1 މިއަށް ފަހު ދުވަސްކޮޅެއް ފަހުން، ބަނީއިސްރާއީލު މީހުންގެ ގޮވާންކެނޑުމުގެ ޢީދު ފާހަގަ ކުރުމަށްޓަކައި އެކި ރަށްތަކުން އެ ދީނުގެ ވަރަށް ގިނަ މީހުން ޖެރޫސަލަމަށް އައެވެ. މާތް ސާހިބު އީސާގެފާނުގެ މައްޗަށް އީމާންވާ މީހުން ވެސް އެ ރަށުގެ ގެއެއްގައި އެއްވިއެވެ.
2 ކުއްލިއަކަށް އުޑުން އައި ގަދަ ވައިގަނޑެއް ކަހަލަ އަޑެއް އިވުނެވެ. އެ އަޑުން އީސާގެފާނުގެ މައްޗަށް އީމާންވާ މީހުން ތިބި ގެ ގުގުމައިގެން ދިޔައެވެ.
3 އަދި އަލިފާނުގެ ހުޅުކޮޅުތަކެއް ފަދަ އަލިތަކެއް އުދުހެމުން ދާ ތަން އެމީހުން ދުއްޓެވެ. މި އަލިކޮޅުތައް އައިސް އެ ގޭތެރޭގައި ތިބި އެންމެންގެ ބޯ މައްޗަށް ޖެއްސިއެވެ.
4 އެ ވަގުތު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެއެންމެންގެ މައްޗަށް ވެރިވިއެވެ. އަދި މާތްރޫޙުފުޅު މި އެންމެންގެ މައްޗަށް ބާރު ހިންގަވަން ފެށުމުން އެ ރޫޙުފުޅުގެ ބާރުފުޅުގެ ދަށުން އެމީހުން އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކަން ފެށިއެވެ.
12 އެމީހުން ހައިރާންވެ މި ވާނުވާއެއް ނޭނގި އެކަކު އަނެކަކު ކުރެން ސުވާލު ކުރިއެވެ. ”މި ވަނީ ކިހިނެއް ހޭ؟ މި ކަންތައްތަކުގެ މާނައަކީ ކޮބާ ހޭ؟“
13 އަދި އަނެއްބަޔަކު އީސާގެފާނުގެ މައްޗަށް އީމާންވާ މީހުންނަށް މަލާމަތް ކޮށް ބުންޏެވެ. ”އެމީހުން އެއުޅެނީ ރާބޮއިގެން އަމަލު ވެގެން.“
14 ޕަތަރަސް، އީސާގެފާނުގެ އަނެއް އެގާރަ މަންދޫބުންނާއި އެކު، ކޮޅަށް ތެދުވެ އެއްވެފައިވާ މީހުންނާއި މުޚާޠަބުކޮށް ބާރަށް ވާހަކަދައްކަން ފެށިއެވެ. ”އެކުވެރިންނާއި ޖެރޫސަލަމަށް ވަޑައިގެން ތިއްބެވި އެންމެ ހާ ބޭފުޅުންނޭ! އަޅުގަނޑު މިބުނާ ވާހަކަތަކަށް ކަނުލާ ސަމާލުކަން ދެއްވާ އަޑު އައްސަވާ.
17 އެކަލާނގެ ނަބީ ޔޮއެލްއަށް ވަޙީ ކުރެއްވި:
18 އެދުވަހުން ތިމަންކަލާނގެ ކިބަފުޅަށް ޚިދުމަތް ކުރާ އަޅުންގެ ތެރެއިން ފިރިހެނުންނަށާއި އަންހެނުންނަށް ތިމަންކަލާނގެ މާތްރޫޙުފުޅު ދެއްވާނަމޭ.
19 ތިމަންކަލާނގެ އުޑުގައި އަޖައިބުވާ ފަދަ ކަންތައްތަކާއި ބިމުގައި އަލާމާތްތައް ވެސް އެދުވަސްވަރު ދައްކަވާނަމޭ.
