Êxodo 22

DIV

1 ”⁠މީހަކު ގެރިއެއް ނުވަތަ ކަންބަޅިއެއް ވަގަށްނަގައި ކަތިލައި ނުވަތަ ވިއްކާ ހަދައިފިނަމަ، ގެރިއަކަށް ފަސްގެރި ކަންބަޅިއަކަށް ހަތަރު ކަންބަޅި ދޭން ޖެހޭނެ.

2 ވައްކަން ކުރަން ގެއަކަށް ވަދެ އުޅެނިކޮށް، ވަގަކު އަތުލައިގަނެވި އެ ވަގުކަލޭގެ ގައިގައި ޖެހުމުން އޭނާ މަރުވިޔަސް މީހަކު މެރިކަމުގެ ކުށުން އެ މެރިމީހާ ކުށްވެރިއެއް ނުވާނެ.

3 އެކަމަކު އެކަންތައް ހިނގީ ދުވާލުނަމަ ވަގުކަލޭގެ މަރާލިމީހާ ކުށްވެރިވާނެ.

4 މީހަކު ގެރިއެއް ނުވަތަ ހިމާރެއް ނުވަތަ ކަންބަޅިއެއް ވަގަށްނަގައިގެން އުޅެނިކޮށް އޭތި ދިރިއޮތްވާ ފެނިއްޖެނަމަ އޭގެ ވެރިމީހާއަށް އޭގެ ދެ ގުނަ ދޭން ޖެހޭނެ.

5 މީހެއްގެ ޖަނަވާރެއް އޭނާގެ ދަނޑުފިޔަވައި އެހެންމީހެއްގެ ދަނޑަކުން ވިނައާއި މޭބިސްކަދުރު ކާން ދޫކޮށްލައިފައި އޮވެއްޖެނަމަ އެޖަނަވާރުގެ ވެރިމީހާ އެކަމުގެ އަގު، އޭނާގެ އަތުގައި ހުރި އެންމެ މޮޅު ގޮދަނަކުން ނުވަތަ މޭބިސްކަދުރަކުން، ދަނޑުގެ ވެރިމީހާއަށް ދައްކަން ޖެހޭނެ.

6 މީހަކު ހުއިވަލުގައި އަލިފާން އަންދަނިކޮށް އަލިފާންގަނޑު މަތަނުވެގެން ގޮސް އެހެންމީހެއްގެ ގޮވާން ދަނޑެއްގައި ނުކަނޑާ ހުރި ގޮވާންތަކެއް، ނުވަތަ މުޅި ދަނޑު އަނދައިފިނަމަ އެ އަލިފާން ރޯކުރި މީހަކު އޭގެ އަގު ދައްކަން ޖެހޭނެ.

7 މީހަކު އެއްޗެހިތަކެއް ނުވަތަ ފައިސާތަކެއް އަވަށްޓެރިޔާގެ އަތުގައި ބަހައްޓާފައި ހުއްޓާ އެގެއިން އެ ފައިސާ ގެއްލި، އަދި އެ ވަގަށް ނެގީ ކާކުކަން އެނގިއްޖެނަމަ ވަގުކަލޭގެ އެ ނެގިއެއްޗެއްގެ ދެގުނަ ދޭން ޖެހޭނެ.

8 އެކަމަކު ވަގުކަލޭގެ އަތުލައި ނުގަނެވުނުނަމަ އެ އަވަށްޓެރިޔާ މާތްކަލާނގެ ކުރިމައްޗަށް އައިސް ހުވާ ކުރަން ޖެހޭނެ. އެ ގެއްލުނު އެއްޗަކާ މެދު އެކަލާނގެ ނިޔާ ކަނޑައަޅުއްވާނެ.

9 ފަހަރުގައި ގެރިއެއް ހިމާރެއް ކަންބަޅިއެއް ނުވަތަ އަންނައުނެއް ނުވަތަ އެހެން ވެސް އެއްޗެއް ގެއްލިފައި އޮވެގެން ދެމީހެއްގެ ދެމެދުގައި ދެބަސް ވުމެއް އުފެދިއްޖެނަމަ އެ ދެމީހުން ވެސް މާތްކަލާނގެ ކުރިމައްޗަށް އައިސް ހުވާކުރަން ޖެހޭނެ. އެދެމީހުންގެ ތެރޭން ކުށްވެރިޔަކު މާތްކަލާނގެ ކަނޑައެޅުއްވުމުން އެމީހާ އޭގެ ދެގުނަ، ވެރިމީހާއަށް ދޭން ޖެހޭނެ.

