Êxodo 35

DIV

1 ދެން މޫސާގެފާނު ބަނީއިސްރާއީލުންގެ އެންމެން އެއްކުރައްވައި ވިދާޅުވިއެވެ. ”⁠މިއީ ކަލޭމެންނަށް މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތައް:

2 ކަލޭމެން މަސައްކަތްކޮށް އުޅެން ހަފްތާއަކު ހަ ދުވަސް އޮންނާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެދުވަސް ހޭދަކުރަން ވާނީ އަރާމު ކުރުމުގައި. އެއީ މާތްރަސްކަލާނގެއަށް ޚާއްސަކުރެވޭ މާތް ދުވަހެއް. އެދުވަހު މަސައްކަތެއް ކޮށްފި މީހާ މަރާލެވޭނެ.

3 އެދުވަހު އެކަކު ވެސް އުނދުން ވެސް ރޯކޮށްގެން ނުވާނެ.⁠“

4 ދެން މޫސާގެފާނު ބަނީއިސްރާއީލުގެ އެންމެހާ މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެންގެވީ މިހެން:

5 ’⁠ތިމަންކަލާނގެއަށް ހުށަހެޅުމަށް ވެދުން ގެންނާށޭ. ވެދުން ހުށަހަޅަން އެދޭ މީހުން ތިރީގައި މިވާ ފަދައިން ތިމަންކަލާނގެއަށް ވެދުންތައް ހުށަހަޅާށޭ:

6 ނުލާއި ދަނބާއި ގަދަރަތް ރޮދި؛

7 ހިއްކައި ރަތް ކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅި ހަމާއި މޮޅު ބަކަރި ހަން؛

8 ބައްތި ދިއްލާނެ ޒައިތޫނި ތެޔޮ؛ ޚާއްސަކުރެވޭ މީހުންގެ ގަޔަށް އޮއްސާ ތެލާއި މީރުވަސް ދުއްވާ ތަކެއްޗާއި ދުންބުރުވާ ހަދާނެ ތަކެތި؛

9 ޔަމަނު ޢަޤީޤު ހިލާއި އަފޫދު ހެދުމުގައި އާއި އޭގެ މޭމަތީ ފޮތިގަނޑުގައި ޖަހާނެ އެކިކަހަލަ ޖަވާހިރު.⁠‘

10 ކަލޭމެންގެ ތެރޭގައި ތިބި ފާޑުވެރި މޭސްތިރީންގެ އެންމެން އައިސް މާތްރަސްކަލާނގެ އެންގެވި ފަދައިން މިއެއްޗެހި ތައްޔާރު ކުރޭ:

11 ފޭލިގެކޮޅާއި އެތަނުގެ ނިވާތަކާއި އެތަކެތި ހަރުކުރާ ބުޅިތަކާއި އޮނިގަނޑުތަކާއި ހުރަސްދަނޑިތަކާއި ތަނބުތަކާއި އޭގެ ބުޑުތައް؛

12 ޢަހުދުނާމާ ފޮށިކޮޅާއި އެފޮށިކޮޅު އުފުލާނެ ދަނޑިތައް.

13 މޭޒުކޮޅާއި އުފުލާ ދަނޑިތަކާއި ތަށިތެލި ކަންވާރުތައް؛

14 ތަނަށް އަލިކުރުމަށް ބައްތި އެލުވާނެ ދަނޑިއަކާއި ބައްތި ތަށިތަކާއި އެއާއެކު ބޭނުންކުރެވޭ ތަކެއްޗާއި ބައްތި ދިއްލަން އަޅާނެ ޒައިތޫނި ތެޔޮ.

