1 މާތްކަލާނގެ އެންމެ ފުރަތަމަ އުފެއްދެވީ އުޑުތަކާއި މި ދުނިޔެއެވެ.
2 ދުނިޔެ އުފެއްދެވިއިރު އެވަނީ ސިފައެއްނެތި ހުސްކޮށެވެ. ވަށައިގެންވާ ފުންކަމުގައި ވަނީ އަނދިރިކަމެވެ. އޭރު މާތްކަލާނގެ ރޫޙުފުޅު ފެން މަތީގައި ބުރުއަޅަމުން ދިޔައެވެ.
3 ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”އަލިކަން ފާޅުވޭ!“ ދެން ހަމަ އެއާއެކު ދުނިޔެ އަލިވެގެން ދިޔައެވެ.
4 މާތްކަލާނގެ އެ އަލިކަމަށް ބައްލަވާވޮޑިގެން އެއަލިކަން ރަނގަޅުކަމަށް ދެކެވޮޑިގަތެވެ. ދެން މާތްކަލާނގެ އަނދިރިކަމުގެ ތެރޭން އަލިކަން ވަކި ކުރެއްވިއެވެ.
5 މާތްކަލާނގެ އެއަލިކަމަށް ދުވާލުގެ ނަމުން ނަންދެއްވިއެވެ. އަނދިރިކަމަށް އެކަލާނގެ ރޭގަނޑުގެ ނަމުން ނަންދެއްވިއެވެ. ރޭވެފައި އަލިވެއްޖެއެވެ. އެއީ ފުރަތަމަ ދުވަހެވެ.
6 ދެން މާތްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ފެންތަކުގެ މެދުން ހުސްތަނެއް އުފެދޭ! ފެންތަކުގެ ތެރޭން ފެންތަކެއް ވަކިވޭ!“
7 ދެން މާތްކަލާނގެ އެ ހުސްތަން އުފައްދަވައި އެ ހުސްތަނުގެ ތިރީގައި ހުރި ފެނާއި މަތީގައި ހުރި ފެން ވަކިކުރެއްވިއެވެ. އެކަން އެ ގޮތަށް ހިނގައިފިއެވެ.
8 ދެން އެހުސްތަނަށް މާތްކަލާނގެ އުޑުގެ ނަމުން ނަންދެއްވިއެވެ. ރޭވެފައި އަލިވެއްޖެއެވެ. އެއީ ދެވަނަ ދުވަހެވެ.
9 ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”އުޑުގެ ދަށުގައި ހުރި ފެން އެއްތަނަކަށް އެއްވޭ! އޭގެ ތެރޭން ހިކިފަސްތަން ފާޅުވޭ!“ ދެން އެކަން އެ ގޮތަށް ހިނގައިފިއެވެ.
10 ދެން އެ ހިކިފަސްތަނަށް ބިމޭ ވަޙީ ކުރައްވައި ނަންދެއްވިއެވެ. އަދި އެއްތަނަކަށް އެއްވި ފެންތަކަށް ކަނޑުގެ ނަމުން އެކަލާނގެ ނަންދެއްވިއެވެ. މިތަން ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
11 އެއަށް ފަހު މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ބިމުން ގަސްގަހާގެހި ފަޅާ! އޮށް ހުރި ގަސްތަކާއި މޭވާގައި އޮށް ހުންނަ ގަސްތަކާއި މިފަދަ ކޮންމެ ބާވަތެއް ބިންމަތީގައި ހެދޭ!“ ދެން މިކަންތައް އެ ގޮތަށް ހިނގައިފިއެވެ.
12 ބިމުން ގަސްގަހާގެހި ފަޅައި އޮށް ހުރި ގަސްތައް ފަޅައި މޭވާގައި އޭގެ އޮށް ހުރި ގަސްތައް ފަޅައި އެއިން ކޮންމެ ބާވަތެއް އެވައްތަރެއްގެ ގަހެއްގެ ގޮތުގައި ފަޅައިފިއެވެ. ދެން އެގަސްތައް ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
13 ރޭވެފައި އަލިވެއްޖެއެވެ. އެއީ ތިންވަނަ ދުވަހެވެ.
14 ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ރެޔާއި ދުވާ ވަކިކުރުމަށް އުޑުގައިވާ ހުސްތަނުގައި އަލިތައް އުފެދޭ! އަދި އެއީ މޫސުންތަކާއި ދުވަސްތަކާއި އަހަރުތައް ވަކިކޮށްދޭ ފާހަގަތަކެއް ކަމުގައިވޭ!
15 އަދި އެއީ އުޑުގެ ހުސްތަނުގައިވާ އަލިތަކަކަށް ވެ ބިންމައްޗަށް އެއިން އަލިކުރޭ!“ ދެން އެކަންތައް އެ ގޮތަށް ހިނގައިފިއެވެ.
16 މާތްކަލާނގެ ބޮޑު ދެ އަލިކަން އުފެއްދެވީ އޭގެ ތެރޭން ބޮޑު އަލިކަމުން ދުވާލުގެ މައްޗަށް އަމުރު ހިންގައި ކުޑައަލިކަމުން ރޭގަނޑުގެ މައްޗަށް އަމުރު ހިންގުމަށެވެ. ތަރިތައް ވެސް ވަނީ މިކަމަށް އުފައްދަވާފައެވެ.
17 މާތްކަލާނގެ އުޑުގައި މިއަލިތައް ބެހެއްޓެވީ ބިމަށް އަލި ކުރުމަށެވެ.
