1 މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ.
2 ތިޔަބައިމީހުންނަށް ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި ދެއްވާށިއެވެ. އެއީ ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ އަދި އަހަރެމެންގެ މާތްސާހިބާ އީސާގެފާނު އެނގިގެންވުމުންނެވެ.
3 އަހަރެމެންނަށް ފުރިހަމަ ގޮތުގައި އީސާގެފާނު އެނގިގެންވުމުން އެކަލޭގެފާނުގެ އިލާހީ ކުޅަދުންވަންތަކަމުން މާތްރަސްކަލާނގެ މަގުގައި ޙަޔާތް ވޭތުކުރުމާއި އެކަލާނގެއަށް ޚިދުމަތް ކުރުމުގައި ބޭނުންވާނޭ އެންމެހާ ތަކެއްޗެއް އަހަރެމެންނަށް ދެއްވިއެވެ. އެކަލޭގެފާނު އަހަރެމެންނަށް ދަޢުވަތު ދެއްވީ އެކަލޭގެފާނުގެ ޢަޖާއިބެއްފަދަ ޖަލާލަތުކަމާއި ހެޔޮކަމުގައި އަހަރެމެން ވެސް ޙިއްސާ ވުމަށެވެ.
4 މިގޮތުގެ މަތީން އެކަލާނގެ އަހަރެމެންނަށް ވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވިފަދައިން އަގުހުރި ހަދިޔާތަކެއް ދެއްވާފައެވެ. އެއީ މިހަދިޔާތަކުގެ އެހީގައި ދުނިޔޭގައިވާ ފާހިޝް ފަނާކުރަނިވި އެދުންތަކުން ތިޔަބައިމީހުން ސަލާމަތްވާނެ ފަދައިން ވުމަށެވެ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އިލާހީ ފިތުރަތުގައި ޙިއްސާވާނެ ހެން ވުމަށް ވެސް މެއެވެ.
5 މި ސަބަބަށްޓަކާ ތިޔަބައިމީހުންގެ އީމާންތެރިކަމާ ހެޔޮކަން ގުޅުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާށެވެ. އެފަދައިން ތިޔަބައިމީހުންގެ ހެޔޮކަމާ އިލްމު ގުޅުވަން ވެސް މަސައްކަތް ކުރާށެވެ.
6 ތިޔަބައިމީހުންގެ އިލްމާ އަމިއްލަ ނަފްސުގެ މައްޗަށް ބާރުހިންގުން ގުޅުވާށެވެ. އަދި ނަފްސުގެ މައްޗަށް ބާރު ހިންގުމާ، ސާބިތުކަމާ ކެތްތެރިކަން ގުޅުވާށެވެ. އަދި ސާބިތުކަމާ ކެތްތެރިކަމާ ކަލާނގެ ރުހިވޮޑިގަންނަވާ ގޮތްތައް ގުޅުވާށެވެ.
7 ކަލާނގެ ރުހިވޮޑިގަންނަވާ ގޮތްތައް އަޚުވަންތަކަމުގެ ކުލުނާ އެކުލައްވާށެވެ. އެ އަޚުވަންތަކަމުގެ ކުލުނުގައި ލޯބި ހިމަނާށެވެ.
8 ތިޔަބައިމީހުން މިފަދައިން ހެދި ބޮޑެތި ވަމުން ދާނަމަ މާތްސާހިބާ އީސާ އަލްމަސީޙު ތިޔަބައިމީހުންގެ ޙަޔާތަކީ ބޭނުންތެރި އަދި މަޢުނައިން ފުރިގެންވާ ޙަޔާތެއްގެ ގޮތުގައި ހައްދަވައި އަދި އެކަލޭގެފާނާއިމެދު ތިޔަބައިމީހުންނަށް އެނގިގެންވާ މިންވަރު ހާމަވާނެއެވެ.
9 ނަމަވެސް މި އުސޫލުތަކުގެ މަތީގައި ހެދި ބޮޑުވަމުންނުދާ ފަރާތްތައް ވަނީ ދުރުނުފެންނަ ކަނު ބައެއްގެ ގޮތުގައެވެ. އަދި އެބައިމީހުން ވަނީ މާޒީވެ ދިޔަ އެބައިމީހުންގެ ޙަޔާތުގެ ފާފަތައް މާތްރަސްކަލާނގެ ޢަފޫ ކޮށްދެއްވިކަން ހަނދާންނެތިފައެވެ.
10 އެހެންވީމާ، މަގޭ އަޚުންނާއި އުޚުތުންނޭވޭ! މީސްތަކުންގެ ތެރެއިން މާތްރަސްކަލާނގެ ގޮވާލައްވާ، ތިޔަބައިމީހުން ޚިޔާރު ކުރެއްވި ގޮތާއިމެދު ސާބިތުކޮށްދިނުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. މި ގޮތުގައި ތިޔަބައިމީހުން ތިބެއްޖެނަމަ ފާފައިގެ ތެރެއަށް ފުރޮޅިގެންނެއް ނުދާނެއެވެ.
11 އަދި އަހަރެމެންގެ މާތްސާހިބާ، ދިންނެވުން ދެއްވާ ފަރާތްކަމުގައިވާ އީސާ އަލްމަސީޙުގެ ނިމުމެއް ނުވާ ރަސްކަންފުޅަށް ވާސިލުވުމަށްޓަކައި ތިޔަބައިމީހުންނަށް ފުޅާވެގެންވާ ދޮރުކޮޅެއް މާތްރަސްކަލާނގެ ހުޅުއްވައި ދެއްވާނެއެވެ.
