João 20

DIV

1 އާދީއްތަ ދުވަހު ފަތިހުގެ އަލި ފާއްދާލުމާއެކު މަރިޔަމް މަގްދަލޭނާ އެ ހޮހަޅައިގެ ދޮށަށް ދިޔައެވެ. އޭރު އެ ހޮހަޅައިގެ އަނގަމަތީ ބާއްވާފައި އޮތް ހިލަ ދުރަށް ލެވިފައިވާތަން އޭނާއަށް ފެނުނެވެ.

2 އޭނާ ދުވަމުން ގޮސް ޝަމްއޫނު ޕަތަރަސްއާއި އަދި އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ ހޯދާފައި ބުންޏެވެ. ”⁠އެމީހުން މާތްސާހިބާގެ ހަށިކޮޅު އެތަނުން ގެންގޮއްސި. މިހާރު އެމީހުން އެކަލޭގެފާނުގެ ހަށިކޮޅު ގެންދިޔަ ތަނެއް ވެސް އަހަރެމެންނަކަށް ނޭނގެ.⁠“

3 ޕަތަރަސްއާއި އަނެއް އަސްޙާބީ އެ ހޮހަޅަ ހުރިތަނަށް ދިޔުމަށް ނުކުތެވެ.

4 އެ ދެމީހުން ދުވަމުން ދިޔައެވެ. އަނެއް އަސްޙާބީ ޕަތަރަސްއަށް ވުރެން ބާރަށް ދުވެފައި ހޮހަޅައިގެ ކައިރިއަށް ދިޔައެވެ.

5 އޭނާ ގުދުވެ އެތެރެ ބެލިއިރު އީސާގެފާނު ކަފުން ކުރެވުނު ފޮތިގަނޑު އެތާނގައި އޮތްތަން އޭނާއަށް ފެނުނެވެ. ނަމަވެސް އޭނާ އެ ހޮހަޅައިގެ އެތެރެއަކަށް ނުވަދެއެވެ.

6 ދެން ޝަމްއޫނު ޕަތަރަސް އައިސް އެ ހޮހަޅައިގެ ތެރެއަށް ވަދެ ބެލިއިރު އޭނާއަށް ވެސް އެ ފޮތިގަނޑު އެތާނގައި އޮތްވާ ފެނުނެވެ.

7 އަދި އީސާގެފާނުގެ މޫނުފުޅު ފޮރުވުމަށް އެޅި ފޮތިގަނޑު ކަފުން ކުރެވުނު ފޮތިގަނޑާއި ވަކިން އެތާނގެ އެއްކައިރިއެއްގައި ފަތް ޖަހާލާފައި އޮތެވެ.

8 ދެން ފުރަތަމަ އެތަނަށް އައި އަސްޙާބީ ވެސް އެތާނގެ ތެރެއަށް ވަދެ ބެލިއެވެ. ދެން އޭނާ ވެސް މިކަން ގަބޫލުކުރިއެވެ.

9 އޭރު އަދި ޕަތަރަސްއަށާއި އަނެއް އަސްޙާބީއަކަށް އީސާގެފާނު އަލުން ދިރިވަޑައިގަންނަވާނެ ކަމަށް ބާވައިލެއްވި ފޮތްކޮޅުތަކުގައި ލިޔެވިގެންވާ ކަމެއް ނޭނގެއެވެ.

10 ދެން އަސްޙާބީން އެނބުރި ގެއަށް ހިނގައްޖެއެވެ.

11 އޭރު މަރިޔަމް މަގްދަލޭނާ އެ ހޮހަޅައިގެ ކުރިމަތީގައި ރޯން ހުއްޓެވެ. އޭނާ ރޮމުން ގުދުވެ އެތަނުގެ އެތެރެ ބަލާލިއެވެ.

12 އެވަގުތު އޭނާއަށް ފެނުނީ އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައި ވީ ތަނުގެ ބޯލާކޮޅާއި ފައިލާކޮޅުގައި ހުދު ހެދުމެއްގައި ތިއްބެވި ދެ މަލާއިކަތުން ތިއްބަވަނިކޮށެވެ.

13 އެމަލާއިކަތުން އޭނާ ކުރެން އެއްސެވެ. ”⁠ކަމަނާ ތިޔަ ރޮނީ ކީއްވެ؟⁠“

14 ދެން އޭނާ ފަހަތަށް އެނބުރި ބަލާލިއިރު އޭނާގެ ފުރަގަހުގައި މީހަކު ހުއްޓެވެ. އެއީ އީސާގެފާނެވެ. ނަމަވެސް އޭނާއަކަށް އެއީ އެކަލޭގެފާނު ކަމެއް ނޭނގުނެވެ.

