Êxodo 24

DIV

1 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ: ”⁠މިތަނަށް އަހަރެންގެ ގާތަށް އާދޭ. އަންނަ އިރު ހާރޫނުއާއި ނާދާބު އާއި އަބީހޫ ވެސް ގެންނާތި. އަދި އިސްރާއީލީންގެ ބޮޑުންގެ ތެރޭން ހަތްދިހަ މީހުން ވެސް ގެންނާތި. އެއެންމެން އަޅުކަން ކުރަން ޖެހޭނީ ދުރުގައި ތިބެގެން.

2 އަހަރެންގެ ކައިރިއަށް އާދެވޭނީ މޫސާއަށް އެކަނި. އެހެން މީހުން އެއްގޮތަކަށް ވެސް ކައިރިއަށް އައިސްގެން ނުވާނެ. އެހެން އެކަކު ވެސް ކަލެއާއެކު ފަރުބަދަ މައްޗަށް އަރައިގެން ނުވާނެ.⁠“

3 ދެން މޫސާގެފާނު ވަޑައިގެން މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް އެމީހުންނަށް ވިދާޅުވެ ދެއްވައިފިއެވެ. ދެން އެމީހުން އެއްއަޑަކުން ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ އެންގެވި ކޮންމެ އަމުރުފުޅަކަށް އަހަރެމެން ބޯލަނބައި ކިޔަމަން ގަންނާނަން.⁠“

4 ދެން މޫސާގެފާނު މާތްރަސްކަލާނގެ ވަޙީ ބަސްފުޅުތައް ވަރަށް ފަރުވާތެރި ކަމާއެކު ލިޔުއްވިއެވެ. އަނެއް ދުވަހު ވަރަށް ހެދުނާ މޫސާގެފާނު ތެދުވެ ވަޑައިގެން ފަރުބަދައިގެ ބުޑުގައި ޤުރުބާނީ އައްޓެއް ހައްދަވައިފިއެވެ. އަދި އެތަނުގައި ބާރަ ތަނބު ވެސް ޖެއްސެވިއެވެ. އެއީ އިސްރާއީލުގެ ކޮންމެ ދަރިކޮޅަކަށް ތަނބެއް މަގުންނެވެ.

5 ދެން އެކަލޭގެފާނު އިސްރާއީލީންގެ ފިރިހެން ޒުވާނުންތަކެއް ފޮނުއްވައި އެތަނުގައި އެންދުމުގެ ޤުރުބާނީއެއް ކުރެއްވިއެވެ. އަދި ގެރި ކަތިލައި ގުޅުންބަދަހި ކުރުމުގެ ޤުރުބާނީ ވެސް މާތްރަސްކަލާނގެއަށް ހުށަހެޅުއްވިއެވެ.

6 މޫސާގެފާނު މި ޖަނަވާރުތަކުގެ ލޭގެ ދެބައިކުޅަ އެއްބައި ދޮލަނގަކަށް އަޅުއްވައި އަނެއް ބައި ޤުރުބާނީ އައްޓަށް ބުރުއްސަވައި ލެއްވިއެވެ.

7 ދެން ޢަހުދުނާމާ ފަތްކޮޅު ނަންގަވައި އެކަލޭގެފާނު ހަރު އަޑުފުޅުން އެމީހުންނަށް ވިދާޅުވެ ދެއްވިއެވެ.

8 ދެން މޫސާގެފާނު ދޮލަނގަށް އެޅުއްވި ލޭތައް އެމީހުންގެ މައްޗަށް ބުރުވާލައްވަމުން ވިދާޅުވިއެވެ. ”⁠ނިކަން ބަލާ! ކަލޭމެންގެ މައްޗަށް މި އަމުރުފުޅު ފޮނުއްވައި މާތްރަސްކަލާނގެއާ ކަލޭމެންނާ ދެމެދު ކުރެވޭ ޢަހުދުނާމާގައި މި ސިއްކަ ޖެހުނީ.⁠“

9 ދެން މޫސާގެފާނާއި ހާރޫނުގެފާނާއި ނާދާބުއާއި އަބީހޫއާއި އިސްރާއީލުގެ ހަތްދިހަ ބޮޑުން އެ ފަރުބަދަ މައްޗަށް ވަޑައިގެންފިއެވެ.

