1 Samuel 29

DIV

1 ފިލިސްޠީނުންގެ ލަޝްކަރު އޭރު އޮތީ އަފީޤަށް ޖަމާވެފަ އެވެ. ބަނީއިސްރާއީލުގެ ލަޝްކަރު އޮތީ ޔަޒްރަޢީލުގެ އޮހޭފެންގަޑުގެ ކައިރީގަ އެވެ.

2 ފިލިސްޠީނުންގެ ވެރިން އެމީހުންގެ ސަތޭކައިން ހާހުން ގުނާލެވޭ ބޮޑު ލަޝްކަރާއިގެން އައި އިރު ދާއޫދު އޭނާގެ މީހުން ގޮވައިގެން އަޚީޝް ރަސްގެފާނުގެ ފަސްފަހަތުން އައެވެ.

3 މިތަން ފިލިސްޠީނުންގެ އިސް ވެރިންނަށް ފެނިގެން ބުނެއްޕެވެ. ”⁠މީ ކީއްކުރަން އައިސްތިބި ޢިބްރާނީންގެ ބައެއްތަ؟⁠“

4 އެކަމަކު ފިލިސްޠީނުންގެ ވެރިން ތިބީ ރަސްގެފާނު ދެކެ ރުޅި އައިސްފައެވެ. އެމީހުން ބުންޏެވެ. ”⁠ތިޔަ މީހާ އައި ތަނަކަށް ފޮނުވާލާ. ތިޔަ މީހާ އަހަރެމެންނާ އެކު ހަނގުރާމައަށް ގެންގޮސްގެން ނުވާނެ. ހަނގުރާމަ ފަށާތަނުން އަހަރެމެންނާ ދެކޮޅަށް ތިޔަ މީހާ ތެދުވެއްޖެއްޔާ ޔޯ؟ އަހަރެމެންގެ ވެރިންގެ ބޯ ކަނޑާލައިގެން ގެންދިއުމަށް ވުރެން ޝާއުލް ރުހޭނެ ކަމެއް އޮންނާނެތަ؟ އޭރުން އޭނާއަށް އަނެއްކާވެސް މަތީ މަޤާމު ދީފާނެ.

5 ތިޔަ ދާއޫދަކަށް ނޫންތަ އިސްރާއީލީން ނަށައި ލަވަކިޔައި ހަދާފައި ވަނީ؟⁠“

6 އަޚީޝް ރަސްގެފާނު ދާއޫދު ގެންނަވައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން. ކަލޭ އައިއްސުރެ މިހާތަނަކަށް ކަލޭގެ އިތުބާރު ގެއްލޭ ކަހަލަ ކަމެއް ކަލޭގެ ފަރާތަކުން ފެނިފައެއް ނެތް. އަހަރެންގެ ސިފައިންގެ ތެރޭގައި ކަލޭ ގެންދަން އަހަރެން ކިތަންމެހާ ވެސް ބޭނުން. އެކަމަކު ފިލިސްޠީނުންގެ ވެރިން ކަލޭ ގެންދާކަށް ބޭނުމެއްނުވޭ.

7 އެހެންވެ ކަލޭ ހުރި ރަށަށް ސަލާމަތް ކަމާއެކު ދޭ. ފިލިސްޠީނުންގެ ވެރިން ނުރުހޭ ކަމެއް ނުކުރާތި.⁠“

8 ”⁠އެކަމަކު އަޅުގަނޑު ކުރީ ކީއްތޯ؟⁠“ ދާއޫދު ދެންނެވިއެވެ. ”⁠ސާހިބުގެ ޚާދިމުގެ ކިބައިން މިހާތަނަށް ފެނިވަޑައިގަތީ ކޮން ކުށެއްތޯ؟ އަޅުގަނޑުގެ ސާހިބު ރަސްގެފާނުގެ އަދާވާތްތެރިންނާ ދެކޮޅަށް ހަނގުރާމަ ކުރަން އަޅުގަނޑު ނުގެންދަވަންވީ ކީއްވެތޯ؟⁠“

9 އަޚީޝް ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނަށް ތިޔަކަން އެނގޭ. ކަލޭ ތީ އަހަރެން ކާރީގައި މާތްކަލާނގެ މަލާއިކަތެއް ފަދަ މީހެއް. އެކަމަކު ވެސް ފިލިސްޠީނުންގެ ވެރިން ބުނެފި، ކަލޭ އަހަރެމެންނާ އެކު ހަނގުރާމައަށް ގެންގޮސްގެން ނުވާނެއޭ.

10 ފަތިހާ ކަލޭގެ ސާހިބުމީހާގެ ސިފައިންނާ އެކީ ހޭލައިގެން އިރު އަރާ އަލި ވުމާއެކު މިތަނުން ދޭ.⁠“

11 ދާއޫދާއި އޭނާގެ މީހުން ހެނދުނު ހެނދުނާ، އޭނާ ދިރިއުޅޭ ފިލިސްޠީނުންގެ ރަށަށް ހިނގައްޖެއެވެ. ފިލިސްޠީނުން ޔަޒްރަޢީލާ ދިމާއަށް ހިނގައްޖެއެވެ.

Ler em outra tradução

Comparar lado a lado