15 އީސާގެފާނު އޭނާ ކުރެން އެއްސެވިއެވެ. ”⁠ކަމަނާ ތިޔަ ރޮނީ ކީއްވެ؟ ކަލޭ ތި ހޯދަނީ ކާކު؟⁠“

16 އީސާގެފާނު ވިދާޅުވިއެވެ. ”⁠މަރިޔަމް!⁠“

17 ”⁠އަހަރެން ހިފަހައްޓަން ނޫޅޭ!⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަދިއެއް އަހަރެން ބައްޕާފުޅުގެ އަރިހަކަށް ނުދަން. ކަލޭ ގޮސް އަހަރެންގެ އަޚުން ހޯދާ! ގޮސް އެމީހުން ގާތު ބުނޭ، އަހަރެން މިދަނީ އަހަރެންނާއި ކަލޭމެންގެ ބައްޕާފުޅު، އަދި އަހަންނާއި ކަލޭމެންގެ ވެސް ކަލާނގެ އަރިހަށޭ.⁠“

18 މަރިޔަމް މަގްދަލޭނާ ގޮސް އަސްޙާބީން ހޯދައި އެމީހުން ގާތު ބުންޏެވެ. ”⁠އަހަރެން މާތްސާހިބާ ދެކެފިން!⁠“ ދެން އެކަލޭގެފާނު ދެއްވި ޚަބަރުފުޅު އޭނާ އެމީހުންނަށް ދިނެވެ.

19 އެއީ އެ އާދީއްތަ ދުވަހުގެ ހަވީރު އީސާގެފާނުގެ އަސްޙާބީން އެއްތަންވެ ދޮރުލައްޕައިގެން ތިއްބެވެ. އެއީ ބަނީއިސްރާއީލުންގެ ވެރިން ދެކެ ބިރުންނެވެ. ދެން އީސާގެފާނު ވަޑައިގެން އެމީހުންގެ މެދަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް!⁠“

20 ދެން އީސާގެފާނު އެކަލޭގެފާނުގެ އަތްތިލަފުޅުގަޔާއި އަރިކަށިފުޅުގައިހުރި ޒަޚަމުތަކުގެ ނިޝާން އެމީހުންނަށް ދެއްކެވިއެވެ. އެމީހުންނަށް މާތްސާހިބާ ފެނުމުން އުފަލުން ފުރުނެވެ.

21 ދެން އެކަލޭގެފާނު އަނެއްކާވެސް އެމީހުންނަށް ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް! އަހަރެން ކަލޭމެން މިފޮނުވަނީ ބައްޕާފުޅު އަހަރެން ވެސް ފޮނުއްވި ފަދައިން!⁠“

22 މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އެމީހުންގަޔަށް ފުމެލައްވާފައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބިގަނޭ.

23 ކަލޭމެން މީހެއްގެ ފާފައަށް މަޢާފު ކޮށްފިނަމަ އެމީހެއްގެ ފާފަ ފޮހެވޭނެ. ކަލޭމެން މީހެއްގެ ފާފައަށް ކަލޭމެން މަޢާފު ނުދީފިނަމަ އެ ފާފަ އޮންނާނީ ނުފޮހެވި.⁠“

24 އަސްޙާބީންގެ ތެރެއިން ވަނަމަކަށް ”⁠ދީދިމޫހު⁠“ އޭ ކިޔޭ ތޯމާސް އީސާގެފާނު ވަޑައިގެންނެވިއިރު އެތާނކު ނެތެވެ.

25 އަސްޙާބީން އޭނާ ގާތު ބުންޏެވެ. ”⁠އަހަރެމެން މާތްސާހިބާ ދެކެފިން.⁠“

26 ހަފުތާއެއްގެ ފަހުން އަނެއްކާވެސް އަސްޙާބީންތައް އެތެރޭގައި އެއްތަންވެ ތިއްބެވެ. އޭރު ތޯމާސް ވެސް އެމީހުންނާ އެކުގައި ހުއްޓެވެ. ދޮރުތައް ހުރީ ތަޅުލާފައެވެ. އެކަމަކު އީސާގެފާނު ވަޑައިގެން އެމީހުންގެ މެދަށް ހުއްޓިވަޑައިގެންފައި ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް!⁠“

27 ދެން އީސާގެފާނު ތޯމާސްއަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ އަތުގައި އަތްލާ ބަލާބަލަ. މަގޭ އަރިކަށީގައި ވާ ޒަޚަމުތަކުގެ ނިޝާންތަކުގައި އަތްލަބަލަ. ޝައްކު ކުރުން ދޫކޮށްލާ. ގަބޫލުކޮށް އީމާންވޭ!⁠“

28 ތޯމާސް ބުންޏެވެ. ”⁠މާތްރަސްކަލާނގެ! މަގޭ މާތްސާހިބާ!⁠“

29 ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ ތިޔަ އީމާންވީ ކަލޭގެ ލޮލުން މި ކަންތައްތައް ދެކެފައި. މީގެ އެއްވެސް ކަމެއް ނުދެކި އީމާންވެ ގަބޫލު ކުރާނެ މީހުންގެ މައްޗަށް މާބޮޑަށް ރަޙުމަތް ލެއްވިގެންވޭ.⁠“

30 އަސްޙާބީންގެ ކުރިމަތީގައި އީސާގެފާނު ވަނީ ވަރަށް ގިނަ މާނަ ފުން މުޢުޖިޒާތްތަކެއް ދައްކަވާފައެވެ. އެ ހުރިހާ ކަންތަކެއް މި ފޮތުގައި ލިޔެވިފައެއް ނުވެއެވެ.

31 ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.

Ler em outra tradução

Comparar lado a lado