Marcos 6

DIV

1 އެ ސަރަހައްދު ދޫކުރައްވާ އީސާގެފާނު އަސްޙާބީންނާއެކު އެކަލޭގެފާނުގެ އަމިއްލަ ރަށް ކަމުގައިވާ ނާޒަރަތަށް ވަޑައިގަތެވެ.

2 އަދި ސަބަތުގެ ދުވަހެއްގައި ދީނީ މަރުކަޒަށް ވަޑައިގެން މާތްރަސްކަލާނގެ ވަޙީ ބަސްފުޅުތައް މިފަދައިން ވިދާޅުވެ އުގަންނަވައި ދެއްވިއެވެ. އަދި އެކަލޭގެފާނުގެ މިބަސްފުޅު އަޑުއެހި އެތައްބަޔަކު ޙައިރާންވެ ބުނެވުނެވެ. ”⁠މިހުރިހާ ތަކެއްޗެއް އޭނާއަށް އެނގުނީ ކޮންތާނކުން؟ ކޮން ޙިކުމަތެއް އޭނާއަށް ދެއްވައިގެންތަ އެއުޅެނީ؟ ކިހިނެއް އޭނާ މުޢުޖިޒާތްތައް ދައްކާނީ؟

3 މިއީ މަރިޔަމްގެ ދަރި އެ ވަޑާންކުރާ މީހާއެއް ނޫންތަ؟ އަދި މިއީ ޔާމިޒާ، ޔޫސުފާ، ޔަހޫޛާ އާ ސިމްޢާންގެ ބޭބެއެއް ނޫންތަ؟ މީނާގެ އަންހެން ކޮއްކޮމެން ދިރިއުޅެނީ މިރަށުގައެއް ނޫންތަ؟⁠“ އަދި އެމީހުން އެކަލޭގެފާނާމެދު ހިތްހަމަ ނުޖެހި އެކަހެރި ކޮށްލެއްވިއެވެ.

4 އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ނަބީބޭކަލުންނަށް އެބޭކަލުންގެ އަމިއްލަ ވަޒަނާއި އާއިލާ އާއި ގާތްތިމާގެ މީހުންގެ ފަރާތުން ގަދަރެއް ނޯވޭ. އެހެން ހުރިހާ ތަނެއްގައި ވެސް އެބޭކަލުންނަށް ޤަދަރު ލިބިގެންވޭ.⁠“

9 ފައިވާނަށް އަރާ. ނަމަވެސް ލައިގެންހުރި ހެދުން ފިޔަވައި އިތުރު ހެދުމެއް ނުގެންދާތި.⁠“

10 އިތުރަށް އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ފުރަތަމަ ތިޔަބައިމީހުންނަށް މަރުޙަބާކިޔައި މެހުމާންދާރީ އަދާކުރި ގެއެއްގައި ފުރަންވަންދެން ތިބޭ.

11 ތިޔަބައިމީހުން އަރާ ރަށަކުން މީސްތަކުން މަރުޙަބާ ނުކިޔައިފިނަމަ ނޫނީ ތިޔަބައިމީހުންނަށް ސަމާލު ކަމެއް ނުދީފިނަމަ، އެރަށަކުން ފުރައިގެންދަމުން ތިޔަބައިމީހުންގެ ފައިން އެރަށުގެ ހިރަފުސް ފޮހެލާފައިދޭ. އެއީ އެބައިމީހުންނަށް އިންޒާރަކަށްޓަކައި!⁠“

12 އެގޮތުން މި ބާރަ އަސްޙާބީން ގޮސް މީސްތަކުންނަށް ފާފައިން އެއްކިބާވެ ތައުބާ ވުމަށް ގޮވާލައްވަމުން ގެންދެވިއެވެ.

13 އަދި ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ މީސްތަކުން ރަނގަޅު ކޮށްދެއްވައި، ބަލި ޙާލަތުގައި ވީ އެތައް ބައެއްގެ ބޮލަށް ތެޔޮ އަޅައި ބަލި ފަސޭހަ ކޮށްދެއްވިއެވެ.

