1 Samuel 4

DIV

1 ޞަމޫއީލްގެ ބަސްތައް އިސްރާއީލުގެ ހުރިހާ ދިމާއަކަށް ފެތުރިގެން ހިނގައްޖެއެވެ.

2 ފިލިސްޠީނުން ބަނީ އިސްރާއީލުންނާ ހަމަލަ ދިނުމަށް ތައްޔާރުވުމާއެކު ހަނގުރާމަ ފެށިއްޖެއެވެ. ފިލިސްޠީނުން އިސްރާއީލުގެ ހަތަރުހާސް ސިފައިން މަރާލައި ހަނގުރާމަ ފަތަޙަ ކޮށްފިއެވެ.

3 އިސްރާއީލުގެ ސިފައިން އެނބުރި ފޭލިގެތަކަށް ދިއުމުން ބޮޑުން މިފަދައިން އެކަކުއަނެކަކާ ސުވާލު ކުރިއެވެ. ”⁠މާތް ރަސްކަލާނގެ އަހަރެމެން ފިލިސްޠީނުގެ އަތުން ބަލި ކުރެއްވީ ކީއްވެބާ؟ އަހަރެމެން މާތްރަސްކަލާނގެ ޢަހުދު ކުރެއްވި ފޮށިކޮޅު ޝީލޫހުއިން ނަގައިގެން ގެންދާނަން. އެއީ މާތް ރަސްކަލާނގެ ވެސް އަހަރެމެން ކުރާ ހަނގުރާމައިގައި ބައިވެރިވެ ވޮޑިގެން އަހަރެމެންނަށް ކާމިޔާބު ލިބުމަށް އެހީތެރިވެ ދެއްވާތޯ.⁠“

4 ދެން އެމީހުން ކުޅަދުންވަންތަ މާތްރަސްކަލާނގެ ޢަހުދު ކުރެއްވި ޢަހުދުނާމާ ފޮށިކޮޅު ބަލާ ޝީލޫހު އަށް މީހުން ފޮނުވައިފިއެވެ. އެ ފޮށިކޮޅަކީ އޭގެ މަތީގައި ރަނުން ދެ މަލާއިކަތުންގެ ސޫރައިގައި ކަރޫބީމު ހަދާފައި އެ ދެމެދުގައި މާތްރަސްކަލާނގެ ފާޅުވެ ވޮޑިގެންނެވި ތަން ހަދާފައިވާ ފޮށިކޮޅެކެވެ. ފޮށިކޮޅާއެކު ޢާލީގެ ދެ ދަރިން ކަމަށްވާ ޚުފްނީއާއި ފީނަޙާސް ވެސް އައެވެ.

5 ޢަހުދުނާމާ ފޮށިކޮޅު ގެނައުމާއެކު ބަނީއިސްރާއީލުގެ މީހުން އުފަލުން ހަޅޭއްލަވައިގަތް އަޑު ގަދަކަމުން ބިންގަނޑު ގުޑައިގެން ދިޔައެވެ.

6 އެމީހުންގެ ހަޅޭކުގެ އަޑު ފިލިސްޠީނުގެ މީހުންނަށް އިވުމުން މި އިވެނީ ކޮން ހަޅޭކެއް ހޭ އެމީހުން އަހަން ފެށިއެވެ.

7 ފިލިސްޠީނުގެ މީހުން ބިރުގެންފިއެވެ. އެމީހުން ބުންޏެވެ. ”⁠ކަލަކު ހަނގުރާމައަށް ވަޑައިގެންފި. އަހަރެމެންގެ ކަންތައް ކޮޅުންލައިފި. މިއަކީ މީގެ ކުރިއަކު ވީކަމެއް ނޫން.

8 އަހަރެމެންގެ ދުވަސް ހިނގައްޖެ. އެފަދަ ބާރުގަދަ ކަލުންގެ ކިބައިން އަހަރެމެން ރައްކާތެރިކޮށް ދޭނީ ކާކު؟ އެއީ މިޞްރުގެ މީހުންނަށް ހަނަފަސް ސަހަރާގައި އެކިކަހަލަ ބަލިތައް ފޮނުއްވައި އެމީހުން ނައްތާލެއްވި ކަލުން.

9 ހިތްވަރުގަދަ ކުރޭ. ފިރިހެނުންގެ ގޮތުގައި ހަނގުރާމަ ކުރޭ. އެހެންނޫނީ އަހަރެމެންނަށް އެމީހުން އަޅުވެތިވީ ފަދައިން އަހަރެމެން ވެސް އެމީހުންނަށް އަޅުވެތިވާން ޖެހިދާނެ.⁠“

10 މިހެންވެ ފިލިސްޠީނުން ހިތްވަރު ކޮށްފައި ހަނގުރާމަ ކުރިއެވެ. އިސްރާއީލީން ބަލިވެ އެއެންމެން ގެއާ ދިމާއަށް ދުއްވައިގެންފިއެވެ. މިއީ އިސްރާއީލުންނަށް ލިބުނު ވޭންދެނިވި ބަލިވުމެކެވެ. އެމީހުން ގެ ތިރީސް ހާސް ސިފައިން މަރުވެ ދިޔައެވެ.

