2 Samuel 2

DIV

1 އޭގެ ފަހުން ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ.

2 ދެން ދާއޫދުގެ ދެއަނބިން، ޔަޒްރަޢީލުގެ އަޚީނޫޢަމް އާއި ކަރުމަލްގެ ނާބާލްގެ ހުވަފަތް އަނބި އަބީޖާއިލް ގޮވައިގެން ހެބްރޯނަށް ހިނގައްޖެއެވެ.

3 އަދި އޭނާގެ މީހުންނާއި އެމީހުންގެ އަނބިން ވެސް ގެންދިޔައެވެ. އެތަނަށް ގޮސް އެމީހުން ޙަބްރޫންގެ ކައިރި އަވަށްތަކުގައި ވަޒަންވެރި ކުރުވިއެވެ.

4 ދެން ޔަހޫޛާ ގަބީލާގެ މީހުން ޙަބްރޫނަށް އައިސް ދާއޫދުގެ ބޮލަށް ތެޔޮއަޅައި ރަސްކަމަށް އިސްކޮށްފިއެވެ.

5 އެކަލޭގެފާނު ޔާބީޝްއަށް ބަޔަކު ފޮނުއްވައި އެންގެވިއެވެ. ”⁠ކަލޭމެން ސާހިބުމީހާއާ މެދު އިހުސާންތެރިވެ އެކަލޭގެފާނު ވަޅުފުޅުލައި ދިނީތީ މާތްރަސްކަލާނގެ ކަލޭމެންނަށް ބަރަކާތް ލައްވާށި.

6 އެކަމަށްޓަކައި ކަލޭމެންނާއި މެދު މާތްރަސްކަލާނގެ ދެގޮތެއްނުވާ އޯގާވެރިކަމާއި އަމާނާތްތެރިކަން ކަލޭމެންނާމެދު ބަހައްޓަވާނެ. އަހަރެން ވެސް ކަލޭމެން އެ ކުރި ހެޔޮކަން ބަލައިގަނެ ކަލޭމެންނާމެދު އެފަދައިން ކަންތައް ކުރާނަން.

7 މިހާރު ދެން ކަލޭމެން ހިތްވަރު ގަދަ ކުރާތި. ކަލޭމެންގެ ސާހިބު ޝާއުލްގެފާނު އަވަހާރަވެ ދިޔަ ކަމުގައި ވިޔަސް ޔަހޫޛާގެ މީހުން މިވަނީ އެމީހުންގެ ރަސްކަލަކަށް އަހަރެން ހޮވާފައި.⁠“

8 އެ ހިނދު ޝާއުލްގެފާނުގެ ދަރިކަލެއް ކަމަށްވާ އިޝްބޫސަތު ގޮވައިގެން ނައިރުގެ ދަރި އަބްނައިރު މަޙަނާއިމު އަވަށަށް އަތުވެއްޖެއެވެ. އަބްނައިރު އަކީ ޝާއުލްގެފާނުގެ ލަޝްކަރުގެ ވެރިޔަކަށް ހުރި މީހާއެވެ.

9 އޭނާ އައިސް އިޝްބޫޝަތަށް، ޖިލްޢާދު އާއި އާޝިރު އާއި ޔަޒްރަޢީލް އާއި އަފްރާއީމްއާއި ބަންޔާމީންއާއި މުޅި އިސްރާއީލުގެ ރަސްކަން ހޯދައިދީފިއެވެ.

10 ޝާއުލްގެފާނުގެ މި ދަރިކަލުން އިޝްބޫސަތުގެ އުމުރުން އޭރު ސާޅީސް އަހަރެވެ. އޭނާ ދެ އަހަރު އިސްރާއީލުގެ ވެރިކަން ކުރިއެވެ. އޭރު ވެސް ޔަހޫޛާގައި ރުހުންއޮތީ ދާއޫދުގެފާނަށެވެ.

11 ދާއޫދުގެފާނު ޙަބްރޫންގައި ހަތް އަހަރާއި ހަ މަސްދުވަހު ޔަހޫޛާއިންގެ މައްޗަށް ރަސްކަން ކުރެއްވިއެވެ.