14 މީސްތަކުންގެ މެދުގައި އީސާގެފާނުގެ މަޝްހޫރުކަން ހުރިހާ ސަރަހައްދެއްގައި ފެތުރިގެން ދިޔައެވެ. އަދި ހެރޮދު ރަސްގެފާނަށް މި ޚަބަރު ލިބުނެވެ. އީސާގެފާނާއިމެދު އެއްބަޔަކު ބުނަމުން ދިޔައީ މިފަދައިންނެވެ. ”⁠އެއީ ޔަޙުޔާގެފާނެއް ނޫންތަ؟ އެކަލޭގެފާނު އަލުން ދިރިވަޑައިގެންނެވީ ނޫންތަ؟ އެހެންވެއެއް ނޫންތަ އެކަލޭގެފާނަށް މުޢުޖިޒާތްތަކެއް ދެއްކުމުގެ ކުޅަދާނަކަން ލިބިފައި ވަނީ؟⁠“

15 އަނެއް ބަޔަކު ދުށް ގޮތުގައި އީސާގެފާނަކީ އިލްޔާސްގެފާނެވެ. ނޫނީ އިހު ޒަމާނުގައި އުޅުއްވި ނަބީބޭކަލެއްފަދަ ބޭކަލެއް ކަމުގައެވެ.

16 މި ޚަބަރު ހެރޮދު ރަސްގެފާނަށް ލިބުމާއެކު ބުންޏެވެ. ”⁠އޭނާ އަކީ ޔަޙުޔާގެފާނޭ! އޭނާގެ ބޮލާއި ކަނދުރާ ވަކިކޮށްލީ އަހަރެން، އެކަމަކު އޭނާ އަލުން ދިރިގެން އައީ އޭ!⁠“

19 މިހެން ވުމުން ހެރޯދިޔާސްގެ (ހެރޮދުގެ އަނބިމީހާގެ) ހިތުގައި ޔަޙުޔާގެފާނުގެ މައްޗަށް ހަސަދަލައި ބަދަލުހިފުމުގެ ގޮތުން އަވަހާރަ ކޮށްލެއްވުމަށް ބޭނުންވިއެވެ. ނަމަވެސް ހެރޮދުގެ ސަބަބުން މިކަން ނުވެފައި އޮތީއެވެ.

20 ޔަޙުޔާގެފާނު ދެކެ ހެރޮދު ބިރުގަނެއެވެ. ސަބަބަކީ ޔަޙުޔާގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލެއްކަން އޭނާއަށް އެނގޭތީއެވެ. ދެން އޭނާ އެކަލޭގެފާނަށް ރައްކާތެރިކަން ދިނެވެ. އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކޮންމެފަހަރަކު އޭނާގެ ހިތަށް ނުހަނު އުނދަގޫވެއެވެ. ނަމަވެސް އޭނާ އެކަލޭގެފާނުގެ ބަސްތައް އަޑުއަހަން ބޭނުންވިއެވެ.

21 އެންމެފަހުން ޔަޙުޔާގެފާނު އަވަހާރަކޮށްލެއްވުމަށް ހެރޮދިއާސްއަށް ފުރުސަތު ލިބިގެން ދިޔައެވެ. އެއީ ހެރޮދުގެ އުފަންދުވަހެވެ. ދުވަހު މުނާސަބަތުގައި ސަރުކާރުގެ ވެރިންނަށާއި ޢަޝްކަރީ ބޮޑުންނަށާއި އަދި ގަލީލީގެ ކަމުވޮށިވެގެންވާ ފަރާތްތަކަށް އޭނާ ޖާފަތެއް ދިނެވެ.

22 ހެރޮދާއި އަދި ޙާޟިރުވެތިބި މެހުމާނުން އުފާ ކޮށްދިނުމަށްޓަކައި ހެރޯދިޔާސްގެ އަންހެންދަރިފުޅު އެ ދަރުބާރުގައި ނަށައި އެމީހުންގެ ހިތްއުފާކޮށްދިނެވެ. އެހެންވީމާ، ހެރޮދު ރަސްގެފާނު އެ އަންހެންކުއްޖާއަށް ބުންޏެވެ. ”⁠ކޮންއެއްޗެއް ދަރިފުޅު ބޭނުމީ؟ ދަރިފުޅު އެދޭ ކޮންމެ އެއްޗެއް އަހަރެން ދޭނަން.⁠“

23 އެތައް ހުވަޔަކާއެކު އޭނާ ދަރިފުޅަށް ބުންޏެވެ. ”⁠ދަރިފުޅު އެދޭ ކޮންމެ އެއްޗެއް ބައްޕަ ދޭނަން، މި ރަސްކަމުގެ ދެބައިކުޅަ އެއްބަޔަށް އެދުނަސް ދޭނަން!⁠“

