Jonas 1

DIV

3 މިހެން އެންގެވީމާ ޔޫނުސްގެފާނު ކަންކުރެއްވި ގޮތަކީ އިސްރާއީލުގެ ޔާފާގެ ގޮނޑުދޮށަށް ވަޑައިގެން އެތަނުން އޮޑިއަކަށް ކުލިދައްކަވައި އެއަށް އަރުއްވައިގެން ނީނަވާއާ ދިމާ އިދިކޮޅަށް ދާން އޮންނަ ތަރްޝީޝްއަށް ދިއުމަށް ދަތުރު ފެއްޓެވީއެވެ.މާތްރަސްކަލާނގެއަށް ފިއްލެވުމަށް ކަމަށް ހިތައެވެ.

4 ކަނޑު ދެބައި ނުވަނީސް މާތްރަސްކަލާނގެ އަމުރުފުޅަށް ގަދަފަދަ ވައިރޯޅިއެއް އައިސް ކަނޑު ގަދަކޮށްލައިފިއެވެ. އިސާހިތަކު އޮޑިއަށް ނުކަތާ ވަރުވެއްޖެއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ އޮޑި ފުނޑުފުނޑުވެ ޣަރަގުވެދާނެ ހެންނެވެ.

5 ފަޅުވެރިން ބިރުން ގޮތްހުސްވެ އެމީހަކު ދަންނަ ކަލާނގެއަކަށް ދުޢާކޮށް ކިޔުނު ހެޔޮ އެއްޗެއް ކިޔާ ރޮއިހޭރެން ފަށައިފިއެވެ. އަދި އެމީހެއްގެ އަތުޖެހުނު އެއްޗެއް ކަނޑަށް އުކައި އޮޑި ފެންމަތީގައި ބެހެއްޓޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. މިކަންތައް ހިނގަމުން ދިޔައިރު ޔޫނުސްގެފާނު އޮންނެވީ ވަތުތެރަށް އެރިވަޑައިގެން ގަދަ އަވަހާރަފުޅުގައެވެ.

6 އޮޑީގެ ކައްޕިތާނަށް މިކަން އެނގުމުން އެކަލޭގެފާނަށް ގޮވައި ހޭފުޅު ލައްވައިފިއެވެ. މިވަރުވެގެން ދާއިރު ވެސް ކަލޭ ތިއޮންނަނީ ނިދާފައިތަ؟ ކައްޕިތާނު ރުޅިއައިސްގެން ބުންޏެވެ. ”⁠ތެދުވެ ކަލޭގެ ކަލާނގެއަށް ވެސް ދަންނަވާބަލަ މި މުސީބާތުން އަހަރެމެން މިންޖު ކޮށްދެއްވާތޯ.⁠“

7 މި މުސީބާތެއް އެމީހުންނަށް މި ލައިގަތީ ކީއްވެތޯ ބެލުމަށް ފަޅުވެރިން އޭރު ދަނީ ފާލު ބަލަމުންނެވެ. ފާލަށް އެރީ އެކަލޭގެފާނެވެ.

8 ”⁠ކަލޭ ތީ ކޮންތާކުން އައިސް އަރާހުރި ކާކުތަ؟⁠“ އެމީހުން ހަޅޭލަވައިގަތެވެ. ”⁠އަހަރެމެންނަށް މި މުސީބާތެއް މި ލައިގަތީ ކީއްވެތަ؟ ކަލޭ ތީ ކީއްކުރާ މީހެއްތަ؟⁠“

9 ”⁠އަހަރެން މީ ޢިބްރާނީއެއް.⁠“ ޔޫނުސްގެފާނު ވިދާޅުވިއެވެ. ”⁠އަހަންނަކީ އުޑުތަކާއި ބިމާއި ކަނޑު ހެއްދެވި މާތްރަސްކަލާނގެއަށް އަޅުކަން ކުރާ މީހެއް.⁠“

10 އެކަލޭގެފާނު އެއުޅުއްވަނީ މާތްރަސްކަލާނގެއަށް ފިއްލަވަންކަން އެކަލޭގެފާނުގެ ބަސްފުޅުން އެމީހުންނަށް އެނގުމުން އެމީހުން ގަތީ އަމަށަކު ބިރެއް ނޫނެވެ. ”⁠ތިޔަވަރުގެ ކަމެއް ކަލޭ ތިޔަކުރީ ކީއްވެތަ؟⁠“ އެމީހުން ބުންޏެވެ.

11 އޭރު ކަނޑު އަންނަނީ ކެކި އުތުރެމުންނެވެ. ދެނަކާ ދެނެއް ނެތެވެ. ”⁠މި ކަންތަކުން ސަލާމަތްވާން އަހަރެމެން ކުރަންވީ ކީއްތަ؟⁠“ އެމީހުން ސުވާލު ދެންނެވިއެވެ.

12 ”⁠އަހަރެން ކަނޑަށް އެއްލާލާ! އޭރުން ތިޔަ ހުރިހާކަމެއް ރަނގަޅުވީ.⁠“ އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މިއީ އަހަންނާހެދި ކަލޭމެންނަށް ލައިގަނެގެން އުޅޭ މުސީބާތެއް.⁠“

13 އެހެންނަމަވެސް އެ ގޮތަށް ކަންތައް ނުކޮށް އެމީހުން އުޅުނީ ހިކިފަސްތަނަކަށް ކައިރި ކުރެވޭތޯއެވެ. އެމީހުން ފަލިޖަހައި ހޭރިޔާކޮށް އެގޮތް މި ގޮތަށް މަސައްކަތް ކޮށް އުޅެ ވަރުބަލިވި އިރު ވެސް ހަމަ ހިލާ އެއްތަނަކަށް ވެސް ކައިރި ކުރެވޭނެ ގޮތެއް ނުވިއެވެ. ހައްތާ ދިޔައީ ގަދަވެ ނުރައްކާ ވަމުންނެވެ. އޭރު އަތަކަށް ފަޔަކަށް އޮބިއޮންނަ ވަރެއް ނޫނެވެ.

14 ދެން އެމީހުން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މި މީހާ ކުރި ކުށަކާހެދި އަޅަމެންގެ ފުރާނަ ނުގެންދަވާދޭވެ! އަދި ކުށެއްނެތް މީހަކު މަރާލުމުގެ އިލްޒާމު އަޅަމެންގެ ބޮލުގައި ނުއަޅުއްވާނދޭވެ! އިނބަ ރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ މިއީތާ!⁠“

15 މިހެން ދުޢާ ދެންނެވުމަށް ފަހު އެމީހުން އެކަލޭގެފާނު ކަނޑަށް އެއްލާލައިފިއެވެ. ހަމަ އެއާއެކު ވައިހިނދި ކަނޑު މަޑުވެ އޮމާން ވެއްޖެއެވެ.

16 ދެން، މި މީހުންނަށް މާތްރަސްކަލާނގެ ކުޅަދުންވަންތަކަން ފެނި ގަތް ބިރެއްގެ ބޮޑުކަމުން އެކަލާނގެއަށް ޤުރުބާނީއެއް ވެދުންކޮށް ނަދުރުބުނެ ހަދައްޕެވެ.

17 އޭރު މާތްރަސްކަލާނގެ ވަނީ އެކަލޭގެފާނު ދިރުވާލާނެ ބޮޑު މަހެއް ތައްޔާރު ކުރައްވައި ހަމަޖައްސަވާފައެވެ. އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ތިން ރޭ ތިން ދުވާ ވަންދެން އޮންނެވިއެވެ.

Ler em outra tradução

Comparar lado a lado