Hebreus 8

DIV

1 ބުނަން މި އުޅޭ ވާހަކައަކީ އަހަރެމެންގެ އުއްތަމަ އިމާމަކު ހުރި ވާހަކައެވެ. އެ އިމާމަކީ އުޑުގައިވާ އަރުޝިކޮޅުގައި ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅުގައި އިންނެވި އިމާމެވެ.

2 އެކަލޭގެފާނަކީ އުޑުގައިވާ އަސްލު ފޭލިގެކޮޅުގައި ޚިދުމަތް ކުރައްވާ އިމާމެވެ. މި އަޅުކަމުގެ މުޤައްދަސް ފޭލިގެކޮޅު ޖައްސަވާފައި ވަނީ މާތްރަސްކަލާނގެއެވެ. އިންސާނަކު ނޫނެވެ.

3 ކޮންމެ އުއްތަމަ އިމާމަކު ވެސް ޤުރުބާނީއާއި ވެދުންތައް ހުށަހަޅަން ޖެހެއެވެ. މިގޮތުން އަހަރެމެންގެ އުއްތަމަ އިމާމު ވެސް ކޮންމެވެސް އެއްޗެއް ވެދުން ކުރަން ޖެހިވަޑައިގަތެވެ.

4 އެކަލޭގެފާނު ބިންމަތީގައި ހުންނެވިނަމަ އެކަލޭގެފާނަކަށް މި އިމާމުކަމެއް ލިބިވަޑައެއް ނުގެންނެވީހެވެ. އެހެނީ ޤުރުބާނީ ހުށަހަޅަން މޫސާގެފާނުގެ ޤާނޫނުގެ ދަށުން އޭރު އިމާމުން އައްޔަން ކުރެވިފައިވާތީއެވެ.

5 އެކަމަކު އެމީހުން އެ ޚިދުމަތް ކުރަނީ އުޑުގައިވާ އަސްލު ގެކޮޅުގެ ނަމޫނާއާ އެއްގޮތަށް ހަދާފައި ހުރި ފޭލިގެކޮޅެއްގައެވެ. މޫސާގެފާނު ފޭލިގެކޮޅު ހެއްދެވުމަށް ތައްޔާރުވީ ހިނދު އެކަލޭގެފާނަށް އެންގެވިފައި ވަނީ ”⁠ފަރުބަދަމަތީގައި ކަލޭގެފާނަށް ދެއްކެވުނު ނަމޫނާއާ މުޅީން އެއްގޮތަށް އެ ހުރިހާ އެއްޗެއް ހައްދަވާށެވެ.⁠“

6 އެކަމަކު މިހާރު އީސާގެފާނު ވަނީ މާމަތީ މަގާމަކަށް އުފުއްލެވި ފައެވެ. އެކަލޭގެފާނު މިހާރު މެދުވެރިވެ ވަޑައިގެން ގެނެސް ދެއްވަނީ މާ ފުރިހަމަ ޢަހުދުނާމާއެކެވެ. އެއީ މާ މަތިވެރި ވަޢުދުފުޅުތަކެއްގެ މަތީގައި ބިނާވެގެންވާ އަހުދުނާމާއެއް ވެސްމެއެވެ.

7 ފުރަތަމަ ކުރެވުނު ޢަހުދުނާމާގައި މަސްއަލައެއް ނެތްނަމަ ދެވަނަ ޢަހުދުނާމާއެއް ކުރެއްވުމުގެ ބޭނުމެއް ނެތީހެވެ.

8 އެކަމަކު އެޢަހުދުނާމާގައި ހިމެނޭ މީހުންގެ އުނިކަން ދައްކަވަމުން އެކަލާނގެ ވަޙީ ކުރެއްވިއެވެ.

9 އެ ޢަހުދުނާމާއަކީ އެމީހުންގެ ކާބަފައިންގެ އަތުގައި ހިއްޕަވައިގެން ތިމަންކަލާނގެ އެމީހުން މިޞްރުން ބޭރުކުރެއްވި ދުވަހު ކުރެވުނުފަދަ ޢަހުދުނާމާއެއް ނޫނެވެ.

10 އެކަމަކު ތިމަންކަލާނގެ އިސްރާއީލުންނަށް މި އާ ޢަހުދުނާމާ ގާއިމު ކުރައްވައި،

11 އެމީހުންގެ ތެރޭން އެކަކު ވެސް އަނެކާގެ ގާތް ތިމާގެ ރައްޓެހިންގެ ގާތުގައި ތިމަންކަލާނގެ އިތުރު ތަޢާރަފެއް ބުނެދޭކަށް ނުޖެހޭނެ އެވެ.

12 އެމީހުން ކިތަންމެ ގޯހަކަސް ތިމަންކަލާނގެ އެމީހުންގެ ފާފަތައް އަފޫކުރައްވައި އޯގާވެރިވެ ވޮޑިގަންނަވާނަމެވެ.

13 މާތްރަސްކަލާނގެ އެހެން ޢަހުދުނާމާއެއް ކުރައްވާނެކަމަށް އެންގެވުމުން އޭގެ މާނައަކީ ކުރީގެ ޢަހުދުނާމާ ބާތިލުވީ ކަމުގައެވެ. ބާވެ ބޭނުންކެނޑިފައި ހުންނަ އެއްޗެހި ދާދި އަވަހަށް ލޯމަތިން ގެއްލިދާނެއެވެ.

Ler em outra tradução

Comparar lado a lado