24 އެގޮތުން ހެރޮދިއާސްގެ އަންހެން ދަރިފުޅު އޭނާގެ މަންމަ ކައިރިއަށް ގޮސް ބުންޏެވެ. ”⁠އަހަރެން އެދެންވީ ކޮންކަމަކު؟⁠“

25 އަންހެން ކުއްޖާ އަވަސްކަމާއެކު އައިސް ރަސްގެފާނަށް އެދުނެވެ. ”⁠މިހިނދުން ހިނދަށް އަހަރެން އެދެނީ ޔަޙުޔާގެފާނުގެ ބޯ ތަބަކަކަށް ލައިގެން މިތަނަށް ގެނެސް ދިނުން!⁠“

26 މި ނިންމުމާމެދު ހެރޮދު ރަސްގެފާނު ވަރަށް ދެރަވިއެވެ. ނަމަވެސް އޭނާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ސަބަބަކީ ހެރޮދު ރަސްގެފާނު އެތައް ހުވައެއް ކުރީ އެންމެހާ މެހުމާނުންގެ ކުރިމަތީގައި ކަމަށް ވުމެވެ.

27 އެގޮތުން އޭނާގެ ފާރަވެރިންގެ ތެރެއިން މީހަކަށް ޔަޙުޔާގެފާނުގެ ބޯފުޅު ގެނައުމަށް އަމުރުކުރުމަށް ފަހު ފޮނުވިއެވެ. އަދި ފާރަވެރިޔާ ގޮސް ޖަލައްވަދެ ޔަޙުޔާގެފާނު ބޯފުޅު ކަނޑާލިއެވެ.

28 އަދި ތަބަކަށް ލައިގެން ގެނެސް އެ އަންހެންކުއްޖާއަށް ދިނެވެ. ދެން އެ އަންހެންކުއްޖާ އެ ތަބައް ހިފައިގެން ގޮސް އޭނާގެ މަންމައަށް ދިނެވެ.

29 ޔަޙުޔާގެފާނުގެ އަސްޙާބީންނަށް މި ޚަބަރު ލިބުމާއެކުގައި ގޮސް ޔަޙުޔާގެފާނުގެ ހަށިކޮޅު ގެންދަވާ ފަސްދާނުލެއްވިއެވެ.

30 ބާރަ މަންދޫބުން އެބޭކަލުން ފޮނުއްވި މަސައްކަތް ނިންމެވުމަށް ފަހު އެނބުރިއައިސް އީސާގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި އެބައިމީހުން ކަންތައް ކުރި ގޮތާއި އުނގަންނައިދިން ގޮތުގެ ޚަބަރުން ދެންނެވިއެވެ.

31 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންގެ އަރިހަށް އެތައް ބަޔަކު އައިސް ގޮސް ވުމުގެ ސަބަބުން އެބޭކަލުންނަށް ކާނޭ ފުރުސަތު ލިބިވަޑައިގެން ނުވިއެވެ. މިހެންވުމުން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މިތަން ދޫކޮށް ހިނދު ކޮޅަކަށް ނަމަވެސް ތިޔަބައިމީހުންނަށް އަރާމު ކޮށްލެވޭފަދަ އެކަހެރި ތަނަކަށް ދަމާ ހިނގާ.⁠“

32 އެއާއެކު މީސްތަކުންނާއި އެކަހެރިވެ ވަޑައިގަތުމަށްޓަކައި އެބޭކަލުން ދޯންޏެއްގައި ފުރާވަޑައިގަތެވެ.

33 މީސްތަކުންނަށް އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފުރާވަޑައިގެންނެވިތަން ފެނުމާއެކު އެބޭކަލުން އެ ސަރަހައްދަށް ވަޑައިގަތުގެ ކުރިން އެމީހުން އެކިއެކި އަވަށްތަކުން ފައިމަގުގައި ދުވަމުން ގޮސް އެކަލޭގެފާނާއި ބައްދަލު ކުރެއްވުމަށްޓަކައި އެމީހުން އެ އައްސޭރީގައި ޖަމާވެގެން ތިއްބެވެ.

