2 Samuel 5

DIV

1 އިސްރާއީލުގެ ހުރިހާ ގަބީލާއަކުން ދާއޫދުގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއެވެ. އެމީހުން ދެންނެވިއެވެ. ”⁠އަޅުގަނޑުމެން މީ ކަލޭގެފާނާ އެއް ލޭ ހިނގާ ކަލޭގެފާނުގެ އާއިލާގެ މީހުން.

2 ކަލޭގެފާނަކީ ޝާއުލްގެފާނުގެ ދުނިޔޭގައި ކުރި ހުރިހާ ހަނގުރާމައެއްގައި ވެސް އިސްވެ ހުންނަވައި އަދާވާތްތެރިންގެ މައްޗަށް ކާމިޔާބު ހޯއްދެވި ކަލޭގެފާނު. މާތްރަސްކަލާނގެ ވަނީ އެކަލާނގެ މީހުންގެ މައްޗަށް މަގު ދައްކަވާނެ ބޭކަލެއް ކަމުގައި ކަލޭގެފާނު ލައްވައި، އެމީހުންގެ ރަސްކަލަކަށް ކަލޭގެފާނު ހައްދަވާނެ ކަން އަންގަވާފައި.⁠“

3 އެގޮތުން އިސްރާއީލުގެ ހުރިހާ ބޮޑުން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނާ ބައްދަލު ކުރިއެވެ. ދާއޫދުގެ ފާނު އެމީހުންނާއެކު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި މުޢާހަދާއެއް ކުރައްވައިފިއެވެ. ދެން އިސްރާއީލުގެ ހަރުމީހުން އައިސް ދާއޫދުގެފާނުގެ އިސްތަށިފުޅަށް ޒައިތޫނި ތެޔޮ އަޅައި އެކަލޭގެފާނު ރަސްކަމަށް އިސްކޮށްފިއެވެ.

4 ދާއޫދުގެފާނު ރަސްކަމަށް އިސްކުރެވުނު އިރު އެކަލޭގެފާނުގެ އުމުރުފުޅުން ވީ ތިރީސް އަހަރެވެ. އެރަސްގެފާނު ރަސްކަމުގައި ސާޅީސް އަހަރު ދެމި ހުންނެވިއެވެ.

5 ދާއޫދުގެފާނު ޙަބްރޫންގައި ހުންނަވައި ޔަހޫޛާގެ މައްޗަށް ހަތްއަހަރާއި ހަމަސް ދުވަހު ވެރިކަން ކުރައްވައި އަދި ޖެރޫސަލަމުގައި ހުންނަވައިގެން މުޅި އިސްރާއީލާއި ޔަހޫޛާގެ މައްޗަށް ތެއްތިރީސް އަހަރު ރަސްކަން ހިންގެވިއެވެ.

6 ރަސްގެފާނާއި އެކަލޭގެފާނުގެ މީހުން ޖެރޫސަލަމުގައި ދިރިއުޅޭ ޔަބޫސީންނާ ހަނގުރާމައަށް ވަޑައިގަތެވެ. ޔަބޫސީން ދާއޫދުގެފާނަށް ދެންނެވިއެވެ.

7 އެކަމަކު ދާއޫދުގެފާނު ވަޑައިގެން ޞިޙްޔޫނުގެ ކިއްލާ ހިއްޕަވައިފިއެވެ. އެއީ މިހާރު ”⁠ދާއޫދުގެ ސަހަރު⁠“ އެވެ.