12 މިތަކެތި ތިޔަބައިމީހުންނަށް އަބަދާއަބަދު ހަނދުމަ ކޮށްދިނުމަށް އަހަރެން ބޭނުންވެއެވެ. ހަމައެއާއެކު މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިގެންވާ ތަކެތި ވެސް މެއެވެ. އަދި އެތަކެތީގެ މަތީގައި ތެދުވެރި ކަމާއިއެކު ތިޔަބައިމީހުން ގާއިމުވެތިބި ތަކެތި ވެސްމެއެވެ.
13 އަހަރެން ދިރިހުރިހާ ހިނދަކު މިތަކެތި ތިޔަބައިމީހުންނަށް ހަނދުމަކޮށްދިނުމުގައި ދެމިހުރުމަކީ އަހަރެން ގަބޫލުކުރާ ގޮތެވެ.
14 ނަމަވެސް އަހަރެންގެ ޙަޔާތުގައި މާގިނަ މުއްދަތެއް ނުވާކަމުގައި މާތްސާހިބާ އީސާ އަލްމަސީޙު އަހަރެންނަށް ދައްކުވައި ދެއްވައިފިއެވެ. އަހަރެންގެ ނިމުން މިވަނީ ވަރަށް ކައިރީގައެވެ.
15 މިތަކެތި ތިޔަބައިމީހުންނަށް ހާމަކޮށްދިނުމަށް ގަދައަޅައި އަހަރެން މަސައްކަތް މިކުރަނީ އެހެން ވެގެންނެވެ. އަހަރެން މި ދުނިޔޭގައި ނެތް ދުވަހެއް އަތުވެއްޖެނަމަ ތިޔަބައިމީހުން މިތަކެތި ހަނދުމަ ކުރުން މަތީގައި ދެމިތިބުމަކީ އަހަރެންގެ އެދުމެވެ.
16 މާތްސާހިބާ އީސާ އަލްމަސީޙުގެ ކުޅެދުންތެރިކަމުގެ ވާހަކަ އާއި އެކަލޭގެފާނު އެނބުރި ވަޑައިގަތުމާއިމެދު އަހަރެމެން ތިޔަބައިމީހުންނަށް ބުނެދޭ ވާހަކަތަކަކީ ހަދަހަދައިގެން އަހަރެމެންގެ ޙިކުމަތުން ބުނެދޭ ވާހަކަތަކެއްނޫނެވެ. އެކަލޭގެފާނުގެ ޢިއްޒަތްވަންތަކަމުގެ ސާބިތު ހެކި އަހަރެމެންގެ ލޯތަކަށް ވަނީ ފެނިފައެވެ.
17 މާތްރަސްކަލާނގެ އިއްޒަތްތެރި ޖަލާލަތު ކަމާއިއެކު އެކަލާނގެ ވަޙީ ބަސްފުޅު މިފަދައިން އަހަރެމެންނަށް އިވިގެން ދިޔަ އެވެ. ”ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންގެ މައްޗަށް ތިމަންކަލާނގެ ރުހިވޮޑިގަތުން ވޭ.“ އެ ހިނދު އީސާގެފާނަށް މާތްރަސްކަލާނގެ ބައްޕާފުޅުގެ މަތިވެރިވެގެންވާ ޝަރަފާއި ޖަލާލަތު ލިބިވަޑައިގެންނެވިއެވެ.
18 އެކަލޭގެފާނުގެ އަރިހުގައި މާތްވެގެންވާ ފަރުބަދައިގައި އަހަރެމެން ވީހިނދު އުޑުން ބާވައިލެއްވި މި ވަޙީބަސްފުޅު އަހަރެމެންގެ ތެރެއިންވީ ހުރިހާ އެންމެންނަށް އިވިގެންވިއެވެ.
19 އެފަދަ ތަޖުރިބާކަމުގެ ސަބަބުން އަހަރެމެންނަށް ނަބީން ގެންނެވި ބަސްފުޅުތަކާމެދު އިތުރު އިތުބާރެއް ލިއްބާދެއެވެ. އެބޭކަލުން ލިޔުއްވާފައިވާ ބަސްފުޅުތަކާއިމެދު ސަމާލުވާށެވެ. އެބޭކަލުންގެ ބަސްފުޅުތައް އަނދިރި ތަނެއްގައި ބަބުޅަމުން ދާ އަލިކަންފަދައިން ވެއެވެ. އެއީ އަލްމަސީޙު އެނބުރި ވަޑައިގެން ފަޖުރުތަރި ފަދައިން ތިޔަބައިމީހުންގެ ހިތްތަކުގައި ވިދާ ބަބުޅާ ދުވަހަށް ދާންދެނެވެ.
20 މި ބަޔާންވެދިޔަ އެންމެހާ ތަކެއްޗަށް ބަލައި ބުނަމެވެ. ތިޔަބައިމީހުން ދޭހަވެ ދަސްކުރަންވީ ނަބީބޭކަލުން ގެނެސްދެއްވި ފަތްފުށްތަކުގައި ވާ އިލާހީ ވަޙީބަސްފުޅުތަކަކީ އެބޭކަލުންގެ އަމިއްލަ ނަފްސުން ހާމަކޮށްދެއްވި ތަކެއްޗެއް ނޫންކަމެވެ.
21 އެހެނީ އެއްވެސް ރިސާލަތެއް އިންސާނާގެ އަމިއްލަ އިޚްތިޔާރަކުން ނުގެނެވެއެވެ. އެކަމަކު މީސްތަކުން މާތްރޫޙުފުޅުގެ ބާރު ދަށަށް އައުމުން އެމީހުން ބުނާބަސްތައް މާތްކަލާނގެ ރިސާލަތުކަމުގައި ވެދެއެވެ.