34 އީސާގެފާނު ދޯނިން ފައިބައި ވަޑައިގެންނެވި ހިނދު އެއްވެފައިވާ ގިނަ މީސްތަކުން ފެނިވަޑައިގަންނަވާ އެ މީހުންނާއިމެދުގައި ހަމްދަރުދީވެ ވަޑައިގެންނެވިއެވެ. ސަބަބަކީ އެބައިމީހުން ވަނީ ހުއިހައްޕައިދޭނޭ މީހަކުނެތް ކަންބަޅިތަކެއް ފަދައިންނެވެ. އެހެންވީމާ، އެކަލޭގެފާނު އެބައިމީހުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ.

35 އަދި އިރުއޮއްސުމާއި ކައިރިވެފައި ވަނިކޮށް އަސްޙާބީން އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ”⁠މިއީ މީހުން އުޅޭ ސަރަހައްދެއް ވެސް ނޫން. އަދި މިހާރު މާލަސްވެއްޖެ.

36 މީސްތަކުން ފޮނުވާލައްވާ، އޭރުން އެބައިމީހުންނަށް މިތާ ކައިރީގައިވާ އަވަށްތަކުން ނޫނީ މި ސަރަހައްދުގެ ދަނޑުތަކުން ކާނޭ އެއްޗެއް ގަނެވިދާނެ.⁠“

37 އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން، އެމީހުންނަށް ކާނޭ ކޮންމެވެސް އެއްޗެއް ދީ!⁠“ އެބޭކަލުން ދެންނެވިއެވެ. ”⁠ކަލޭގެފާނު ތިޔަ އެދިލައްވަނީ އެބައިމީހުންގެ ކެއުމަށް ރޮއްޓާއި އެހެނިހެން ތަކެތި ގަތުމަށް އަޅުގަނޑުމެން ގޮސް ދުއިސައްތަ ރިހި ލާރި ޚަރަދު ކުރެއްވުމަށްތޯ؟⁠“

38 އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންގެ އަތުގައި ވަނީ ކިތައް ބޯރޮށިތޯ ގޮސް ބަލާބަލަ؟⁠“ އެބޭކަލުން ބަލައި ހެދުމަށް ފަހު އެކަލޭގެފާނުގެ އަރިއަހުގައި ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ އަތުގައި އޮތީ ހަމައެކަނި ދެ މަހާއި ބޯރޮށީގެ ފަސްރޮށި.⁠“

39 އެއަށް ފަހު، އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މީސްތަކުން ފެހިވިނަގަނޑުމަތީ އިށީނުމަށް އެންގުމަށް ވިދާޅުވިއެވެ.

40 އެހެންވެ އެމީހުން ބައިގަނޑެއްގައި ފަންސާސް ނޫނީ ސަތޭކަ މީހުން ތިބޭ ގޮތަށް ބަހާލައި އިށީނދެއްޖެވެ.

41 އެއަށް ފަހު އެކަލޭގެފާނު ފަސް ބޯރޮއްޓާއި ދެ މަސް ނަންގަވާ އުޑާއި ދިމާއަށް ބައްލަވާލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު ފަސް ރޮށި އެތައް ބަޔަކަށް ފަޅި ކުރައްވައި އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ. އެ ދެ މަސް ވެސް ނަންގަވާ އެތައް ބަޔަކަށް ބައި ކުރައްވާ އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ.

42 މީސްތަކުން ބަނޑުބޮޑުވާންދެން އެ ތަކެތިން ކެއެވެ.

43 އެއަށް ފަހު މީސްތަކުންނަށް ނުކެވި ބާކީހުރި ތަކެތި ނެގިއިރު އެކަލޭގެފާނު އަސްޙާބީންނަށް ބާރަ ވަށިގަނޑުގެ ތަކެތި ނެގުނެވެ.

44 އެ ފަސް ބޯރޮއްޓާއި ދެ މަހުން އެކަލޭގެފާނު ފަސްހާސް ފިރިހެނުންނަށް ކާންދެއްވިއެވެ.

45 ވަގުތުން އީސާގެފާނު އަސްޙާބީންނަށް ދޯންޏަށް އަރައިގެން ކަނޑުގެ އަނެއްފަރާތުގައި ވާ ރަށެއް ކަމުގައިވާ ބެތުސައިދާ އަށް ދިއުމަށް ބާރުއެޅުއްވިއެވެ. މީސްތަކުން ފޮނުވާލުމަށްޓަކައި އެކަލޭގެފާނު އެތަނުގައި ހުންނެވީއެވެ.