15 ދުންބުރުވާ އައްޓާއި އެ އުފުލާ ދަނޑިތައް؛

16 ޤުރުބާނީ އަންދާ އައްޓާއި އެ އުފުލާނެ ދަނޑިތަކާއި އޭގެ ކަފުލޮއިގެ ފުރޭންޏާއި އެހެނިހެން ސާމާނުތައް؛

17 އިމުގެ ވަށައިގެން ދަމާނެ ފަރުދާތަކާއި ތަނބު ތަކާއި އެ ބަހައްޓާނެ ބުޑުތައް؛

18 ފޭލިގެ ހިފަހައްޓަން ޖަހާ އިލިތަކާއި ވަށައިގެން ހަރިންމައިގައި ވާ ފަރުދާ ހަރުކުރާނެ އިލިތަކާއި ވާވެލާވެލި؛

19 މާތްވެގެންވާ މަޤާމުފުޅަށް ކުއްތަންވާއިރު އިމާމުން ލާން ފަހާނެ ރީތި ހެދުންތައް. އެއީ ހާރޫނުގެފާނާއި އޭނާގެ ދަރިކަލުން އިމާމުކަން ކުރާއިރު ލާނެ ކަރާމާތްތެރި ހެދުންކޮޅުތައް.⁠“

20 އެހެންކަމުން އިސްރާއީލީން މޫސާގެފާނު ދޫކޮށް ފޭލިގެތަކަށް ހިނގައްޖެއެވެ.

21 އެމީހުންގެ ހިތުގައި ރޫޙާނީ ވަރުގަދަ ފޯރިއެއް ހިނގައިގަނެ މާތްރަސްކަލާނގެއަށް ވެދުން ކުރުމަށް ފޭލިގެކޮޅަށް ބޭނުންވާނެ ތަކެތި ގެނަސްފިއެވެ. އަދި އަޅުކަން ކުރަން ބޭނުންވާހާ ތަކެއްޗަކާއި ކަރާމާތްތެރި ހެދުންތައް ވެސް ތައްޔާރުކޮށްގެން އަތުވެއްޖެއެވެ.

22 އެމީހުން އައިއިރު އެމީހުންގެ އަންހެންވެރިން ވެސް އައެވެ. އެމީހުން އެތަކެތި ގެނައީ ހިތުން ރުހުމުންނެވެ. މާތްރަސްކަލާނގެއަށް ވެދުން ހުށަހެޅުމަށް، ހެދުމުގައި ޖަހާ ރަންރިހީގެ ދަތިތަކާއި ކަންފަތުލާ މުދިތަކާއި އިނގިލީގައި އަޅާ އަނގޮޓިތަކާއި ކަރުގައި އަޅާ ފައްޓަރުތަކާއި މިފަދަ އެއްޗެހިތައް އެމީހުން ގެނައެވެ. އެމީހުން މިގެނައި ތަކެތި މާތްރަސްކަލާނގެއަށްޓަކައި އެކިކަންކަމަށް ވެދުން ކުރިއެވެ.

23 އަދި މިބާވަތުގެ ތަކެތި ހުރި މީހުން ވެސް އައީ އެ އެއްޗެހި ހިފައިގެންނެވެ: ނޫކުލައާއި ދަނބުކުލަ، އަދި ގަދަރަތް ކުލަ ރޮދި؛ މޮޅު ލިނެން ފޮއްޗާއި ބަކަރި ކެހެރީގެ މޮޅު ފޮތި؛ ހިއްކައި ރަތްކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅި ހަމާއި މޮޅު ގެރި ހަން.

24 އަދި ރިއްސާއި ކަފުލޯ ފަދަ ތަކެތި ހުރި މީހުން އެތަކެތި ގެނެސް މާތްރަސްކަލާނގެއަށް ވެދުން ކުރިއެވެ. އަދި އަކާސިޔާ ލަކުޑި ހުރި މީހުން އެއެއްޗެހިވެސް ގެނެސްދިނެވެ.

25 ތިނޯހުގެ މަސައްކަތް ކުރަން ދަންނަ އަންހެންވެރިން، ނުލާއި ދަނބާއި ގަދަރަތް ރޮދީގެ ބަރަނި އެޅިއެވެ. އަދި މޮޅު ފޮތި ވެސް ގެނައެވެ.

26 ބަކަރި ކެހެރިން އުއި ވަށަން ދަންނަ އެކަންތައް ކުރާ ހިތުން ތިބި އަންހެނުން އެމަސައްކަތް ވެސް ކުރިއެވެ.

