1 މި ފޮތަކީ އީސާ އަލްމަސީޙަށް މާތްރަސްކަލާނގެ ހާމަކޮށްދެއްވި ހާމަކޮށްދެއްވުން ތަކެކެވެ. އެއީ ދުރުނޫން ގޮތެއްގައި ހިނގާނެ ޙާދިސާ ތަކެއްގެ ޚަބަރު އެކަލޭގެފާނުގެ ޚާދިމުންނަށް ބުނެދެއްވުމަށެވެ. އަދި އަލްމަސީޙުގެ މަލާއިކަތާ އެކަލޭގެފާނުގެ ޚާދިމު ޔޫޙަންނާއަށް ހިނގާނެ މި ޙާދިސާތައް އަންގައި ދިނުމަށް ފޮނުއްވިއެވެ.
2 އެގޮތުން ޔޫޙަންނާއަށް ފެނުނު ކަންތައްތައް އެ ހިނގާދިޔަ ފަދައިން ބުނެދިނެއެވެ. މިއީ މާތްރަސްކަލާނގެ ދެއްވި އެކަލާނގެ ޚަބަރުފުޅުތަކާއި މެދުވާ ސާބިތު ހެކިތަކެއްގެ ވާހަކަތަކެވެ. އަދި އީސާ އަލްމަސީޙު ފައުޅު ކޮށްދެއްވި ތެދު ބަސްފުޅެވެ.
3 މިފޮތުގައިވާ ޣައިބުގެ ބަސްފުޅުތައް މީހުންނަށް ކިޔާދޭ ކޮންމެ ފަރާތަކަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވަތެވެ. އަދި މި ބަސްފުޅުތައް އަހައި ކިޔަމަންގަތް ކޮންމެ އަޅަކަށް ވެސް އެކަލާނގެ ރަޙުމަތް ލައްވަތެވެ. ސަބަބަކީ މި ބަޔާންކުރާ ފަދަ ޙާދިސާތައް ހިނގައިދިއުމުގެ ވަގުތު މިވަނީ އައިސް ކައިރިވެފައެވެ.
6 އަދި އެކަލޭގެފާނުގެ ރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ޚިދުމަތުގައިވާ އިމާމުންގެ ރަސްކަންފުޅެއް ކަމުގައި އެކަލޭގެފާނު އަހަރެމެން އައްޔަން ކުރެއްވިއެވެ. އީސާ އަލްމަސީޙަށް ޖަލާލަތާއި ބާރު އަބަދުގެ އަބަދަށް ދެއްވާށިއެވެ! އާމީން.
7 ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.
8 ސާހިބުވަންތަ ރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”އަހަރެންނަކީ އަލްފާ އަދި އޮމޭގާ. އަދި އަހަރެންނަކީ މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ކުޅަދުންވަންތަ މާތްރަސްކަލާނގެ.“
9 އަހަރެންނީ ތިޔަބައިމީހުންގެ އަޚު، ޔޫޙަންނާއެވެ. އަލްމަސީޙުގެ ރަސްކަންފުޅުގައި ވޭން ތަޙައްމަލުކުރުމުގައި ޙިއްސާވާ އަދި އެކަލޭގެފާނު ދެއްވާ ކެތްތެރިކަމުގައި ކުރިޔަށް ދާ ތިޔަބައިމީހުންގެ ބައިވެރިޔަކީމެވެ. އަހަރެން ޕާތުމޮސް ކިޔާ ރަށަށް އަރުވާލީ މާތްރަސްކަލާނގެ ބަސްފުޅުންނާއި އަދި އީސާގެފާނުގެ ހެޔޮ ޚަބަރުފުޅުން ވަޢުޡު އިއްވަމުން ދިއުމުގެ ސަބަބުންނެވެ.
10 މާތްސާހިބާގެ ދުވަހުގައި މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި ތާޅަފިލީގެ އަޑުފަދަ ގަދަ އަޑެއް އަހަރެންނަށް އިވުނެވެ. އެ ހިނދު އެއަޑު އަހަރެންގެ ފުރަގަހުން ވާހަކަ ދައްކަމުން ދިޔައެވެ.