8 ހަނގުރާމައަށް ދިޔަ ދުވަހު ދާއޫދުގެފާނު އެކަލޭގެފާނުގެ މީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އަދާވާތްތެރި ޔަބޫސީން ބަލިކޮށްލަން ބޭނުންނަމަ ފެނުގެ ހޮހަޅައިގެ ތެރެއިން ލާފަ އެރަށަށް އަރާ! އެތަނުން ކަލޭމެންނަށް ލޯފަން މީހުންނާއި ކޮރު މީހުންނާ ހަމަޔަށް ދެވޭނެ.⁠“

9 ދާއޫދުގެފާނު އެސަހަރުގެ ކިއްލާ ހިއްޕަވައި އެތަނުގައި ވަޒަންވެރިވެ ވަޑައިގެންފިއެވެ. ދެން އެ އަވަށަށް ”⁠ދާއޫދުގެ އަވަށް⁠“ މިހެން ނަންދީފިއެވެ. ދެން އެތަނުގެ ވަށައިގެން އޮންނަ މިއްލޫ އޭ ކިޔާ ހިސާބު ބޭރުން އެތެރެއަށް ޢިމާރާތް ކުރައްވައި އާބާދު ކުރައްވައިފިއެވެ.

10 މިހާރު ދާއޫދުގެފާނުގެ ބާރުފުޅު ގަދަވަމުން ދިޔައެވެ. އެހެނީ އެކަލޭގެފާނާއެކު ކުޅަދުންވަންތަ މަތިވެރިރަސްކަލާނގެ ވޮޑިގެން ވޭމެއެވެ.

11 ޞޫރުގެ ރަސްގެފާނު ހީރާމު ދާއޫދުގެފާނުގެ އަރިހަށް ޚަބަރައިގެން މީހަކު ފޮނުއްވިއެވެ. ޙީރާމުގެ ރަސްގެފާނު ސަނޫބަރު ލަކުޑިއާއި ވަޑިންނާއި ރާނާ މީހުން ވެސް ދާއޫދުގެފާނަށް ގަނޑުވަރެއް ބިނާ ކޮށްދެއްވުމަށް ފޮނުއްވިއެވެ.

12 މިހެން ކަމުން ދާއޫދުގެފާނަށް ހަމަ ޙަޤީޤަތުގައި ވެސް އިސްރާއީލުގެ ރަސްކަން މާތްރަސްކަލާނގެ ދެއްވައިފިކަން ޔަޤީން ވެ ވަޑައިގެންފިއެވެ. އަދި މާތްރަސްކަލާނގެ އެކަލޭގެފާނަށް މިހާ މަތިވެރި އާރާއި ބާރެއް މިދެއްވީ އިސްރާއީލުންގެ މައްޗަށް އެކަލާނގެ ހެޔޮ އެދިވޮޑިގަންނަވާތީ ކަން ވެސް އެކަލޭގެފާނަށް ވިސްނި ވަޑައިގަތެވެ.

13 އޭގެ ފަހުން ދާއޫދުގެފާނު ޙަބްރޫނުން ޖެރޫސަލަމަށް ވަޑައިގެންފިއެވެ. އަދި އެކަލޭގެފާނު އިތުރު އަނބިންނާއި އަދި ޖާރިޔާއިންނާއި ކައިވެނިބައްލަވައި އެ އެންމެންނަށް ވެސް ދަރިން ލިބިވަޑައިގެންފިއެވެ.

14 ދާއޫދުގެފާނަށް ޖެރޫސަލަމުގައި ހުންނަވަނިކޮށް ލިބިވަޑައިގެންނެވި ދަރިކަލުންތަކަކީ، ޝައްމޫޢުއާއި، ޝޫބާބުއާއި، ނާޘާންއާއި، އަދި ސުލައިމާން އެވެ.

15 މީގެ އިތުރުން އިބްހާރު، އަލްޔުސޫޢު، ނަފްޖު، ޔަފީއު،

16 އަލްޔަސްމިޢު، އަލްޔަދަޢު، އަދި އަލްޔަފާލިތު އެވެ.