20 މާތް ސާހިބާގެ، މަތިވެރި، ވެރި ކަމުގެ ދުވަސް އައުމުގެ ކުރިން، އިރު އަނދިރި ކަމަށް ބަދަލު ވާނޭ.
21 އެދުވަހުގެ ކުރިން މާތް ސާހިބާގެ ނަންފުޅުގަނެ އެނަންފުޅުގައި އެދެފި ކޮންމެ މީހަކު ދިންނެވޭނޭ.‘
22 އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.
23 އެކަލޭގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކައި ތިޔަބައިމީހުންނާއި ހަވާލު ކުރެވޭނެ ކަމަކީ އެކަލާނގެ މާކުރިން ރާއްވަވާ ނިންމަވައިފައިވީ ކަމެއް. ތިޔަބައިމީހުން ނުބައި ނުލަފާ ކާފަރުންގެ ބަޔަކު ލައްވާ އެކަލޭގެފާނު ނުބައި ކުށްވެރިޔެއްގެ ގޮތުގައި ސަލީބަކަށް ނަގާ އަވަހާރަ ކޮށްލުވި.
24 އެހެންނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. އެއީ އެކަލޭގެފާނުގެ މައްޗަށް މަރަކަށް ބާރެއް ނުފޯރުވޭނެ.
25 މީގެ އެތައް ގަރުނެއް ކުރީގައި ދާއޫދުގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ މި ކަންތައްތައް ވާނެކަން ވަނީ އަންގަވާފަ. އަލްމަސީޙު އަވަހާރަވެ އަލުން ދިރުއްވުމާ މެދު ދާއޫދުގެފާނަށް ވަޙީކުރެއްވި ބަސްފުޅު އެކަލޭގެފާނު މިފަދައިން ވިދާޅުވެ އެންގެވި:
26 އެހެން ކަމުން އަހަރެންގެ ހިތް ހަމަޖެހެއޭ. އަދި އަހަރެންގެ ދުލުން އުފާވެރި ކަމުގެ ބަސްތައް ބޭރުވެއޭ އަދި އަހަރެން މި ވަނީ އުންމީދުން ފުރިފައޭ.
27 އިނބަރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ ބޭކަލުން މަރުވުމަށް ފަހު ކަށްވަޅުގައި ގިނަ ދުވަސްތަކަކަށް އޮތުމަކަށް އިނބަރަސްކަލާނގެ ދޫކޮށެއް ނުލައްވާނޭ. އިނބަރަސްކަލާނގެ އެކަލޭގެފާނުގެ ހަށިކޮޅު ފަނާވެ ދިޔުމަކަށް ދޫކޮށެއް ނުލައްވާނޭ.
28 މި އަޅާ މަރުވުމަށް ފަހު އަލުން ދިރުއްވާނެ މަގު އިނބަރަސްކަލާނގެ ދައްކަވައިފިއޭ. އިނބަރަސްކަލާނގެ ޙަޟްރަތުގައި ވުމުގެ އުފާވެރިކަން މި އަޅާއަށް ދެއްވާނޭ.‘“
29 ޕަތަރަސް އެތަނުގައިވާ އެންމެންނާއި މުޚާޠަބު ކޮށް ބުނަމުން ގެންދިޔައެވެ. ”އަޚުންނޭ، އަހަރެމެންގެ މަތިވެރި ކާބަފައިކަލުން ދާއޫދުގެފާނު މި ބަސްފުޅުތައް ވިދާޅުވީ އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށް މުޚާޠަބު ކުރައްވާފައެއް ނޫން. އެއީ އެކަލޭގެފާނު އަވަހާރަވެ ފަސްދާނު ލެވިފައި އެވަނީ އަހަރެމެންގެ ތެރޭގަ. މިހާރު ވެސް އެކަލޭގެފާނުގެ މަހާނަފުޅު އަހަރެމެންގެ ތެރޭގައި އެބަވޭ.
