Mateus 7

DIV

1 ”⁠އެހެން މީހުންގެ ކުށްތަކަށް ފައިސަލާ ނުކުރޭ. އެހެންނޫނީ ތިޔަބައިމީހުންގެ ކުށްތަކަށް ވެސް ފައިސަލާ ކުރައްވާނެ.

2 މާތް ރަސްކަލާނގެ ތިޔަބައިމީހުންގެ ކަންކަމާއި މެދު ފައިސަލާ ކުރައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު ފައިސަލާ ކުރާ ގޮތަށް. އަދި މާތްރަސްކަލާނގެ ތިޔަބައިމީހުންނާއި މެދު މިނާލައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު މިނި ނާޅިއަކުން.

3 ތިބާގެ އަޚާގެ ލޮލުގައި އޮންނަ ކުނޑިކޮޅެއް ފެނިގެން އެއާމެދު ކަންބޮޑުވާ އިރު ތިބާގެ އަމިއްލަ ލޮލުގައި އޮންނަ ބޮޑު ލަކުޑިބުރިއާ މެދު އަޅާނުލަނީ ކީއްވެ؟

4 ތިބާގެ ލޮލުގައި ލަކުޑިބުރިއެއް އޮންނަ އިރު ތިބާގެ އަޚާގެ ލޮލުގައި އޮންނަ ކުނޑިކޮޅު ނަގައިދިނުމަށް ތިބާ ތިޔަ ބުނާނީ ކިހިނަކުން؟

5 އޭ ދެފުށްދެގޮތް މީހާ! އެންމެ ފުރަތަމަ ތިބާގެ ލޮލުގައި ތި އޮންނަ ލަކުޑިބުރި ނަގާ. އޭރުން ތިބާގެ އަޚާގެ ލޮލުގައި އޮންނަ ކުނޑިކޮޅު ނެގުމަށް ތިބާއަށް ސާފުކޮށް ފެންނާނެ.

6 ޤުދުސީވެގެންވާ ތަކެތި ކުއްތާތަކަށް ނުދީ. އެއީ އެ ކުއްތާތައް މީހުންނާ ކުރިމަތިލާ ހަމަލާދޭ. އަދި ތިޔަބައިމީހުންގެ އަތުގައިވާ މުތްތައް އޫރުތަކުގެ ކުރިމައްޗަށް ނުއުކާ. އެއީ އެ އޫރުތައް އެ މުތްތަކަށް ފައިން އަރާ މުގުރާ ލާނެ.⁠“

7 ”⁠އެދި ދަންނަވާ! އޭރުން މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނެ. ހޯދަމުން ގެންދޭ! އޭރުން ދައްކަވާނެ. ޓަކިދެމުން ގެންދޭ! އޭރުން ތިޔަބައިމީހުންނަށްޓަކާ ދޮރު ހުޅުއްވާނެ.

8 އެހެނީ އެދިދަންނަވާ ހުރިހާ އެންމެންނަށް ދެއްވާނެ. ހޯދާ ހުރިހާ އެންމެންނަށް ދައްކަވާނެ. އަދި ޓަކިދޭ ހުރިހާ އެންމެންނަށްޓަކާ ދޮރު ހުޅުއްވާނެ.

9 ތިޔަބައިމީހުންގެ ދަރިން ރޮއްޓަކަށް އެދޭ ނަމަ، އޭގެބަދަލުގައި އެ ކުދިންނަށް ތިޔަބައިމީހުން ހިލައެއް ދޭނެތަ؟

10 ނޫނީ ތިޔަބައިމީހުންގެ ދަރިން މަހަކަށް އެދޭނަމަ، އެ ކުދިންނަށް ތިޔަބައިމީހުން ހަރުފައެއް ދޭނެތަ؟

11 ތިޔަބައިމީހުންނީ ނުބައި ބަޔަކު ކަމުގައި ވިޔަސް ތިޔަބައިމީހުންގެ ދަރިންނަށް ރަނގަޅު ހަދިޔާ ދޭން ދަނޭ. ވީއިރު ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ޙަޟްރަތުން އެދޭ މީހުންނަށް ރަނގަޅު ތަކެތި ކިހާ މިންވަރަކަށް ދެއްވާނެ!⁠“

12 ”⁠ތިޔަބައިމީހުން އެހެން މީހުންނާ މެދު ކަންތައް ކުރަން ވާނީ އެހެން މީހުން ތިޔަބައިމީހުންނާއި މެދު ކަންތައް ކުރަން ތިޔަބައިމީހުން އެދޭ ފަދަ ގޮތެއްގައި. ތައުރާތުއާއި ނަބީބޭކަލުންގެ އެހެނިހެން ލިޔުއްވުންތަކުގެ އަސާސަކީ މިއީ.⁠“

13 ”⁠ހަނި ދޮރާށިން ވަދޭ! އެހެނީ ފުޅާ ދޮރާށިން ވަދެގެން ނަރަކައަށް ދާ މަގުން ދިއުމަށް ވަރަށް ފަސޭހަ. އަދި ގިނަ މީހުން ވަންނަނީ އެފަދަ ދޮރާށިން.