27 އެމީހުންގެ އިސް ވެރިން، އަފޫދު ހެދުމާއި އޭގެ މޭމަތީ ފޮތިގަނޑުގައި ޖަހާނެ ޔަމަނު ޢަޤީޤު ހިލައާއި ޖަވާހިރުތައް ގެނައެވެ.

28 އަދި މީރު ވަސްދުވާ ތަކެއްޗާއި ބައްތި ދިއްލާނެ ޒައިތޫނިތެލާއި އުނގުޅާ ތެޔޮ ތައްޔާރު ކުރާނެ މީރު ވަސްދުވާ ތަކެއްޗާއި ދުން އަޅާނެ ތަކެތި ވެސް ގެނައެވެ.

29 މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރިކޮށް އެންގެވި ހުރިހާ ކަމެއް ކުރުމަށް ބޭނުންވާ ތަކެތި އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށް އެދުނު ބަނީއިސްރާއީލުގެ ހުރިހާ އަންހެނުންނާ ފިރިހެނުން އެތަކެތި ގެނެސް މާތްރަސްކަލާނގެ ކިބަފުޅަށް ހުށައެޅިއެވެ.

30 ދެން މޫސާގެފާނު ބަނީއިސްރާއީލުގެ މީހުންގެ ގާތު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ވަނީ ޔަހޫޛާގެ ގަބީލާގެ އޫރީގެ ދަރި އަދި ޙޫރުގެ ކާފަދަރި ބަޞަލީލު މި ކަންތައް ކުރުމަށް ހޮއްވަވާފައި.

31 މާތްކަލާނގެ ވަނީ އެއިލާހުގެ މާތްރޫޙުފުޅުން އޭނާއަށް މިކަމުގެ ޙިކުމަތާއި ކުޅަދާނަކަމާއި ވިސްނުން ދެއްވާފައި. އަދި ހުރިހާ ކަމެއް ކުރުމުގެ ފަންނުވެރިކަން ވެސް ވަނީ އޭނާއަށް ދެއްވާފައި.

32 އޭނާއަކީ ރަނާއި ރިހިން އަދި ކަފުލޯގެ އަތުމަސައްކަތާއި އަތްތެރިކަމުގެ ތަޖުރިބާ ލިބިފައި ހުރި ފާޑުވެރި މޭސްތިރިއެއް.

33 އަދި ޖަވާހިރުގައި ކަނޑާނަގައި އެ ހަރުކޮށް ލަކުޑީގެ ތަކެތި ބިންވަޅު ނެގުމަށް ވެސް ކުޅަދާނަ މީހެއް. އޭނާއަކީ ހުރިހާ މަސައްކަތެއްގެ މާހިރެއް.

34 އަދި އެކަލާނގެ ވަނީ އޭނާއާއި ދާނުގެ ގަބީލާއިން އައިސް ހުރި އަޚީސާމާކުގެ ދަރި އަހޫލިޔާބަށް، އެހެން މީހުންނަށް ކަންކަން ދަސްކޮށް ދިނުމުގެ ކުޅަދާނަކަން ވެސް ދެއްވާފައި.

35 އެކަލާނގެ ވަނީ ކުރެހުންތެރިންނާއި ފާޑުވެރިންނާއި، ތިނޯހުގެ މަސައްކަތް ކުރާ މީހުންނާއި ވިޔާ މީހުންނަށް އެ ހުނަރު ވެސް ދެއްވާފައި. އެމީހުންނަކީ ފާޑުވެރިކަމާއެކު ނުލާއި ދަނބު އަދި ގަދަރަތް ރޮދިން މޮޅު ހެދުންތައް ވިޔެ އުފެއްދުންތެރި ކަމާއެކު އެމަސައްކަތް ކުރުމުގެ އެންމެ ކުޅަދާނަ މީހުން ކަމުގައި ވަނީ ހިމެނިފައި.⁠“

Ler em outra tradução

Comparar lado a lado