10 އެ ހިނދު އެބޭކަލުންނަށް އިސްރާއީލުގެ ވެރި އިލާހު ފެނި ވަޑައިގަތެވެ. އެކަލާނގެ ފައިންޕުޅުގެ ދަށުގައި ހީވަނީ ނޫ ޖަވާހިރުތަކެއްގެ ތަޅުމެއް އެޅިފައި އޮތް ހެންނެވެ. އެތަން އުދަރެސްހާ ނޫ ވެފައި ސާފެވެ.

11 އިސްރާއީލުގެ މި އިއްޒަތްތެރިން އެކަލާނގެއަށް ބެލި ކަމުގައި ވިޔަސް އެކަލާނގެ އެބޭކަލުން ނައްތައެއް ނުލައްވައެވެ. އަދި ކީތްހެއްޔެވެ! އެމީހުން އެކަލާނގެ ޙަޟްރަތުގައި ކައިބޮއި ވެސް ހެދިއެވެ.

12 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވިއެވެ. ”⁠ފަރުބަދައަށް އަރައިގެން އަހަރެންގެ ކައިރިއަށް އާދޭ! އައިސް އެތާނ މަޑު ކުރޭ. އެމީހުންނަށް އެންގުމަށް އަހަރެން ލިޔެވިފައިވާ އަމުރުތައް ހުރި ހިލަފޮތި ދޭނަން.⁠“

13 އެހެންވެ މޫސާގެފާނާއި އެކަލޭގެފާނުގެ އެހީތެރި ޔަޝޫޢު އެތަނަށް ދާން ހިނގައިގެންފިއެވެ. ދެން މޫސާގެފާނު މާތްކަލާނގެ ފަރުބަދަ މައްޗަށް އަރާ ވަޑައިގަންނަވަން ހިންގަވާ ވަޑައިގެންފިއެވެ.

14 މޫސާގެފާނު ބޮޑުންނަށް މިހެން ވިދާޅުވިއެވެ. ”⁠އަހަރެމެން އަންނަންދެން ނުގޮސް މިތަނުގައި މަޑު ކުރާތި. ހާރޫނާއި ހޫރު ވެސް ކަލޭމެންގެ ގާތު ތިބޭނެ. އަހަރެން ނެތީސް ދެބައެއްގެ ދެމެދުގައި ދެކޮޅުވެރިކަމެއް ހިނގައިފިނަމަ އެ ދެމީހުންނާ ވާހަކަ ދައްކައިގެން އެކަމެއް ހައްލު ކުރޭ.⁠“

15 ދެން މޫސާގެފާނު ފަރުބަދައަށް އަރާވަޑައިގަތުމުން ވިލާގަނޑަކުން އެ ފަރުބަދަ ފޮރުވިއްޖެއެވެ.

16 އެއާ އެކު މާތްރަސްކަލާނގެ ޖަލާލަތުވަންތަ މަތިވެރި ނޫރުފުޅު ތޫރު ސީނާ ފަރުބަދަމަތީ ވޮޑިގެންފިއެވެ.

17 އިސްރާއީލީން ފަރުބަދައިގެ ބުޑުގައި ތިބެ ބަލާލި އިރު ފަރުބަދައިގެ ކުންނުގައި މާތްރަސްކަލާނގެ ނޫރުފުޅު އަލިފާން ހުޅުގަނޑެއް ހެން ފެންނަން ހުއްޓެވެ.

18 ދެން މޫސާގެފާނު ވިލާގަނޑުގެ ތެރޭން އެ ކުންނަށް އަރާ ވަޑައިގެންފިއެވެ.

Ler em outra tradução

Comparar lado a lado