެފާނު ދެންނެވިއެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ. މިއަޅާދެކެ ކޯފާވެ ވަޑައިނުގައްނާވާތި. މިއަޅާ އަދި ސުވާލެއް ދަންނަވަންތޯ؟ އެރަށުގައި ހަމައެކަނި ރަނގަޅު ތިރީސް މީހުން ތިބެއްޖެ ނަމަ އެރަށް ނެތިކޮށް ލައްވާނަންތޯ؟⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެރަށުގައި ހަމައެކަނި ރަނގަޅު ތިރީސް މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“

31 ދެން އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”⁠މިއަޅާ ސާހިބުވަންތަ ރަސްކަލާނގެއާ މިހާރު ވެސް އެތައް ސުވާލެއް ކޮށްފިން. ނަމަވެސް އަދި މިސުވާލު ވެސް ދަންނަވާލާނަން. ފަހަރެއްގައި ރަނގަޅު ވިހި މީހުން ތިއްބެއްޖެއްޔާ ޔޯ؟⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ރަނގަޅު އެންމެ ވިހި މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“

32 އަނެއްކާ އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ. މިއަޅާގެ މައްޗަށް ކޯފާވެ ވަޑައިނުގައްނަވާ. އަދި އެއްސުވާލު ކުރިޔަ ދެއްވާ. މީ މިއަޅާގެފަހު ސުވާލު. އެރަށުގައި ހަމައެކަނި ރަނގަޅު އެންމެ ދިހަ މީހުން ތިބެއްޖެއްޔާޔޯ؟⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެރަށުގައި ރަނގަޅު އެންމެ ދިހަ މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“

33 މާތްރަސްކަލާނގެ އިބްރާހީމްގެފާނާއި ވާހަކަދައްކަވާ ނިމުމުން އެނބުރި ވަޑައިގެންފިއެވެ. އަދި އިބްރާހީމްގެފާނު ވެސް އެނބުރި އެކަލޭގެފާނުގެ ގެޔަށް ވަޑައިގަންނަވައިފިއެވެ.

Ler em outra tradução

Comparar lado a lado