12 ނައިރުގެ ދަރި އަބްނައިރު އާއި އިޝްބޫސަތު އާއި އެކުގައި ގެންގުޅޭ މީހުން މަޙަނާއިމް ދޫކޮށް ޖިބްޢޫންއަށް ދަތުރު ކުރިއެވެ.

13 އެވަގުތަކީ ސަރޫވިޔަތުގެ ދަރި ޔުއާބު ވެސް ދާއޫދުގެފާނުގެ ލަޝްކަރުގެ މީހުންނާއެކު ޖިބްޢޫނުގެ ފެންގަނޑުގެ ކައިރިއަށް ދިޔަ ވަގުތެވެ. އެތަނުން އެމީހުންނާ އަބްނައިރުގެ ލަޝްކަރުގެ މީހުންނާ ކުރިމަތިވިއެވެ. މި ދެބައި މީހުން ފެންގަނޑުގެ ދެފަރާތުގައި އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލައިގެން ތިއްބެވެ.

14 އަބްނައިރު ބުނެފިއެވެ. ”⁠ހިނގާ ދެބައިމީހުންގެ ޒުވާނުންގެ ދެމެދުގައި މުބާރަޒާއެއް ބާއްވާލަން.⁠“

15 ދެން އިޝްބޫސަތުގެ މީހުންނާއި ބަންޔާމީންގެ މީހުންގެ ތެރޭން ބާރަ ޒުވާނުން ނެރެފިއެވެ. ދާއޫދުގެ މީހުންގެ ތެރޭން ބާރަ ޒުވާނުން ވެސް ނެރެފިއެވެ.

16 މިއެންމެން ވެސް އެކަކުއަނެކެއްގެ ބޮލުގައި ހިފައި އަރިކައްޓަށް ކަނޑި ހަރައި އެންމެން އެކުގައި މަރުވެގެން ވެއްޓިއްޖެއެވެ. އޭގެ ފަހުން މިތަނަށް ހިލްގަތު ހަސޫރީމްގެ ނަމުން ނަންދެވުނެވެ.

17 ދެން ފެށުނީ ވަރަށް ގަދަ ފަދަ ހަނގުރާމައެކެވެ. މިހަނގުރާމައިގައި އަބްނައިރު އާއެކު ތިބި އިސްރާއީލީންގެ މީހުން ދާއޫދުގެފާނުގެ މީހުންގެ އަތްދަށުން ބަލިވެއްޖެއެވެ.

18 ސަރޫވިޔަތުގެ ތިން ދަރިން ކަމަށްވާ ޔުއާބުއާއި އަބީޝާއި އާއި އަސާހިލު ވެސް ދާއޫދުގެފާނުގެ މީހުންގެ ތެރޭގައި އައިސް ތިއްބެވެ. އަސާހީލަކީ ހަލުއި ފުއްލާއެއްހާ ބާރަށް ދުވާ މީހެކެވެ.

19 މީނާ އަބްނައިރު ފަހައިގަތެވެ. އޭނާ ފަހަމުން ދިޔައިރު ފަރާތަކަށް ބަލާ ވެސް ނުލައެވެ.

20 އެވަގުތު އަބްނައިރު އެނބުރި ބަލާފައި ބުނެފިއެވެ. ”⁠ތީ އަސާހިލެއް ނޫންތަ؟⁠“

21 އަބްނައިރު ބުންޏެވެ. ”⁠އަހަރެންގެ ފަހަތުން ނައިސް އެހެން ދިމާއަކަށް ދޭ. ގޮސް އެހެން ޒުވާނެއްގެ ހަތިޔާރުތައް ފޭރިގަނޭ.⁠“ އެކަމަކު ވެސް އަސާހިލު އޭނާގެ ފަހަތުން ނައްޓައެއް ނުލިއެވެ.

