Apocalipse 2

DIV

1 ”⁠އެފޭސުސްގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ:

2 ތިޔަބައިމީހުން ކަންތައް ކުރި ގޮތާއި ތިޔަބައިމީހުން ކުރި ބުރަ މަސައްކަތް އަހަރެންނަށް އެނގޭ. އަދި ތިޔަބައިމީހުން ކެތްތެރިކަމާއެކު ހިފެހެއްޓި މިންވަރު ވެސް އަހަރެންނަށް އެނގޭ. ނުބައި ނުލަފާ މީހުން ތިޔަބައިމީހުންނަށް ޤަބޫލު ނުކުރެވޭކަން ވެސް އަހަރެންނަށް އެނގޭ. އަދި މަންދޫބުން ކަމުގައި ބަޔަކު ބުނަމުން ދިޔަ ހިނދު ތިޔަބައިމީހުން އެފަދަ މީހުން އިމްތިޙާނު ކުރި. އަދި ތިޔަބައިމީހުން ކުރި އިމްތިޙާނުން އެބައިމީހުން ފޭލްވުމުން އެއީ ދޮގުވެރިން ކަމުގައި ތިޔަބައިމީހުންނަށް އެނގުނު.

3 ތިޔަބައިމީހުން ކެތްތެރިކަމާއެކު އަހަރެންނަށްޓަކައި ވޭން އުފުލީމު. އަދި ތިޔަބައިމީހުން ސާބިތުވެ ތިބި.

4 އެކަމަކު ތިޔަބައިމީހުންނާއި މެދު އަހަރެން ދެބަސްވާ ކަންތައްތަކަކީ މިއީ: އެއީ އަހަރެންނާއި މެދު ތިޔަބައިމީހުން ފުރަތަމަ ވީފަދަ ލޯތްބެއް މިހާރު ތިޔަބައިމީހުން ނުވާކަން.

5 އެހެންވީމާ، ތައުބާވެ މީގެ ކުރިން ތިޔަބައިމީހުން ތިބި ހިސާބުން މިހާރު ތިޔަބައިމީހުންނަށް ތިބެވުނު ދުރުމިނާއި މެދުގައި ވިސްނާ! އަދި ކުރީގައި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަމަލުކުރޭ! އެފަދައިން ތިޔަބައިމީހުން އަމަލު ނުކުރާނަމަ އަހަރެން ގޮސް ތިޔަބައިމީހުންގެ ދިއްލާފައިވާ ބައްތި ބަހައްޓާ ހަރު ނަގާނަން!

6 ނަމަވެސް ތިޔަބައިމީހުންގެ ކިބައިގައި ރަނގަޅު އެއްކަމެއް ވޭ. އެއީ އަހަރެން ވެސް ނަފްރަތު ކުރާ ފަދައިން ނިކޮލައިތީ މީހުން ކުރާ ކަންތަކާއި މެދު ތިޔަބައިމީހުން ވެސް ނަފްރަތު ކުރާކަން.

7 ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ!

8 ”⁠އިޒުމީރުގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ:

9 ތިޔަބައިމީހުންގެ މުސީބާތްތައް އަހަރެންނަށް އެނގޭ. ތިޔަބައިމީހުންގެ ނިކަމެތިކަމާއި ފަގީރުކަން ވެސް އަހަރެންނަށް އެނގޭ. ނަމަވެސް ޙަޤީޤީ މުއްސަނދިންނަކީ ތިޔަބައިމީހުން! ބައެއް ފަރާތްތަކުން ތިޔަބައިމީހުނާއި ދެކޮޅަށް މުޚާތަބު ކުރި ނުބައި ބަސްތައް ވެސް އަހަރެންނަށް އެނގޭ. އެއީ އެބައިމީހުން ދަޢުވާ ކުރަމުން ދިޔައީ ޙަޤީޤީ ބަނީއިސްރާއީލުންނަކީ އެބައިމީހުން ކަމުގައި. ނަމަވެސް އެބައިމީހުންނީ ޙަޤީޤީ ބަނީއިސްރާއީލުންނެއް ނޫން. އެބައިމީހުންނީ ޝައިތާނާގެ ޖަމާޢަތުގެ ބައެއް!

10 ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.

11 ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވާ އެއްޗެއްގެ އަޑުއަހާ!

12 ”⁠ޕެރުގަމޫމުގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ:

13 ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދަނީ ކޮން ތަނެއްގައިކަން އަހަރެންނަށް އެނގޭ. އަދި އެއީ އެތަނެއްގައި ޝައިތާނާގެ ތަޚުތު ބެހެއްޓިފައި ހުރި ތަން ވެސްމެ. ނަމަވެސް ތިޔަބައިމީހުން އަހަރެންނަށް ތެދުވެރިވީމު. އަދި އަހަރެންގެ ވަފާތެރި ހެކިވެރިޔާ ކަމުގައިވާ އަންތިޕާސް ތިޔަބައިމީހުންގެ ތެރޭގައި އުޅުނު ހިނދު އެތަނެއްގައި ޝައިތާނާ ދިރިއުޅެމުން ގެންދާ ތިޔަބައިމީހުންގެ ސަހަރުގައި އަންތިޕާސް ޝަހީދުކުރެވުނު. އެހެނަސް އަހަރެންނާއިމެދު ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން ދޫކޮށްނުލަން.