30 ދާއޫދުގެފާނަކީ ރަސޫލުބޭކަލެއް ކަމުން މާތްރަސްކަލާނގެ އެކަލޭގެފާނަށް ކުރެއްވި މުހިންމު ވަޢުދުފުޅު އެކަލޭގެފާނު ދެނެވަޑައިގެންވި. މާތްރަސްކަލާނގެ ދާއޫދުގެފާނަށް ވަޙީކުރެއްވީ ދާއޫދުގެފާނުގެ ދަރިކޮޅުން އަންނަ މީހަކު ހަމަ ދާއޫދުގެފާނު މީސްތަކުންގެ މައްޗަށް ރަސްކަން ކުރެއްވި ފަދައިން އަލްމަސީޙުގެ ގޮތުގައި މީސްތަކުންގެ މައްޗަށް ވެރިކަން ކުރައްވާނެ ކަމުގަ.
31 ދާއޫދުގެފާނަށް ކަންތައް ވާނޭ ގޮތް އެނގިވަޑައިގެން ވާތީ އެކަލޭގެފާނު އަލްމަސީޙު މަރުވުމަށް ފަހު އަލުން ދިރުއްވޭނޭ ކަމުގައި ވިދާޅުވި. ދާއޫދުގެފާނު ވިދާޅުވި.
32 މާތްރަސްކަލާނގެ އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރުއްވައިފި. އަހަރެމެން އެންމެންނަކީ އެކަންތައް ދުށް ހެކިން.
33 މާތްރަސްކަލާނގެ އީސާގެފާނު އުޑަށް އުފުއްލަވައިފި. އެކަލޭގެފާނު މިހާރު ވަނީ އެކަލާނގެ ކަނާއަތް ފަރާތުގައި ސުވަރުގޭގައިވާ އެންމެ މަތިވެރި ތަހުތުކޮޅުގަ. ބައްޕާފުޅު ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން އީސާގެފާނަށް މާތްރޫޙުފުޅު ދެއްވި. އަދި އީސާގެފާނު އެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި. ތިޔަބައިމީހުންނަށް ތި ފެނި އިވޭ ކަންތައްތަކަކީ އެއީ.
34 ދާއޫދުގެފާނު އުޑަކަށް ނޭރުއްވެ. ނަމަވެސް އެކަލޭގެފާނު މި ފަދައިން ވިދާޅުވެފައި ވޭ.
35 ތިމަންކަލާނގެ ކަލޭގެފާނުގެ ދުޝްމިނުން ކަލޭގެފާނުގެ ފައިދަށަށް ލާ ގޮނޑިއެއް ފަދައިން ދަށްކުރައްވަން ދެން، ކަލޭގެފާނު ތިމަންކަލާނގެ ކަނާއަތް ފަރާތުގައި އިއްޒަތުގައި އިށީނދެ ވަޑައިގަންނަވާށޭ.‘
36 އެހެން ކަމުން ބަނީއިސްރާއީލުގެ އެންމެންނޭ، ކަށަވަރުވެ ދެނެގަނޭ. ކަލޭމެން ސަލީބަށް ނަގާ މަރާލި އީސާގެފާނު އެއީ މާތްރަސްކަލާނގެ ފޮނުއްވި މާތްސާހިބާ އަލްމަސީޙު.“
37 އެތަނަށް އެއްވެފައިވާ މީސްތަކުންނަށް މި ބަސްތައް އިވުމުން ވަރަށް ކަންބޮޑުވެ ދެރަވިއެވެ. އެމީހުން ޕަތަރަސްއާއި އެހެން ވެސް އީސާގެފާނުގެ މަންދޫބުން ކުރެން ސުވާލު ކުރިއެވެ. ”އަޚުންނޭ. ދެން އަހަރެމެން ހަދާނީ ކިހިނެއް ތޯ؟“
38 ޕަތަރަސް ބުންޏެވެ. ”ކަލޭމެން ފާފަކުރުން ހުއްޓާލާ ހިތާއި އަމަލާއި ބަދަލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި ކަލޭމެންގެ ފާފަތައް ފުއްސެވުމަށް އެދި، އީސާ އަލްމަސީޙުގެ ނަންފުޅުމަތީ ތައުބާގެ ހިނެވުމުން ހިނައިގަންނާށޭ. އޭރުން ކަލޭމެންނަށް ދެއްވާ ހަދިޔާފުޅެއް ކަމުގައިވާ މާތްރޫޙުފުޅު ލިބޭނެ.