14 ހަނި ދޮރާށިން ވަދެގެން ދާން ކިތަންމެ ހަންޏަކަސް، އުނދަގުލަކަސް ޙަޔާތާ ދިމާއަށް ދެވޭނީ އެ ދޮރާށިން. އެހެންނަމަވެސް އެދޮރާށި ހޯދާނީ މަދު ބަޔަކު.⁠“

15 ”⁠ދޮގު ނަބިއްޔުންނާއި މެދު ސަމާލުވޭ! އެފަދަ މީހުން ތިޔަބައިމީހުންގެ ކައިރިއަށް އަންނާނީ ކަންބަޅިއެއް ފަދައިން މަޑުމައިތިރި ކަމާއެކު. އެކަމަކު އެފަދަ މީހުންނީ ނުރައްކާތެރި ވަލު ހިޔަޅުތަކެއް ފަދަ ބައެއް.

16 އެފަދަ މީހުންގެ އަމަލުތަކުން އެމީހުންނީ ކޮންފަދަ ބައެއްކަން ތިޔަބައިމީހުންނަށް އެނގޭނެ. ކަށިގަސްތަކަކުން މޭބިސްކަދުރެއް އަދި ވައްތީނިއެއް ނުބިނދެވޭނެ.

17 ރަނގަޅު ގަހެއްގައި އަޅާނީ ރަނގަޅު މޭވާ. ނުބައި ގަހެއްގައި އަޅާނީ ނުބައި މޭވާ.

18 ރަނގަޅު ގަހަކުން ނުބައި މޭވާއެއް ނާޅާނެ. އަދި ނުބައި ގަހަކުން ރަނގަޅު މޭވާއެއް ވެސް ނާޅާނެ.

19 ރަނގަޅު މޭވާ ނާޅާ ކޮންމެ ގަހެއް ނަމަ ޖެހޭނީ ކަނޑާލައި އަލިފާނުގެ ތެރެއަށް އެއްލާލަން.

20 ހަމައެފަދައިން، ދޮގު ނަބީންނަކީ ކޮބައިކަން އެމީހުންގެ އަމަލުތަކުން ތިޔަބައިމީހުންނަށް އެނގޭނެ.⁠“

21 ”⁠މީސްތަކުންގެ ތެރެއިން އަހަރެންނަށް ’⁠މާތްސާހިބާ⁠‘ ގެ ނަމުން މުޚާތަބުކުރާ ކޮންމެ ފަރާތަކަށް ސުވަރުގެއަކަށް ނުވަދެވޭނެ. ހަމައެކަނި ސުވަރުގެއަށް ވަދެވޭނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން އަމަލުތައް ކުރާ މީހަކަށް.

22 ޤިޔާމަތް ދުވަހުގައި ގިނަބަޔަކު އަހަރެން ގާތު ބުނާނެ، ’⁠މާތްސާހިބާ، މާތްސާހިބާ، ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން ޣައިބު ބަސްތައް ނީއްވަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން މީހުންގެ ހަށިގަނޑުން ޖިންނިތައް ބޭރު ނުކުރަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ގިނަގުނަ މުޢުޖިޒާތްތައް ތިމަންމެން ނުދައްކަމުތޯ އޭ.⁠‘

23 އެހިނދު އެބައިމީހުންނަށް އަހަރެން ބުނާނަން. ’⁠އަހަރެންގެ ކައިރިން ދުރަށް ދާށޭ. ކަލޭމެންނީ ނުބައި އަމަލުތަކުގެ ވެރިންނޭ. އަހަރެން ކަލޭމެންނެއް ނުދަންނަމޭ.⁠‘⁠“

24 ”⁠އަހަރެންގެ ބަސްތައް އަޑުއަހައި އެއަށް އަމަލުކޮށް އުޅޭ މީހަކީ ހިލަތަކުގެ މަތީގައި ގެ ބިނާ ކުރިފަދަ ބުއްދިވެރިއެއް.

25 ނުހަނު ބޮޑަށް ވާރޭ ވެހި ފެންބޮޑުވެ ވައިގަދަވެ އެ ގެއަށް އެކަމުގެ އަސަރު ކުރާނެ. ނަމަވެސް އެ ގެއެއް ނުވެއްޓޭނެ. ސަބަބަކީ އެ ގެ ބިނާކޮށްފައި ވަނީ ހިލައިގެ މަތީގައި ކަމުގައިވާތި.

26 އަހަރެންގެ ބަސްތައް އަޑުއިވި އެއަށް އަމަލު ނުކުރާ މީހާ އަކީ މަޑު ފަސްގަނޑުގެ މަތީގައި ގެ ބިނާކުރި މީހެއް ފަދަ މޮޔައެއް.

27 ގަދައަށް ވާރޭވެހި، ފެންބޮޑުވެ، އަދި ވައިގަދަވެ އެ ގެއަށް އެކަމުގެ އަސަރު ފޯރުމުން އެގެ ވެއްޓި ފުނޑުފުނޑުވެގެން ހިނގައިދާނެ.⁠“

28 އީސާގެފާނު މިބަސްފުޅުތައް ވިދާޅުވެ ނިމުމުން އެއްވެފައި ތިބި މީހުން އެކަލޭގެފާނުގެ އުނގަންނަވައި ދެއްވުމާއި މެދު ހައިރާންވިއެވެ.

29 އެހެނީ އެކަލޭގެފާނު އުނގަންނަވައި ދެއްވީ އެމީހުންގެ ދީނުގެ ދަންނަބޭކަލުންގެ ގޮތުގައެއް ނޫނެވެ. އެއާ ޚިލާފަށް އެކަލޭގެފާނު އުނގަންނަވައި ދެއްވީ އާރާއިބާރު ލިބިވަޑައިގެންފައިވާ ބޭކަލެއްގެ ގޮތުގައެވެ.

Ler em outra tradução

Comparar lado a lado