18 އަދި ދުވާލުގެ މައްޗަށާއި ރޭގަނޑުގެ މައްޗަށް ބާރު ހިންގުމަށެވެ. އަދި އަނދިރީގެ ތެރޭން އަލިކަން ވަކި ކުރުމަށް ވެސް މެއެވެ. މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
19 ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަތަރުވަނަ ދުވަހެވެ.
20 ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ފެންގަނޑުގައި އައިން އައިނަށް ދިރޭތަކެތި އުފެދޭ. އަދި ބިންމަތީ ޖައްވާއި އުދަރެހުގެ ހުސްކަމުގެ ތެރޭގައި ދޫނިސޫފާސޫފި އުދުހޭ!“
21 މިގޮތުން މާތްކަލާނގެ ކަނޑުގައި ބިޔަ ތަކެއްޗަކާއި ކޮޅުކޮޅު މައްޗަށް ދުވާ ތަފާތު އެތައް ބާވަތެއްގެ ދިރޭ ތަކެއްޗެއް އުފެއްދެވިއެވެ. އަދި އެކިބާވަތުގެ ދޫނިސޫފާސޫފި ވެސް އުފެއްދެވިއެވެ. ދެން މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
22 އަދި މާތްކަލާނގެ އެތަކެއްޗަށް ބަރަކާތްލެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ”އުފެދި ގިނަގުނަވެ ކަނޑުތައް ފުރާލާ! އަދި ދޫނި ސޫފާސޫފިތައް ގިނަގުނަވެ ދުނިޔެ ފުރާލާ!“
23 ރޭވެފައި އަލިވެއްޖެއެވެ. އެއީ ފަސްވަނަ ދުވަހެވެ.
24 އަދި މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ބިމުން އެކިބާވަތުގެ ދިރޭތަކެތި އުފެދޭ! އެކިކަހަލަ ޖަނަވާރުތަކާއި ސޫފާސޫފިތަކާއި ބިޔަތަކެތި އޭގެ ބާވަތްތަކުން އުފެދޭ!“ ދެން އެކަންތައް އެ ގޮތަށް ވެއްޖެއެވެ.
25 މިގޮތުން މާތްކަލާނގެ އެކި ބާވަތް ބާވަތުގެ ޖަނަވާރުތަކާއި އެކިބާވަތްބާވަތުގެ ދިރުންހުރި ތަކެތި ބިންމަތީގައި ލެއްވިއެވެ. ދެން މިތަކެތި ރަނގަޅުކަމަށް މާތްކަލާނގެ ދެކެވޮޑިގަތެވެ.
26 ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”މިހާރު އަހަރެމެންގެ ސޫރައިގައި އަހަރެމެންނާ އެއް ސިފައިގައި އިންސާނާ އުފައްދާނަން! އަދި އެއިންސާނުންނަށް ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިސޫފާސޫފިތަކާއި ބިމުގައިވާ ޖަނަވާރުތަކާއި އަދި އެހެން ވެސް މި ދުނިޔޭގައިވާ ނަމަ ވާހައި އެއްޗެއްގެ ވެރިކަން ދޭނަން.“
27 ދެން މާތްކަލާނގެ އެކަލާނގެ އަމިއްލަ ސޫރަފުޅުގައި އިންސާނާ ހެއްދެވިއެވެ. މާތްކަލާނގެ އިންސާނާ ހެއްދެވީ އެކަލާނގެއާ އެއްވައްތަރަށެވެ. އިންސާނާ އުފައްދަވާފައި ވަނީ ފިރިހެނަކާ އަންހެނެއްގެ ގޮތުގައެވެ.
28 މާތްކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”މޭވާ އަޅައި ގިނަގުނަވެ ދުނިޔެ ފުރާލާ! އަދި ދުނިޔެ މައްޗަށް ގަދަވެގަނޭ! ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިތަކާއި އަދި އެހެން ވެސް ދުނިޔޭގައި ހަރަކާތްކުރާ ހުރިހާ އެއްޗެއްގެ މައްޗަށް ވެރިކަން ހިންގާ!“
29 ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ބަލާލަބަލަ! އަހަރެން މިވަނީ އޮށްއަޅާ ހުރިހާ ބާވަތެއްގެ ގަހަކާއި އަދި މޭވާގައި އޮށް ހުންނަ ގަސްގަހާގެހި ދުނިޔޭގެ ބިމުން ފަޅުވާފައި. އެއީ ތިޔަބައިމީހުން އެތަކެތި ކައި ހެދުމަށްޓަކާ.
30 އަދި ދުނިޔޭގައި އުޅޭ ހުރިހާ ބިޔަ ޖަނަވާރުތަކަށާއި ވަޔާއި ޖައްވުގައި އުޅޭ ހުރިހާ ދޫނިތަކަށާއި ބިމުގައި އުޅޭހާ ސޫފާސޫތްޕަކަށާއި ނޭވާލައި ދިރޭ ހުރިހާ އެއްޗެއްގެ ކެއުމެއްގެ ގޮތުގައި ފެހިކުލައިގައިވާ ހުރިހާ ގަސްގަހާގެއްސެއް ދީފިން.“ ދެން އެކަންތައް އެ ގޮތަށް ހިނގައިފިއެވެ.
31 ދެން މާތްކަލާނގެ އެކަލާނގެ ހެއްދެވި ހުރިހާ ތަކެއްޗަކަށް ބައްލަވައި ވޮޑިގަތެވެ.