1 މިއީ ދާއޫދުގެފާނު ޝާއުލްގެފާނާއި އެކަލޭގެފާނުގެ ހުރިހާ އަދާވާތްތެރިންގެ އަތްދަށުން މިންޖު ކުރެއްވުމުން މާތްރަސްކަލާނގެއަށް ދެންނެވި މަދަހަ ސަނާއެވެ.
2 މާތްރަސްކަލާނގެއަކީ މިއަޅާގެ ރައްކާތެރި ކަމުގެ ހިލައެވެ.
3 އެކަލާނގެއަކީ މިއަޅާގެ ވެރި ރަސްކަލާނގެއެވެ.
4 މިއަޅާ ޙަމްދު ސަނާ ޙައްޤުވެގެންވާ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވީމެވެ.
5 މިއަޅާގެ އަދާވާތްތެރިން މިއަޅާ މަރާލަން އުޅުނެވެ.
6 ގަބުރުގެ ވާވެލާވެލި މިއަޅާގެ ހަތަރު ފަރާތުން ވަށާލިއެވެ.
7 މިއަޅާ އޭރު އޮތީ މަރުގެ ތުންފަތްމަތީގައެވެ. އެ ހިނދު މިއަޅާ މަދަދަށް އެދި ދެންނެވީމެވެ.
8 ދެން ބިންގަނޑު ތޮޅިގެންފިއެވެ. އުޑުތަކުގެ ބިންގާ ގުޑައިގެން ދިޔައެވެ.
9 އެކަލާނގެ ނޭފަތްޕުޅުން ދުން އަރައިގަތެވެ.
10 އެކަލާނގެ އުޑުތައް ވީއްދަވާލައްވައި ބިންމައްޗަށް ފައިބާ ވޮޑިގަތެވެ.
11 އެކަލާނގެ ކުޑަތާމަލާއިކަތުންގެ މައްޗަށް ސަވާރުވެ އުދުހިވޮޑިގަތެވެ.
12 ކަޅު އަނދިރި ވިލާތަކުގެ ފޭލިގެ ތެރޭ އެކަލާނގެ ވޮޑިގެންވިއެވެ.
13 އެކަލާނގެ އަލިގަދަ އުޖާލާ ކަމުގެ ތެރޭން އަލިފާން ކެނޑެމުން ދިޔައެވެ.
14 މާތްރަސްކަލާނގެ އުޑުމަތިން ގުގުރައިގެންނެވިއެވެ.
15 އެކަލާނގެ ތީރުތައް ދުޝްމިނުންގެ މައްޗަށް އޮއްސަވައިގެންފިއެވެ.
16 ފުންކަނޑުގެ އަޑި ފާޅުވެގެން ދިޔައެވެ.
17 އެފަދަ ގަދަފަދަ ކަމާއެކު އެކަލާނގެ މިއަޅާއަށް އެހީތެރިވުމަށް ތިރިއަށް ފައިބައި ވޮޑިގެންނެވިއެވެ.
18 މިއަޅާގެ އަދާވާތްތެރިން މިއަޅާއަށް ވުރެން ބާރު ގަދައެވެ.
19 މިއަޅާގެ މުސީބާތުގެ ދުވަހު އެމީހުން އައިސް މިއަޅާއާ ކުރިމަތިލިއެވެ.
20 އެކަލާނގެ މިއަޅާ ހާމަ ބިމަށް ގެންނެވިއެވެ.
21 މާތްރަސްކަލާނގެ މިއަޅާ ކުރި ޞާލިޙު ކަންތަކަށް ހެޔޮ ޖަޒާ ދެއްވިއެވެ.
22 އެހެނީ މިއަޅާ މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިވިއެވެ.
23 އެކަލާނގެ އެންގެވި ހުރިހާ ޤާނޫނެއް ވަނީ މިއަޅުގެ ކުރިމަތީގައެވެ.
24 އެކަލާނގެ ކުރިފުޅުމަތީގައި މިއަޅާގެ އިލްޒާމެއް ނުވެއެވެ.
25 މާތްރަސްކަލާނގެ އެގޮތުން މިއަޅާއަށް ހެޔޮ ޖަޒާ ދެއްވައެވެ.
26 އޭ މާތްރަސްކަލާނކޯ އެވެ! ޙަޤީޤަތުގައި މީހަކު އިނބަރަސްކަލާނގެއަށް ވަފާތެރިވާނަމަ އެމީހަކާމެދު އިނބަރަސްކަލާނގެ ވެސް ވަފާތެރިވެ ވޮޑިގަންނަވައެވެ.