11 އެއަޑު އަހަރެންނަށް ބުންޏެވެ. ”ތިބާއަށް ފެންނަ އެންމެހާ ކަންތައް ފޮތެއްގައި ލިޔެ މި ހަތް ސަހަރުގެ މަސީޙީ ޖަމާޢަތްތަކަށް ފޮނުވާ. އެއީ: އެފޭސުސް، އިޒުމީރު، ޕެރުގަމޫމު، ތިޔާތިރާ، ސަރުދީސް، ފިލަދެލްފިޔާ އަދި ލަވުދީކިޔާ.“
12 އަހަރެންނާއި ވާހަކަ ދެއްކީ ކާކުތޯ ބެލުމަށް ފަސްއެނބުރި ވަށައިގެން އަހަރެން ބެލީމެވެ. އެ ހިނދު އަހަރެންނަށް ފެނުނީ ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރެވެ.
13 އަދި އެ ތަކެތީގެ މެދުގައި އިންސާނާގެ ދަރިކަލުން ފަދަ މީހަކު ވިއެވެ. އެމީހަކު ލައިގެން ހުރި ރިދާކޮޅު އެމީހެއްގެ ފައިތިލައާއި ހަމައަށް ދިގުވެގެންވިއެވެ. އަދި މޭމަތީގައި ވަށައިގެން ރަން ބާސްކީއްޔެއް އަޅާފައިވިއެވެ.
14 އެމީހެއްގެ އިސްތަށިގަނޑު ކަފަ ފަދައިން ނުހަނު ހުދު ކުލައިގައި ވިއެވެ. އަދި އެމީހެއްގެ ލޯ ވަނީ އަލިފާނުގެ ހުޅުކޮޅެއް ފަދައިންނެވެ.
15 ވިރުވާފަ އޮފްއަރުވާފައިވާ ރަތުލޮއި ފަދައިން އެމީހެއްގެ ފައިތިލަ ވިދާ ބަބުޅައެވެ. އަދި އެމީހެއްގެ އަޑުގައި ވަނީ ގަދަފަދަ ކޮޅިގަނޑެއްގެ ވިއްސާރައިގެ އަޑުފަދަ އަޑެކެވެ.
16 އެމީހެއްގެ ކަނާއަތުގައި ހަތް ތަރި ވިއެވެ. އަދި ދެމިޔަލީ ތޫނު ކަނޑިއެއް އެމީހެއްގެ އަނގައިގެ ތެރެއިން ނުކުތެވެ. އެމީހެއްގެ މޫނު މެންދުރު ވަގުތުގެ އިރު ބަބުޅާ ފަދައިން ބަބުޅައެވެ.
17 އަހަރެންނަށް އެމީހަކު ފެނުނު ހިނދު މަރުވެގެން ވެއްޓުނު މީހަކު ފަދައިން އެމީހާގެ ފައިމައްޗަށް ވެއްޓުނީމެވެ. ނަމަވެސް އެމީހާގެ ކަނާއަތުން އަހަރެން ނަންގަވައި ވިދާޅުވިއެވެ. ”ބިރު ނުގަނޭ! އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ.
18 އަހަރެންނީ ދާއިމަށް ދެމި ވޮޑިގެންވާނެ ފަރާތް! އަހަރެން މަރުވެދިޔަ. ނަމަވެސް އަހަރެންނީ އަބަދުގެ އަބަދަށް ދިރިދެމި ވޮޑިގެންވާނެ ފަރާތް. މަރުގެ ތަޅުދަނޑި އަހަރެން ހިފަހައްޓަން. އަދި މަރުގެ މަންޒިލްގެ ތަޅުދަނޑިވެސް އަހަރެން ހިފަހައްޓަން.
19 ތިބާ ދުށް އެންމެހާ ކަންތައް ލިޔޭ! އެއީ މިހާރު ހިނގާ ކަންތައްތަކާއި، އަދި ކުރިއަށްއޮތް ތާނގައި ހިނގާނެ ކަންތައްތައް.
20 ތިބާއަށް އަހަރެންގެ ކަނާއަތުގައި ވަނިކޮށް ފެނުނު ހަތްތަރިއާއި، އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރުގެ ފޮރުވިފައިވާ މާނައަކީ މިއީ. އެ ހަތްތަރި ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތުގެ މަލާއިކަތުން. އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރު ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތް.“