10 މީހަކު އޭނާގެ ހިމާރެއް ގެރިއެއް ކަންބަޅިއެއް ނުވަތަ އެނޫން ވެސް ޖަނަވާރެއް ބެލެހެއްޓުމަށް އަވަށްޓެރިޔަކާ ހަވާލުކޮށްފައި ހުއްޓައި އޭން އެއްޗެއް މަރުވެ އަނިޔާއެއްވެ ގެއްލި ކަމެއްވެ އެވީ ގޮތެއް ނޭނގުނު ނަމަ،

11 އަވަށްޓެރިޔާ އަހަރެން ގަންދީ ހުވާކުރަން ވާނެ. އަވަށްޓެރިޔާ އެއެއްޗެއް ވަގަށް ނުނަގާކަން އަހަރެން ކަނޑައަޅައިފި ނަމަ އޭގެ ވެރިމީހާ އެ ނިޔާ ގަބޫލުކުރަން ވާނެ. އަދި އަވަށްޓެރިޔާ އެއަށް އަގު ދައްކާކަށް ނުޖެހޭނެ.

12 އެކަމަކު އަސްލުގައި އެމީހާ އެޖަނަވާރު ވަގަށް ނެގި ކަމަށް ވާނަމަ ކުށްވެރިޔާ އޭގެ ވެރިމީހަށް އަގު ދައްކަން ޖެހޭނެ.

13 އެ ތަކެތި ވަލު ޖަނަވާރެއްގެ ޝިކާރައަކަށްވެ ނޮޅާލެވިފައި ވާނަމަ ބާކީ ހުރި ތަކެތި ހެއްކެއްގެ ގޮތުގައި ދައްކަން ވާނެ. އެއަކަށް އަގެއް ދޭކަން ނުޖެހޭނެ.

14 މީހަކު އަވަށްޓެރިޔާގެ އަތުން އަނބުރާ ދޭގޮތަށް ޖަނަވާރެއް ގެންގޮސްގެން އުޅެނިކޮށް އޭގެ ވެރިމީހާ ނެތީސް އެއަށް ހާނީއްކައެއް ލިބި މަރުވެ ކަމެއް ވެއްޖެ ނަމަ އޭގެ ފުރިހަމަ އަގު އޭގެ ވެރިމީހާއަށް ދައްކަން ޖެހޭނެ.

15 އެކަމަކު ވެރިމީހާ އެތަނުގައި ހުރެއްޖެނަމަ އަގެއް ދައްކާކަށް ނުޖެހޭނެ. އަދި އެއީ ކުއްޔަށް ގެންދިޔަ ޖަނަވާރެއްނަމަ އެއަށް އިތުރު އަގެއް ދޭކަށް ނުޖެހޭނެ. އެހެނީ އެއަށް ދެއްކި ކުލި ބެލެވޭނީ އޭގެ އަގު ކަމަށް.⁠“

16 ”⁠މީހަކާ އިންނަން ރުހޭ ބަސް ނުބުނެ ހުރި ބިކުރުވެރި އަންހެންކުއްޖަކު ހައްލާލައިގެން އެކުއްޖާއާ އެކު ޖިންސީގުޅުން ހިންގައިފި މީހަކު ނަމަ އެކުއްޖަކަށް އާދަކާދައާ އެއްގޮތަށް ދޭ ކައިވެނީގެ ޚަރަދު ދީ އެކުއްޖާއާ ކައިވެނިކުރަން ޖެހޭނެ.

17 އެކަމަކު އެކުއްޖާގެ ބައްޕަ އެ ކައިވެންޏާ ނުރުހުނަސް ކައިވެންޏަކަށް ދޭންޖެހޭ ހުރިހާ ޚަރަދެއް އެކުއްޖާއަށް ދޭން ޖެހޭނެ.

18 ސިހުރުހަދާ އަންހެނަކު ދިރިހުއްޓަ ދީގެން ނުވާނެ.

19 ޖަނަވާރަކާއެކު ޖިންސީ ގުޅުން ހިންގައިފި މީހާ މަރާލަން ޖެހޭނެ.

20 މާތްރަސްކަލާނގެ ނޫން އިލާހަކަށް ޤުރުބާނީއެއް ކޮށްފި މީހެއްނަމަ އެމީހާ ނައްތާލަން ޖެހޭނެ.

