1 މަސީޙީ ޖަމާޢަތުގެ އިސް މީހެއް ކަމަށްވާ ޔޫޙަންނާގެ ފަރާތުން އަހަރެންގެ އިޚުލާސްތެރި އަޚު ގާޔުސްއަށް މި ސިޓީ ލިޔެ ފޮނުވަމެވެ. ތިބާއީ ޙަގީގަތުގައި އަހަރެން ލޯބިވާ ފަރާތެއްމެއެވެ.
2 އަހަރެންގެ އިޚުލާސްތެރި އެކުވެރިޔާއެވެ! ތިބާ ރޫޙާނީ ގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ވާފަދައިން ޖިސްމާނީ ގޮތުން ވެސް އުފާ ފާގަތިކަމުގައި ވުމަށް އެދި އަހަރެން ދުޢާކުރަމެވެ.
3 އެހެނީ ތެދު ޙަޤީޤަތުގެ މަތީގައި ތިބާ ސާބިތުވެހުރި ވާހަކަ ބައެއް އަޚުން އައިސް އަހަރެންގެ ގާތު ބުނުމުންނާއި އަދި ޙައްޤު ގޮތުގައިވެ ތިބާ ޙަޔާތާއިގެން ކުރިއަށްދާ ވާހަކަ ބުނުމުން ނުހަނު މަތިވެރި އުފަލެއް އަހަރެންނަށް ލިބުނެވެ.
4 ޙައްޤު ގޮތުގައި ދެމިތިބެ އަހަރެންގެ ދަރިން ކުރިއަށް ދާކަމުގެ ޚަބަރު ލިބުމުން ލިބޭ އުފަލަށް ވުރެން މަތިވެރި އުފަލެއް އަހަރެންނަކަށް ނުލިބޭނެއެވެ.
5 ލޮބުވެތި އެކުވެރިޔާއެވެ. މަސީޙީންގެ ތެރެއިން ހިމެނިގެންވާ އަޚުންނާއި އުޚުތުންނަށް މެހުމާންދާރީ އަދާކުރުމުގައިވެ ތިބާގެ އީމާންތެރިކަން ދައްކަވައި ދިނެވެ. އެހެނީ އެބައިމީހުންނަކީ ތިބާ ނުދަންނަ ބީރައްޓެހި ބަޔަކު ކަމުގައި ވީއިރު ވެސް މެއެވެ.
6 މަސީޙީ ޖަމާޢަތާ މެދުގައި ތިބާގެ ކިބައިގައިވާ ލޯބި އެމީހުން ހާމަކޮށް ދިނެވެ. މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދައިން އެދެވޭ ސުލޫކެއްގެމަތީގައި އެބައިމީހުންގެ ދަތުރު ފުރިހަމަ ކުރުމުގައި އެބައިމީހުންނަށް ތިބާ އެހީތެރިވެދޭށެވެ.
7 އެބައިމީހުން ވީ އީސާގެފާނުގެ ޚިދުމަތުގައެވެ. އެމީހުން ގަސްތުކުރީ އެކަލޭގެފާނަށް އީމާން ނުވާ އެއްވެސް މީހެއްގެ ކިބައިން އެހީއެއް އެދަތުރުގައި ނުހޯދުމަށެވެ.
8 އެފަދަ ފަރާތްތަކަށް އަހަރެމެންގެ އެއްބާރުލުމާއި މެހުމާންދާރީ ދޭންވާނެއެވެ. އެގޮތުން އެބައިމީހުން ތެދު ޙަޤީޤަތް ފަތުރަމުން ގެންދާއިރު އެމީހުންނަށް ބައިވެރިވެވޭނެއެވެ.
9 އަހަރެން މަސީޙީ ޖަމާޢަތަށް ލިޔުނީމެވެ. ނަމަވެސް ދިއޯތްރިފިސް ބޭނުންވީ އެންމެ އިސް ވެރިޔަކީ އޭނާ ކަމުގައި ވުމަށެވެ. އެހެންވެ އަހަރެމެން ބުނިބަހެއް އޭނާ އަޑެއް ނޭހިއެވެ.
10 އެހެންކަމުން އަހަރެން ދާ ފަހަރަކުން ދިއޯތްރިފިސް ކުރިކަންތައް މަސީޙީ ޖަމާޢަތުގެ ސަމާލުކަމަށް ގެނުވާނަމެވެ. އޭނާ ވަނީ އަހަރެމެން ބަދުނާމުކޮށް އެތަކެއް ނޭދެވޭ ވާހަކަތަކެއް ދައްކާފައެވެ. އޭގެއިތުރުން ދަތުރުކުރަމުން އައި އެދުރުންތަކެއް ބަލައިނުގަނެ މަސީޙީ ޖަމާޢަތުން އެމީހުންނަށް އެހީއެއް ވެސް ވިޔަ ނުދީ ހުއްޓުވިއެވެ. އަދި އެމީހުންނަށް އެހީތެރިވާ ބަޔަކު ނަމަ އެޖަމާޢަތުން ބޭރު ވެސް ކުރިއެވެ.
11 އަހަރެންގެ އިޚުލާސްތެރި އަޚާއެވެ. ނުބައި އެއްވެސް ކަމެއް ނަކަލު ނުކުރާށެވެ. ނަމަވެސް ހެޔޮ ކޮންމެ ކަމެއްމެ ބަލައިގަންނާށެވެ. ހެޔޮ އަމަލު ކުރާ މީހާ މިލްކުވެގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. އެހެނަސް ނުބައި އަމަލުކުރާ ބަޔަކަށް މާތްކަލާނގެއަކީ ކޮބައިކަމެއް ނޭނގެއެވެ.
12 ދީމީތްރިޔޫސް އާއި ބެހޭގޮތުން އެންމެން ވެސް ބުނަނީ އޭނާގެ ރަނގަޅު ވާހަކައެވެ. އަދި އޭނާގެ އަމަލުތަކުން އެމީހުން އެބުނި ބަހަކީ ހަގީގަތެއްކަން ދައްކައިދެއެވެ. އަހަރެމެން ވެސް އޭނާ ރަނގަޅޭ ބުނަމެވެ. އަދި އަހަރެމެން ބުނާ މި ބަހުގެ ތެދުކަން ތިބާ ވެސް ރަނގަޅަށް ދަންނާނެއެވެ.
13 ތިބާ ގާތު އަހަރެން ދައްކަން ވަރަށްގިނަ ވާހަކަތަކެއް އެބަހުއްޓެވެ. އެހެނަސް އެވާހަކަތައް ގަލަމާއި ދެލިން ބުނާކަށް އަހަރެން ނޭދެމެވެ.
14 އަހަރެން އުންމީދު ކުރަނީ ނުހަނު އަވަހަށް ތިބާއާއި ބައްދަލުވެ ތިބާގެ ގާތު މި ވާހަކަ ދެއްކުމަށެވެ.
15 މާތްކަލާނގެ ތިބާއަށް ސުލްޙަވެރިކަން ދެއްވާށިއެވެ. މިތަނުގައިވާ އެންމެހައި އެކުވެރިން ތިބާއަށް ސަލާމް ފޮނުވައެވެ. ކޮންމެ އެކުވެރިޔަކަށް އަހަރެންގެ ނަމުގައި ސަލާމް ބުނެދޭށެވެ.