27 ތާހިރު މީހުންނަށް އިނބަރަސްކަލާނގެ ހުސް ތާހިރުވަންތަކަން ދައްކަވައެވެ.
28 ހިތްތިރި މީހުން އިނބަރަސްކަލާނގެ ސަލާމަތް ކުރައްވައެވެ.
29 އިނބަރަސްކަލާނގެއަކީ މިއަޅާގެ ބައްތިއެވެ.
30 އިނބަރަސްކަލާނގެ ބާރުފުޅާއެކު ބޮޑު ލަޝްކަރެއް ވެސް މިއަޅާ ބަލިކޮށްލަމެވެ.
31 މާތްކަލާނގެ އަކީ އެންމެ ފުރިހަމަ ކަލާނގެއެވެ.
32 މާތްރަސްކަލާނގެ ފިޔަވައި އެހެން ކަލެއް ނުވެއެވެ.
33 މާތްކަލާނގެ އަކީ މިއަޅާގެ ގަދަފަދަ ކިއްލާއެވެ.
34 އެކަލާނގެ މިއަޅާއަށް ފުއްލާއެއްހާ ހަލުއިކޮށް ދުވެވޭނެ ގޮތް ހައްދަވައެވެ.
35 އެކަލާނގެ މިއަޅާއަށް ހަނގުރާމަ ކުރާނެ ގޮތް ދައްކަވައެވެ.
36 މާތްކަލާނކޯއެވެ! އިނބަރަސްކަލާނގެ މިއަޅާއަށް ރައްކާތެރިކަން ދެއްވައެވެ.
37 މިއަޅާގެ ފައިތިލަ ބަހައްޓާނެ މަގު ފުޅާ ކުރައްވައި ގަދަކުރެއްވީ،
38 މިއަޅާ ދުޝްމިނުންގެ ފަހަތުން ގޮސް އެމީހުން ފުނޑު ކޮށްލަމެވެ.
39 މިއަޅާގެ ދުޝްމިނު އެންމެން ނައްތާލީމެވެ. މިއަޅާ އެމީހުން ބަލިކޮށްލީމެވެ.
40 މިއަޅާއަށް ހަނގުރާމައިގައި ގަދަކަން ދެއްވީ އިނބަރަސްކަލާނގެއެވެ.
41 އިނބަރަސްކަލާނގެ މިއަޅާގެ ދުޝްމިނުން ފައްސަވާލެއްވިއެވެ.
42 މިއަޅާގެ ދުޝްމިނުން މަދަދަށް އެދިގެން ބަލައެވެ.
43 މިއަޅާގެ ދުޝްމިނުން ކުދިކުދިކޮށް މިއަޅާ ކޮށާލަމެވެ.
44 މިއަޅާގެ އަމިއްލަ ޤައުމުގެ ދެކޮޅުވެރިންގެ އަތްދަށުން މިއަޅާ ސަލާމަތް ކުރެއްވީ އިނބަރަސްކަލާނގެއެވެ.
45 ބީރައްޓެހިން މިއަޅާގެ ކުރިމަތީގައި ބިރުން ފިރުކެމުން އާދެއެވެ.
46 އެހެނިހެން ރަށްރަށުގެ މީހުން ތިބެނީ ބިރުގެންފައެވެ.
47 ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ އަކީ މިއަޅާގެ ހިލައެވެ.
48 މިއަޅާގެ އަދާވާތްތެރިންނަށް ސަޒާ ދެއްވީ އެކަލާނގެއެވެ.
49 މިއަޅާގެ ދުޝްމިނުންގެ އަތްދަށުން ސަލާމަތްކޮށް ދެއްވީ އިނބަރަސްކަލާނގެއެވެ.
50 މާތްރަސްކަލާނކޯއެވެ! ޤައުމުތަކުގެ ކުރިމަތީ އިނބަރަސްކަލާނގެއަށް ތައުރީފުކޮށް މިއަޅާ ޙަމްދުސަނާ ކިޔަނީ އެހެންވެއެވެ.
51 އެކަލާނގެ ހޮއްވެވި ރަސްގެފާނު ކުރައްވާ ހަނގުރާމައަށް އެކަލާނގެ މަދަދު ދެއްވާނެއެވެ.