11 ފިލިސްޠީނުން ވަދެ މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު އަތުލައިގެންފިއެވެ. އަދި ޢާލީގެ ދެ ދަރިންކަމަށް ވާ ޚުފްނީ އާއި ފީނަޙާސް މަރާލިއެވެ.

12 އެދުވަހު ޝީލޫހުއަށް ދިޔަ ބަންޔާމީން ދަރިކޮޅު މީހަކު އޭނާގެ ހިތާމަ ފާޅުކުރުމަށް ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން ހުރެ މައިދާނުން ދުވެފައި ދިޔައެވެ.

13 އޭރު ޢާލީ ރަށުގެ ބޮޑު ދޮރާށި ދޮށުގައި ގޮނޑިއެއް ބަހައްޓައިގެން މުޤައްދަސް ފޮށިކޮޅާމެދު ފިކުރުބޮޑުވެފައި އިނެވެ. އޭރު އެ މީހާ އެދިމާއަށް އާދެއެވެ. ބަންޔާމީންގެ ދަރިކޮޅު މި މީހާ އައިސް މި ޚަބަރު ދިނުމުން ރަށުގެ އެންމެން ހަރު އަޑުން ރޯން ފަށައިފިއެވެ.

16 ”⁠އަހަރެން މީ ހަނގުރާމައިގެ މައިދާނުން މިއަދު ފިލައިގެން އައިމީހެއް.⁠“ ޢާލީ ސުވާލު ކުރިއެވެ. ”⁠ދަރިފުޅާ، ވީ ކީއްތަ؟⁠“

17 އެމީހާ ބުންޏެވެ. ”⁠އިސްރާއީލީން ފިލިސްޠީނީންގެ އަތުން ބަލިވެ ފިލައިގެން ހިނގައްޖެ. އަދި އެކަން އެކަންޏެއް ވެސް ނޫން. ކަލޭގެ ދެ ދަރިން ވެސް އޭގެ ތެރޭގައި ހިމެނުނު. އަދި މާތްކަލާނގެ ޢަހުދު ކުރެއްވި ފޮށިކޮޅު ވެސް އެމީހުން އަތުލައިގެންފި!⁠“

18 ބަންޔާމީންގެ މީހާ މުޤައްދަސް ފޮށިކޮޅާއި ބެހޭގޮތުން މިބުނި ވާހަކަ އަޑު އިވުމުން ޢާލީ އިން ގޮނޑިން އިދިފުށަށް ވެއްޓިއްޖެއެވެ. އޭނާ ވެއްޓުނީ ބޮޑު ދޮރާށި ކައިރިއަށެވެ. ޢާލީ ވެއްޓި ކަނދުރާ ބިންދައިގެން ހިނގައްޖެއެވެ. އޭނާއަކީ މުސްކުޅި ފަލަ މީހެކެވެ. އެހެންކަމުން ވަގުތުން އޭނާ މަރުވެއްޖެއެވެ. ޢާލީ ވަނީ ސާޅީސް އަހަރު ވަންދެން އިސްރާއީލީންގެ މައްޗަށް ވެރިކަންކޮށްފައެވެ.

19 ޢާލީގެ ދަނބިދަރި، ފީނަޙާސްގެ އަނބިމީހާ އިނީ ބަލިވެއެވެ. އޭރު ވަނީ ދަރިފުޅު ވިހަން ކައިރިވެފައެވެ. އޭނާއަށް މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ގެންދިޔަ ޚަބަރު ލިބުނެވެ. އަދި ޢާލީއާއި އޭނާގެ ފިރިމީހާ މަރުވި ޚަބަރު ވެސް ލިބުނެވެ. މި ޚަބަރު އިވުމާއެކު އޭނާގެ ވޭންވަރު ގަދަވެ ދަރިފުޅު ފާޅުވާން ފަށައިފިއެވެ.

20 އޭނާ މަރުވަމުން ދިޔައިރު އަންހެނަކު އައިސް އޭނާއަށް އެހީތެރިވިއެވެ. އޭނާ ބުންޏެވެ. ”⁠ކަންބޮޑުނުވޭ. ކަލޭ ފިރިހެން ދަރިއަކު ވިހައިފި.⁠“

21 އޭނާ މަރުވުމުގެ ކުރީން އެ ދަރިފުޅަށް ޔަކުބޫދުއޭ ކިޔާ ނަން ދިނެވެ. އެހެނީ އެދުވަހު އިސްރާއީލުގެ އަތުން މާތްރަސްކަލާނގެޖަލާލަތު ވަންތަކަން ޖަހައިގެން ގެންދެވުނީތީ އެވެ. އޭނާ މިހެން މި ހެދީ މާތްކަލާނގެ ފޮށިކޮޅު ގެއްލި ދިއުމުގެ އިތުރުން އޭނާގެ ފިރިމީހާއާއި ބަފައިކަލޭގެ ވެސް މަރުވެ ދިއުމުންނެވެ.

22 އޭނާ ބުންޏެވެ. ”⁠އިސްރާއީލުގެ ޖަލާލަތުކަން އެމީހުންގެ އަތުން ބީވެގެން ހިނގައްޖެ. އެހެނީ މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ފިލިސްޠީނުގެ މީހުން އެމީހުންގެ އަތުން ޖަހައިގެންފި.⁠“

Ler em outra tradução

Comparar lado a lado