22 އަބްނައިރު އަނެއްކާވެސް އިންޒާރު ދީފިއެވެ. ”⁠މަގޭ ފަހަތުން ނާދޭ! އަހަރެން ލައްވާ ކަލޭ މަރުވާން ތިޔަ އުޅެނީ ކީއްވެ؟ އޭރުން ކަލޭގެ ބޭބެއާ އަހަރެން ހަތަރުކަޅި ހަމަ ކުރާނީ ކިހިނެއް؟⁠“

23 ދެން ވެސް އަސާހިލު ދޫނުކޮށް އޭނާ ފަހަތުން ދިޔައެވެ. އެހެންވެ އަބްނައިރު ލޮންސީގެ ފަހަތުކޮޅުން އޭނާގެ ބަނޑުގައި ޖެހިޖެހީނުން ލޮންސި ބުރަކަށީން ނެރެފިއެވެ. ހަމަ އެވަގުތު އޭނާ އެތަނަށް މަރުވެގެން ވެއްޓިއްޖެއެވެ. އޭރު އެހެން ދިޔަ އެންމެން ވެސް އަސާހިލުއާ އަރާހަމަވުމުން ހުއްޓި އޭނާ ވެއްޓިފައި އޮތްތަން ބަލަމުން ދިޔައެވެ.

24 އެކަމަކު ޔުއާބުއާއި އަބީޝާއި އައިސް އަބްނައިރު ފަހައިގެންފިއެވެ. އެމީހުން އޭނާގެ ފަހަތުން އަންމާ ފަރުބަދައާ ހަމަޔަށް ދެވުނު ތަނާ އިރުއޮއްސިއްޖެއެވެ. އެ ފަރުބަދައަކީ ޖިބްޢޫން ގެ ހަނަފަސް ސަހަރާ މަގުމަތީ ޖިޔާހްގެ ކާރީގެ ހިސާބެކެވެ.

25 އެވަގުތު ބަންޔާމީންގެ ދަރިކޮޅުގެ އެންމެން ވެސް އައިސް އެ ފަރުބަދަ މައްޗަށް އަރައި އަބްނައިރު ވަށާލައިފިއެވެ.

26 އަބްނައިރު ޔުއާބަށް ގޮވާފައި ބުންޏެވެ.

27 ޔުއާބު ބުންޏެވެ. ”⁠ދިރިދެމި ވޮޑިގެންވާ މާތްކަލާނގެ ގަންދީ ބުނަން. ކަލޭ ތިހެން ނުބުނިނަމަ މާދަމާގެ އިރު އެރިޔަސް ކަލޭމެންގެ ފަހަތުން ނުގޮހެއް އަހަރެމެން ނުތިބޭނަން.⁠“

28 ދެން ޔުއާބު ތާޅަފިލި ފުމެ ހަނގުރާމަ ހުއްޓާލުމުގެ އަމުރު ނެރެފިއެވެ. ދެން އެމީހުންނާއި އިސްރާއީލީންނާ ދެމެދު އެކުރި ހަނގުރާމަ އެހާހިސާބުން ހުއްޓާލައިފިއެވެ.

29 އެދުވަހުގެ އިރު އެރީވެސް އަބްނައިރުގެ މީހުން މުޅި އެރޭ އުރުދުންގެ ވާދީތަކުގެ ތެރޭންލާފައި ގޮސް އުރުދުން ކޯރު ހުރަސްކޮށް، ދަތުރުކުރަމުން ދަނިކޮށެވެ. އެމީހުންނަށް މަޙަނާއިމަށް ދެވެންދެން ތަނެއްގައި ފޫ ވެސް ޖައްސައެއް ނުލައެވެ.

30 އޭރު ޔުއާބުގެ މީހުން އެނބުރި ގޮސް މީހުން އެއްކޮށްފައި ގުނިއިރު އަސާހިލުއާ ނުލައި ނަވާރަ މީހުން މަދެވެ.

31 އޭރު އަބްނައިރުގެ ލަޝްކަރުގެ ތެރޭން ތިންސަތޭކަ ފަސްދޮޅަސް މީހުން ވަނީ މަރުވެފައެވެ. މިއެންމެންނަކީ ވެސް ބަންޔާމީންގެ ދަރިކޮޅުގެ މީހުންނެވެ.

32 ޔުއާބުގެ މީހުން އަސާހިލުގެ ހަށިގަނޑު ނަގައިގެންގޮސް ބައިތުލަޙަމުގައި އޭނާގެ ބައްޕަގެ މަހާނަ ކާރީ ވަޅުލައިފިއެވެ. އެއަށް ފަހު ޔުއާބްއާއި އޭނާގެ މީހުން އެރޭ ދަތުރުކޮށް އިރު އަރަންވާއިރަށް ޙަބްރޫނަށް އަތުވެއްޖެއެވެ.

Ler em outra tradução

Comparar lado a lado