17 ފިލިސްޠީނީންނަށް އިސްރާއީލުގެ ވެރިޔަކަށް ދާއޫދުގެފާނު ހަމަޖެހުނު ކަމާއި މިހާރު އިސްރާއީލުގެ ރަސްކަލަކީ ދާއޫދުގެފާނު ކަމުގެ ޚަބަރު ލިބިއްޖެއެވެ. އެހެންވެ ފިލިސްޠީނުން ދާއޫދުގެފާނު އަވަހާރަކޮށްލުމަށް އެކަލޭގެފާނު ހުންނެވިތަނެއް ބަލާ ހޯދަން ފަށައިފިއެވެ. އެ ޚަބަރު ދާއޫދުގެފާނަށް ލިބިވަޑައިގަތުމުން އެކަލޭގެފާނު ޖެރޫސަލަމުގެ ކިއްލާއަށް ވަޑައިގެންފިއެވެ.

18 ފިލިސްޠީނީން އައިސް ރަފާއީމްގެ ވާދީގައި ބަނޑަހަ ޖަހައިފިއެވެ.

19 ދާއޫދުގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި ސުވާލު ދެންނެވިއެވެ. ”⁠މިއަޅާ ފިލިސްޠީނީންނާ ހަނގުރާމަށް ދާންވީތޯ؟ ފިލިސްޠީނީން ބަލި ކުރުމަށް އިނބަރަސްކަލާނގެ މިއަޅާއަށް ވާގިވެރިވެ ވޮޑިގަންނަވާނަންތޯ؟⁠“

20 ދެން ދާއޫދުގެފާނު ބަޢަލް ފަރާޒީމަށް ވަޑައިގެން ފިލިސްޠީނީން ބަލިކުރައްވައިފިއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ފިލިސްޠީނުންގެ މައްޗަށް އަހަރެމެންނަށް ފަތަޙަ ދެއްވީ ފެން ހަރުލާފައިވާ ސަތަރިއެއް ފޫދިޔައިމާ ފެން ފައިބައިގަންނަ ފަދައިން.⁠“ އެހެން ކަމުން އެތަނަށް ”⁠ބަޢަލް ފަރާޒީމު⁠“ މިހެން ނަން ކިއުނެވެ.

21 ފިލިސްޠީނީން ގެންގުޅުނު ކަލާނގެތަކުގެ ބުދުތައް އެއްލާލާފައި ދިއުމުން ދާއޫދުގެފާނާއި އެކަލޭގެފާނުގެ މީހުން ބަޢަލް ފަރާޒީމުން އެބުދުތައް ގެންދަވައިފިއެވެ.

22 ފިލިސްޠީނީން އަނެއްކާވެސް އައިސް ރަފާއީމްގެ ވާދީގައި ބަނޑަހަ ޖަހައިފިއެވެ.

23 މިވާހަކަ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދެންނެވުމުން އެކަލާނގެ ދާއޫދުގެފާނަށް އެންގެވިއެވެ. ”⁠އެތަނަށް ނުދޭ. ފިލިސްޠީނުންގެ ފައުޖުގެ ފުރަގަހުން ގޮސް ބަލްސާން ގަސްތަކުގެ ކުރިމަތިން ހަމަލަ ދީ.

24 ހަމަލަދޭން ފަށަންވާނީ ބަލްސާން ގަސްތަކުގެ މަތިން ގުންފައިޖަހާފައި ބަޔަކު ހިނގާފައި ދާކަހަލަ އަޑެއް އިވުމުން. އެވަގުތު ތިމަންކަލާނގެ ކަލޭގެފާނަށް ވުރެން ކުރީގައި އެތަނުގައި ވޮޑިގަންނަވައި ކަލޭގެފާނަށް ފިލިސްޠީނީން ބަލިކޮށް ދެއްވާނަން.⁠“

25 ދާއޫދުގެފާނު މާތްރަސްކަލާނގެ އެންގެވިގޮތަށް ކަންތައް ކުރައްވައިފިއެވެ. އެކަލޭގެފާނު ފިލިސްޠީނީން ފައްސަވައި ވަޑައިގެން ޖިބްޢައިނުން ފެށިގެން ޖާޒަރުއާ ދެމެދުގައި ތިބިހާ ފިލިސްޠީނީންނެއް މަރުއްވައި ހުސްކޮށް ލައްވައިފިއެވެ.

Ler em outra tradução

Comparar lado a lado