39 މި ހަދިޔާ އަކީ ކަލޭމެންނަށާއި ކަލޭމެންގެ ދަރިންނަށާއި ދުރުގައިވާ އެންމެންނަށް ވެސް ވާ ހަދިޔާފުޅެއް. އަދި މި ހަދިޔާ އަކީ މާތްރަސްކަލާނގެ ކަނޑައަޅުއްވާ ހޮއްވަވާ އެންމެންނަށްޓަކާމެ ވާ ހަދިޔާއެއް.“
40 ޕަތަރަސް އެތައް އިރެއް ވަންދެން މި ގޮތުގެ މަތިން އެމީހުންނާއި ވާހަކަ ދެއްކިއެވެ. ޕަތަރަސް އެމީހުންނަށް އާދޭހާ އެކު ބުންޏެވެ. ”ކަލޭމެންގެ ނަފްސު މި ނުބައި ޒަމާނުގެ މީހުންގެ ނުފޫޒުން ސަލާމަތް ކުރޭ.“
41 އެދުވަހު ޕަތަރަސް ދެއްކި ވާހަކަތައް ގަބޫލު ކުރި މީހުން ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އެދުވަހު ގާތްގަނޑަކަށް ތިން ހާސް މީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނުގެ މައްޗަށް އީމާންވާ މީހުންގެ ތެރެއަށް އިތުރު ވިއެވެ.
42 އެދުވަހަށް ފަހު މިމީހުން އީސާގެފާނުގެ މަންދޫބުން އެކަލޭގެފާނާއި ބޭހޭ ގޮތުން ކިޔަވާދެއްވަމުން ގެންދެވި ތަކެތި އަހާ ދަސް ކުރުމަށް އައެވެ. އަދި ހުރިހާ އީމާންވާ މީހުން އެކުގައި ޖަމާވެ، އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއިއެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކާ، އެކުގައި ކައި ބޮއި ހެދުމުގައާއި ދުޢާ ކުރުން މަތީ އެމީހުންގެ ދުވަސްތައް ހޭދަކުރިއެވެ.
43 އެންމެންމެ ވެސް ވަނީ އެދިޔަ މަތިވެރި ކަންތައްތަކުގެ ސަބަބުން ހައިރާން ކަމުން ފުރިފައެވެ. އީސާގެފާނުގެ މަންދޫބުން އެދުވަހު އެތައް މުޢުޖިޒާތަކާއި ހައިރާން ކުރުވަނިވި ކަންތައްތައް ކުރިއެވެ.
44 އީމާންވީ ހުރިހާ މީހުން ވަނީ އެކުގައެވެ. އަދި އެމީހުންގެ އަތުގައިވާ ހުރިހާ އެއްޗެއް ވެސް އެއީ އެންމެންގެ އެއްޗެތި ކަމުގައި ހެދިއެވެ.
45 އެމީހުންގެ މުދަލާ އެހެން ވެސް ތަކެތި ވިއްކައިގެން އެ ލިބުނު ލާރި އެމީހުންގެ ތެރެއިން އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ދީ ހެދިއެވެ.
46 ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ޖަމާވެ އެތާނގައި އެމީހުންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި ކޮންމެ ދުވަހަކުމެ އެމީހުންގެ ގޭގޭގައި އެކުގައި ކައްކާ އުފަލާއި ހަމަޖެހުމާއި އެކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކައި ކައިހަދައި އުޅުނެވެ.
47 އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކޮށް އަދި މީސްތަކުންގެ ކިބައިން އެމީހުންނަށް ލިބެމުން ދިޔަ ރަނގަޅު ނަމާއި ހެޔޮބަސްތަކުގެ މައްޗަށް އުފާކޮށް އުޅުނެވެ. މާތްރަސްކަލާނގެ އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަ ކުރައްވަމުން ދިޔައެވެ.