21 ބީރައްޓެހިންނާ މެދު އިހާނެތިކޮށް ހިތައި ހިތުގަޖައްސައި ހަދައިގެން ނުވާނެ. ކަލޭމެން ހަނދާން ކުރަން ޖެހޭނެ، ޚުދު ކަލޭމެން މިޞްރުގެ ބިމުގައި އުޅުނީ ވެސް ބީރައްޓެހިންގެ ގޮތުގައި ކަން.

22 ހުވަފަތް އަންހެނަކާއި ޔަތީމު ކުއްޖެއްގެ ނިކަމެތިކަމުގެ ފައިދާ ނަގައިގެން ނުވާނެ.

23 ކަލޭމެން މީހަކު އެފަދަ ކަމެއް ކޮށްގެން އޭގެ މީހަކު އަހަރެންނަށް ހުށަހަޅައިފިނަމަ އެ މީހުންގެ ރުއިމުގެ އަޑު އަހަރެން ނިކަން ހުރެ އަޑުއަހާނަން.

24 އަހަރެންގެ ރުޅިވެރިކަން އެފަދަކަމެއް ކުރި ބަޔަކާ ދިމާއަށް ގަދަފަދަކަމާއެކު ފޮނުވާނަން. އަދި ހަނގުރާމައެއްގައި އެބަޔަކު ކަނޑިދަށުލާނަން. އޭރުން އެމީހުންގެ އަނބީން ހުވަފަތް ވެ ދަރިން ޔަތީމުވެދާނެ.

25 އަހަރެންގެ މީސްތަކުންގެ ތެރެއިން ހާލުގައި ޖެހިފައިވާ މީހަކަށް ފަހުން ދައްކާ ގޮތަށް ކަލޭމެން ދޭ ފައިސާއިން ރިބާ ނަގައިގެން ނުވާނެ.

26 އަވަށްޓެރިޔާ މަތިން ލާ ކޯޓު ރަހުނުކޮށް ފައިސާ އަތުލައިފިނަމަ އެ އެތި އިރުއޮއްސުމުގެ ކުރީން އަނބުރާ ދޭން ޖެހޭނެ.

27 އެ ކޯޓަކީ އޭނާ ގައިގައިލާން އޮތް ހަމަ އެކަނި އެތިގަނޑު ކަމަށް ވެއްޖެ ނަމަ، އޭނާ އެއެތިގަނޑާ ނުލާ ނިދާނީ ކިހިނެއް؟ އެއެތިގަނޑު ކަލޭ ނުދީގެން އޭނާއަށް ނުނިދިގެން އަހަރެންނަށް ހުށަހަޅައިފި ނަމަ، އެ ރުއިމުގެ އަޑު ވެސް އަހަރެން އަހާނަން. އެހެނީ އަހަރެންނަކީ އޯގާވަންތަ ކަލާނގެ.

28 ކަލޭމެން އެކަކު ވެސް މާތްކަލާނގެ މައްޗަށް ޤަދަރު ކުޑަކޮށްގެން ނުވާނެ.

29 އަހަރެންނަށް ކަލޭމެން ވެދުން ހުށަހަޅާއިރު އެހުށަހަޅާ ގޮދަނަކުން އަދި މޭބިސްކަދުރު ދިޔައަކުން ބައެއް ކަލޭމެން ނުފޮރުވާތި.

30 ކަލޭމެންގެ ގެރިބަކަރިތަކުގެ ތެރޭން ކަންބަޅިތަކާއި ބަކަރިތަކުގެ ދޮށީ ފިރިހެންއެތި އަހަރެންނަށް ޚާއްސަ ކުރަން ވާނެ. އެ އެތި އޭގެ މައިއެތި ކާރީގައި ހަތްދުވަސް ވަންދެން ބޭއްވުމަށް ފަހު އަށްވަނައަށް ވާ ދުވަހު އެ އެތި އަހަރެންނަށް ހުށަހަޅަން ވާނެ.

31 ކަލޭމެން ވާން ޖެހޭނީ އަހަރެންނަށް ނިސްބަތްވެގެންވާ މާތް މީހުން ކަމުގައި. އެހެންކަމުން އެހެން ޖަނަވާރެއް މަރައި ނޮޅައި ހަދާފައިވާ އެއްޗެއް ކަލޭމެން ކައިހަދައިގެންނުވާނެ. އެއެއްޗެއް ކުއްތާތަކަށް ކާން ދީ.⁠“

Ler em outra tradução

Comparar lado a lado