14 ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެބަސްވާ ބައެއް ކަންތައްތައް އެބަހުރި. އެއީ ތިޔަބައިމީހުންގެ ތެރެއިން ބަޔަކު ބަލާމުގެ އުނގަންނައިދިނުމާއި އެއްގޮތަށް ކަންތައްކުރޭ. ބަލާމު، ބަނީއިސްރާއީލުންގެ މީހުން ލައްވާ ފާފަކުރުވުމަށް ބާލަކަށް ވިސްނައިދިން. އޭގެސަބަބުން އެމީހުން ބުދުތަކަށް ޤުރުބާން ހުށަހެޅުވައިފައިވާ ކާނާ ކައި ޖިންސީ ފާޙިޝް އަމަލުތައް ހިންގި.

15 ހަމަ މިފަދައިން ތިޔަބައިމީހުންގެ ތެރޭގައި ނިކޮލައިތީ މީހުންގެ އުނގަންނައިދިނުންތައް ގަބޫލުކުރާ ބަޔަކު އެބައުޅޭ.

16 އެހެންވީމާ، ފާފަތަކުން ދުރުވެ ތައުބާވޭ! އެހެންނޫނީ އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް އަވަސް ގޮތެއްގައި ދާނަން. އަދި ތިޔަބައިމީހުންގެ ތެރޭގައި ވީ އެފަދަ ފަރާތްތަކާއި ދެކޮޅަށް އަހަރެންގެ އަނގައިގައިވާ ކަނޑިން ޙަމަލާ ދޭނަން.

17 ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ފޮރުވިގެންވީ މަންނާއިން ބައެއް އަހަރެން ނަސްރު ހޯދާ ފަރާތްތަކަށް ދޭނަން. އަދި ހުދު ހިލައިގައި އާ ނަމެއް ލިޔެ އެއިން ކޮންމެ ފަރާތަކަށް އަހަރެން ދޭނަން. ނަމަވެސް އެ ހިލަ ލިބިދޭ ފަރާތަށް މެނުވީ އެ ހިލައިގައިވާ ލިޔުމެއް އެނގިގެންނުވާނެ.⁠“

18 ”⁠ތިޔާތިރާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ:

19 ތިޔަބައިމީހުންގެ އެންމެހާ އަމަލުތައް އަހަރެންނަށް އެނގޭ. ތިޔަބައިމީހުންގެ މެދުގައިވާ ލޯތްބާއި އީމާންތެރިކަމާއި ޚިދުމަތާއި އަދި ކެތްތެރިކަން އަހަރެންނަށް އެނގޭ. އަދި ތިޔަބައިމީހުން މީގެ ކުރިން އަމަލު ކުރި ކުރުމަށް ވުރެން މިހާރު އިތުރަށް މިކަންތައް ކުރުމުގައި ވާކަން އަހަރެން ދަންނަން.

20 ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެކޮޅުވާ ކަމަކީ މިއީ: ތިޔަބައިމީހުން އީޒާބަލްއޭ ކިޔާ އަންހެނާ އާއިމެދު ކެތްތެރިވި. އޭނާ އަމިއްލަ ނަފްސަށް އޭނާއަކީ މާތްރަސްކަލާނގެ ފޮނުއްވި ރަސޫލެއް ކަމަށް ދަޢުވާކުރޭ. އަދި އޭނާގެ އުނގަންނައި ދިނުންތަކުން އަހަރެންގެ ޚާދިމުންނަށް ނުބައިވެގެންވާ މަގު ދައްކުވައި ޖިންސީ ފާފަތަކަށް އަރައިގަތުމަށް އާދަ ކުރުވައި، ބުދުތަކަށް ޤުރުބާން ކުރެވުނު ތަކެތި ކެއުމަށް އެންގި.

21 އަހަރެން އެ އަންހެނާއަށް ތައުބާވުމަށް ފުރުސަތު ދިނީން. ނަމަވެސް އެ އަންހެނާގެ ވަޙުޝީ ފާފަވެރި ކަމުން އެއްކިބާވެ ތައުބާ ވުމަކަށް އެދިގެންނެއް ނުވި.

22 އެހެންވީމާ، ބަލި ދާނުގެ ތެރޭގައި އެއަންހެނާ އޮތުމަށް އަހަރެން މިންވަރު ކުރާނަން. އަދި އޭނާ އާއިއެކު އެފަދަ ފާޙިޝް އަމަލުތައް ކުރި މީހުން ގަދަވެގެންވާ ވޭން ތަޙައްމަލު ކުރާނެ. އެއީ އެބައިމީހުންގެ ފާފަވެރިކަމުން ދުރުވެ ތައުބާ ނުވެއްޖެނަމަ.

23 އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.

24 ތިޔާތިރާގެ މީސްތަކުންގެ ތެރެއިން އީޒާބަލްގެ އުނގަންނައިދިނުންތަކަށް އީމާން ނުވެ އަދި ޝައިތާނާގެ ފުންމިން ނޭނގޭ ސިއްރުތަކޭ އެ ކިޔާ ބަސްތަކަށް ތަބާނުވެތިބި މީހުންނަށް ބުނަން. އަހަރެން އިތުރަށް ތިޔަބައިމީހުންނަށް ބުރައެއް ނުޖައްސާނަން.

25 ހަމައެކަނި އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް އައުމާއި ހަމައަށް ސާލިޙުގޮތުގައި ގާއިމުވެ ތިބޭ.

26 ނަސްރު ހޯދާ އަދި ދުނިޔެ ނިމުމާއި ހަމައަށް އަހަރެންނާއިމެދު ކިޔަމަންތެރި ކަމުގައިވާ މީހުންނަށް އަހަރެން ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް ބާރު ދޭނަން.

29 ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވާ އެއްޗެއްގެ އަޑުއަހާ!⁠“

Ler em outra tradução

Comparar lado a lado