46 މީސްތަކުންނާ ވަދާޢު ކުރެއްވުމަށް ފަހު ދުޢާ ކުރެއްވުމަށްޓަކައި އެކަލޭގެފާނު ގިނިކަންޏާ ފަރުބަދައަށް އަރާވަޑައިގެންނެވިއެވެ.

47 އެދުވަހު އިރުއޮއްސެމުން ދިޔަ ވަގުތު ދޯނި ވަނީ ކަނޑުގެ މެދާ ހަމައަށް ދަތުރުކޮށްފައެވެ. އެ ހިނދު އީސާގެފާނު ގިނިކަންޏާ އެއްގަމުގައި ހުންނެވިއެވެ.

50 މިފަދަ ގޮތަކަށް އެކަލޭގެފާނު ފެނިގެން ވުމުން އެންމެހައި އަސްޙާބީން ތިބީ ވަރަށް ބިރުންނެވެ. އެ ހިނދު އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ހިތްވަރު ބަހައްޓާ! ބިރުނުގަނޭ، މިއީ އަހަރެން!⁠“

51 ދެން އަސްޙާބީން އެކަލޭގެފާނު ދޯންޏަށް ނެންގެވިއެވެ. އަދި ހަމަ އެ ހިނދު ވައިމަޑުވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން މިކަމާއިމެދު އިންތިހާއަށް ހައިރާންވިއެވެ.

52 އެހެނީ އެކަލޭގެފާނު ފަސްހާސް މީހުންނަށް ކާންދެއްވި މުޢުޖިޒާތުގެ ޙަޤީޤީ މާނަ އެބޭކަލުންނަށް ވިސްނިގެން ނުވިއެވެ. ސަބަބަކީ އެބައިމީހުންގެ ވިސްނުމުގެ ކޮށިކަމާއި އީމާންތެރިކަން ފުރިހަމަ ނުވުމެވެ.

53 އެބޭކަލުން ކަނޑު ހުރަސްކުރައްވާ އެ ސަރަހައްދުގެ ރަށެއް ކަމުގައިވާ ޖެނެސަރަތުއަށް ދޯނި ލެފުމަށް ފަހު އެ ރަށުގެ ގޮނޑުދޮށުގައި ދޯނި އެޅިއެވެ.

54 އެއަށް ފަހު ދޯނިން އެބޭކަލުން ފައިބާވަޑައިގަތެވެ. އެ ހިނދު އެތަނުގައި ތިބި މީސްތަކުންނަށް އީސާގެފާނަކީ ކޮންބޭކަލެއްކަން އެނގުނެވެ.

55 އެހެންވެ މީސްތަކުން ދުވެފައި ގޮސް މުޅި ސަރަހައްދުގައި އެކަލޭގެފާނުގެ ވާހަކައިން ޚަބަރު ދިނެވެ. އެއާއެކު މީސްތަކުން ގޮސް އަށިގަނޑުތަކަށް ބަލިމީހުންތައް ލައިގެން އެކަލޭގެފާނު ހުންނެވިހާ ތަނެއް ހޯދަހޯދައިގެން އެކަލޭގެފާނުގެ އަރިހަށް ގެނައެވެ.

56 ހަމައެހެންމެ އީސާގެފާނު ވަޑައިގެންނެވި ކޮންމެ ތަނެއްގައާއި ކޮންމެ އަވަށެއްގައާއި އަދި ކޮންމެ ރަށަކުން ބަލިމީހުންތައް މައިދާންތަކަށާއި މަގުތަކަށް ނެރެ ބައިތިއްބައެވެ. އަދި ބަލި މީހުންތައް އެކަލޭގެފާނުގެ ރިދާކޮޅުގެ ކައިރިފަށުގައި ކިރިޔާ އަތްލެވޭނެ ގޮތް މެދުވެރިކޮށް ދިނުން އެދި ވެސް އާދޭސް ދަންނަވަމުން ގެންދިޔައެވެ. މިގޮތުން އެކަލޭގެފާނުގެ ރިދާކޮޅުގައި އަތްލެވުނު ކޮންމެ މީހެއްގެ ބަލި ހެޔޮވެގެން ދިޔައެވެ.

Ler em outra tradução

Comparar lado a lado