1 މިއީ ޔަޢުޤޫބުގެފާނާއެކު މިޞްރަށް ގެންދެވި އިސްރާއީލުގެ ދަރިންނާއި އެދަރިންގެ އާއިލާގެ ނަންތަކެވެ.
2 ރައޫބައިން، ޝިމްޢޫން، ލާވީ، ޔަހޫޛާ،
3 ޔައްސާކަރު، ޒަބޫލޫން، ބަންޔާމީން،
4 ދާނު، ނަފްތާލީ، ޖާދު އަދި އަޝީރު އެވެ.
5 ޔޫސުފުގެފާނު އޭރު ވެސް ވަނީ މިޞްރުގައެވެ. ޔަޢުޤޫބުގެފާނުގެ ދަރިކޮޅުގެ މީހުންގެ އަދަދަކީ ހަތްދިހައެވެ.
6 މިހާރު ޔޫސުފުގެފާނާއި އެކަލޭގެފާނު އާއިލާއާއި އެދުވަސްވަރުގެ އެންމެން މަރުވެ ހިނގައްޖެއެވެ.
7 އެކަމަކު އިސްރާއީލީން ތަނަވަސްކަން އިތުރުވެ ދަރިފަސްކޮޅު އެތައް ގުނައަކަށް ގިނަވެ މުޅި މިޞްރުގެ ބިން ފުރިއްޖެއެވެ.
8 ދެން ޔޫސުފުގެފާނަކީ ކޮން ބޭކަލެއްކަން އެނގި ވަޑައި ނުގަންނަވާ ރަސްކަލަކު މިޞްރުގެ ރަސްކަމަށް އިސްވެ ވަޑައިގެންފިއެވެ.
9 މިރަސްގެފާނު މިޞްރުގެ މީހުންގެ ގާތު ވިދާޅުވިއެވެ. ”ނިކަން ބަލާބަލަ، ބަނީއިސްރާއީލުން ގިނަވެ އަހަރެމެންނަށް ނުތަކާ ވަރު ވެއްޖެ.
10 އެމީހުން ގިނަ ނުވާނެ ކަހަލަ ހިންތާއެއް އަހަރެމެން ހަދަން ވެއްޖެ. އެހެންނޫނީ އަހަރެމެންނާ ހަނގުރާމައެއް ކުރިމަތި ލާ ދުވަހަކުން އެމީހުން އަހަރެމެންގެ ދުޝްމިނުންނާއި ބައިވެރިވެ އަހަރެމެންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހު ފިލައި ރައްކާވެދާނެ.“
11 އެހެންވެ މިޞްރު މީހުން އެމީހުންގެ ދިރިއުޅުން ދަތި ކުރުމަށްޓަކައި އަޅުވެތި ކޮށްފިއެވެ. އަދި އެމީހުންގެ މައްޗަށް އަމުރުކުރަން ހަރުކަށި ވެރިން ލައިފިއެވެ. އެމީހުން ލައްވާ ބުރަ މަސައްކަތް ކުރުވައި ޕިތޫމް އާއި ރަޢަމްސީސްގެ ރަށްތައް ރަސްގެފާނުގެ ގުދަން ތަކެއްގެ ގޮތުގައި ބިނާ ކުރުވައިފިއެވެ.
12 އެކަމަކު އެމީހުން ފިއްތި ވަރަކަށް އެމީހުންގެ އަދަދު ގިނަވެ ފެތުރުން ދިޔައީ އިތުރުވަމުންނެވެ. މިކަމާ މިޞްރު މީހުން ވަކިން ބޮޑަށް އިސްރާއީލީން ދެކެ ބިރުގެންފިއެވެ.
13 ދެން އެމީހުންނާމެދު އެއްވެސް ރަޙުމެއް ނުބަހައްޓައި އެމީހުން ލައްވާ ބުރަ މަސައްކަތް ކުރުވަން ޖައްސައިފިއެވެ.
14 މިޞްރު މީހުން އެމީހުން ލައްވައި ގާއަޅުވައި އުވަ ގައްޓުވައި ދަނޑުތަކުގައި އެކިބާވަތުގެ މަސައްކަތް ކުރުވައި އެމީހުންނަށް ދުއްތުރާ ކުރަން ފަށައިފިއެވެ. މި ގޮތަށް އެމީހުން ލައްވާ މަސައްކަތް ކުރުވާއިރު އެމީހުންނާ މެދު މިޞްރު މީހުން ކުޑަވެސް ރަޙުމެއް ނުބަހައްޓައެވެ.
15 ދެން ޢިބްރާނީންގެ ފޫޅުމައިން ކަމުގައިވާ ޝިފްރާ އާއި ފޫއާއަށް މިޞްރު ރަސްގެފާނު އެންގެވިއެވެ.
16 ”ކަލޭމެން ޢިބްރާނީންގެ އަންހެނުންގެ ދަރިން ވިއްސަން ތިބޭ އިރު ފިރިހެން ދަރިއެއް ވިހައިފިއްޔާ މަރާލާތި. އަންހެން ދަރިއެއް ނަމަ މަރާނެ ކަމެއް ނެތް.“
17 އެކަމަކު މި ފޫޅުމައިން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވެ ފިރުޢައުނު ރަސްގެފާނު އެންގެވި ގޮތެއް ނުހެދިއެވެ. އެމީހުން އެ ފިރިހެން ދަރިންނެއް ނުމެރިއެވެ.
18 ދެން ފިރުޢައުނު މި ފޫޅުމައިން ބަލާފޮނުއްވައިގެން ގެންނަވައި ސުވާލު ކުރެއްވިއެވެ. ”ކަލޭމެން ތިހެން ކަންތައް ކުރީ ކީއްވެ؟ އަހަރެން ބުނިހެން ފިރިހެން ދަރިން ނުމެރީ ކީއްވެ؟“
19 އެމީހުން ދެންނެވިއެވެ. ”ޢިބްރާނީންގެ އަންހެނުން މިޞްރު އަންހެނުން ހެނެއް ނޫން. އެމީހުން އެއީ ނިކަން ފަސޭހައިން ވިހާބައެއް. އަޅުގަނޑުމެންނަށް ދެވޭ އިރު އެމީހުން ތިބެނީ ވިހައިގެން.“
20 މި ފޫޅުމައިންނަށް މާތްކަލާނގެ ހެޔޮގޮތް މިންވަރު ކުރެއްވިއެވެ. ބަނީއިސްރާއީލު މީހުންގެ އަދަދު ދިޔައީ ގިނަވަމުންނެވެ.
21 މި ފޫޅުމައިން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވީތީ އެކަލާނގެ އެމީހުންނަށް އަމިއްލަ ދަރިންނާއި އާއިލާ ދެއްވިއެވެ.
22 ދެން ފިރުޢައުނު އޭނާގެ އެންމެންނަށް އެންގެވިއެވެ. ”އުފަންވާ ކޮންމެ ޢިބްރާނީ ފިރިހެން ދަރިއެއް ނީލަކޯރަށް އެއްލާލާ. އެކަމަކު އެއްވެސް އަންހެން ދަރިޔަކު ނުމަރާތި.“